ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު
ހުޅުމާލެ. ފްލެޓް ނަންބަރު 03-ޖީ-125

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ގެންދަވަނީ، 2000ވަނަ އަހަރުން ފެށިގެން ދިވެހި ތާރީޚުގެ ދާއިރާއިން، ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުންނެވެ. ޚާއްޞަގޮތެއްގައި، ދިވެހި ތާރީޚު ދިރާސާކުރައްވައި، ފޮތް އެކުލަވައިލައްވައި އަދި ދިރާސީ ގިނަ ލިޔުންތަކެއް ޝާއިޢު ކުރައްވަމުންނެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ކުރައްވައިފައިވާ ތާރީޚީ ދިރާސާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިންމު ތާރީޚީ ފޮތްތަކެއް ވަނީ ލިޔެ ޝާއިޢުކުރައްވައިފައެވެ. އޭގެތެރެއިން، 1988 ނޮވެންބަރު 3ގެ ހާދިސާއާ ބެހޭގޮތުން 2012ވަނަ އަހަރު ދިވެހި ޢަސްކަރިއްޔާއިން ނެރުއްވި "ތިނެއް ނޮވެމްބަރު" ފޮތާއި، ދިވެހި ޢަސްކަރިއްޔާގެ ކަނޑުމަތީގެ ޚިދުމަތް ފެށިގެން އައިގޮތާއި، ތާރީޚުގެ މައްޗަށް އަލިއަޅުއްވައިލައްވައި، 2013ވަނަ އަހަރު ޝާއިޢުކުރެއްވި "އެމް.އެން.ޑީ.އެފް. ކޯސްޓްގާޑް" މި ފޮތާއި، ދިވެހި ޢަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތް، ދިވެހިރާއްޖޭގައި ތަރައްޤީވަމުން އައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވައި 2015ވަނަ އަހަރު ޝާއިޢުކުރެއްވި "ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ 25 އަހަރުގެ ޚިދުމަތް" މި ފޮތާއި، ދިވެހި ޢަސްކަރިއްޔާގެ އެއްގަމު ސިފައިންގެ ޚިދުމަތުގެ މައްޗަށް އަލިއަޅުއްވައިލައްވައި، 2017ވަނަ އަހަރު ޝާއިޢުކުރެއްވި "އެމް.އެން.ޑީ.އެފް. މެރިން ކޯރ" ފޮތާއި، އަދި ދިވެހި ޢަސްކަރިއްޔާ އުފެދުނު ގޮތާއި، އެ ދުވަހުން ފެށިގެން ދިވެހި ޢަސްކަރީ ޚިދުމަތް ތަރައްޤީވެގެން އައި ގޮތުގެ މައްޗަށް އަލިއަޅުއްވައިލައްވައި، 2018ވަނަ އަހަރު ޝާއިޢު ކުރެއްވި "ދިވެހި ސިފައިންގެ އުފެދުމާއި ކުރިއެރުން 1892-2008" މި ފޮތްފޮތުގައި ލިޔުއްވައިފައިވާ ލިޔުއްވުންތައް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަކީ، ދިވެހި ޢަސްކަރިއްޔާގައި ޚިދުމަތް ކުރައްވައިފައިވާ އިސް ޚިދުމަތްތެރިންގެ އަގުހުރި ޚިދުމަތްތައް ދިރާސާކުރައްވައި، އެ ބޭފުޅުންގެ ޚިދުމަތްތައް އަމިއްލަފުޅު ވެބްސައިޓާއި ވެބްޕޭޖްގެ އިތުރުން، މީޑިއާގެ ތަފާތު މަންސަތައް މެދުވެރިކުރައްވައި އާންމުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ދިވެހި ތާރީޚަށް ކުރައްވަމުން ގެންދަވާ އަގުހުރި މި މަސައްކަތްޕުޅަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ރަސްމީ މަސައްކަތުގެ އިތުރުން، އަމިއްލަފުޅު ޝައުޤުވެރިކަމުގައި ވަރަށްގިނަ އަމިއްލަފުޅު ވަގުތު މި މަސައްކަތުގައި ހޭދަކުރައްވައިގެން، ހިލޭސާބަހަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ. އެއީ، ޤައުމީ ޚިދުމަތެއްވެސް މެއެވެ.

ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގައި ހޭދަކުރެއްވި 26 އަހަރެއްހައި ދުވަހުގެ ތެރޭގައި، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު ގެންދަވަނީ، ދިވެހި އަސްކަރިއްޔާގައި ހިނގާ ތަފާތު ގިނަ ކޯސްތަކުގައި ދިވެހި ތާރީޚު ކިޔަވައިދެއްވަމުންނެވެ. ދިވެހި ތާރީޚު ދިރާސާ ކުރައްވައި، މި ދާއިރާއަށް ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު އެކިފަހަރު މަތީން ވަޒަން ކުރައްވައި، ދިވެހި ޢަސްކަރިއްޔާއިން ޢަބްދުﷲ ސަޢީދަށް ވަނީ، ޗީފް އޮފް ޑިފެންސް ފޯސްގެ ލެޓަރ އޮފް ކޮމެންޑޭޝަން ލިބިވަޑައިގެންފައެވެ. އަދި، ދިވެހިބަހުގެ އެކެޑަމީއިންވެސް ވަނީ، ދިވެހި ތާރީޚަށް ޚިދުމަތް ކުރެއްވުމުގައި ޢަބްދުﷲ ސަޢީދު ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައިފައެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދަކީ، މިހާރުވެސް މި ޚިދުމަތުގައި ދެމިހުންނެވި ޚިދުމަތްތެރިއެކެވެ.