އަލްފާޟިލް މުޙައްމަދު ނަޞީރު
މަދަރުސީ ޙަޔާތުން ފެށިގެން މުޙައްމަދު ނަޞީރަކީ، ވާހަކަދެއްކުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ބޭފުޅެކެވެ. މާލޭ އިންގްލިޝް ސްކޫލުގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވި ދުވަސްވަރު އެ ސްކޫލުގެ ފަރާތުން، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެވަޑައިގެން ރަން ވަނަތަކެއް ވަނީ ހާސިލު ކުރައްވައިފައެވެ. އަދި ސްކޫލުތަކުގެ މެދުގައި ބޭއްވުނު ވާހަކަދެއްކުމުގެ މުބާރާތްތަކާއި ބަހުސް މުބާރާތްތަކުގައި ވެސް ބައިވެރިވެވަޑައިގެން ތަފާތު ވަނަތައް ހާސިލު ކުރައްވައިފައި ވެއެވެ. މަދުރަސީ ދައުރު ނިންމަވައިލެއްވުމަށް ފަހު، ވާހަކަދެއްކުންތެރިކަން ދަސްކޮށްދެއްވުމުގެ މަސައްކަތް، 1995ވަނަ އަހަރުގެ ތެރޭގައި މުޙައްމަދު ނަޞީރު ފެށްޓެވިއެވެ.
މިގޮތުން، ވާހަކަދެއްކުމުގެ ހުނަރު، ދަސްކޮށް ދިނުމުގެ ތަމްރީނު ޕުރޮގުރާމުތައް ރާއްޖޭގެ ވަރަށް ގިނަ ސްކޫލުތަކުގެ ދަރިވަރުންނަށް ހިލޭސާބަހަށް ކުރިއަށް ގެންގޮސް ދެއްވައިފައިވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށާއި، ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށްވެސް، ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދެއްވުމުގެ ހަރަކާތްތަކެއް ކޮންމެ އިންތިޚާބަކާ ގުޅިގެން މުޙައްމަދު ނަޞީރު ކުރިއަށްގެންގޮސް ދެއްވައެވެ.
ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދެއްވުމަށް މުޙައްމަދު ނަޞީރު ހިންގެވި ތަފާތު ޕުރޮގުރާމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބައެއް ޕުރޮގުރާމުތަކުގެ ތެރޭގައި، 1999ވަނަ އަހަރާއި، 2000ވަނަ އަހަރު މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ހިންގެވި ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދޭ ޕުރޮގުރާމާއި، 2004ވަނަ އަހަރާއި 2005ވަނަ އަހަރު، ޖަމާލުއްދީން ސްކޫލްގެ ކޯޗެއްގެ ގޮތުގައި، އެ މަދަރުސާގެ ދަރިވަރުންނަށް ވާހަކަދައްކަން ދަސްކޮށްދިނުމަށް ހިންގެވި ޕުރޮގުރާމު ހިމެނެއެވެ. 2008ވަނަ އަހަރު، ތިލަދުންމަތީގައި ބޭއްވުނު ވާހަކަ ދެއްކުމުގެ ޒޯން މުބާރާތަށް ހދ. އަތޮޅު މަދަރުސާގެ ދަރިވަރުން ތައްޔާރުކުރެއްވުމުގެ އިތުރަށް، 2010ވަނަ އަހަރާއި އަދި 2011ވަނަ އަހަރު، ޖަމާލުއްދީން ސްކޫލުން، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވެ ވާދަކުރި ޓީމަށް އެހީތެރިވެދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މީގެއިތުރަށް، ހައްދުންމަތީގެ ބައެއް ރަށްރަށަށް ޚާއްޞަ ކުރައްވައިގެން، 2023ވަނަ އަހަރު ހިންގެވި ވާހަކަދެއްކުންތެރިކަން ދަސްކޮށްދިނުމުގެ ޕުރޮގުރާމާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެން ހިންގެވި ވާހަކަދެއްކުމުގެ ހުނަރުތަކާ ގުޅޭ ޕުރޮގުރާމުގެ އިތުރުން، ދިވެހިބަހުގެ އެކެޑަމީއިން ބާއްވާ ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާ ސްކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދިނުމުގެ ޕުރޮގުރާމުތައް ހިމެނެއެވެ.
ވާހަކަދެއްކުމުގެ ހުނަރު ދަސްކޮށްދެއްވުމުގެ އިތުރަށް، ވާހަކަދެއްކުމުގެ މުބާރާތްތައް ރޭއްވެވުމާއި، މުބާރާތްތަކުގެ ގަވާއިދާއި، މުބާރާތްތަކަށް ބޭނުންވާ މައުޟޫޢުތައް ތައްޔާރުކޮށްދެއްވުމުގެ އިތުރަށް، މުބާރާތްތަކުގެ ފަނޑިޔާރުކަން ކުރެއްވުމުގެ މަސައްކަތް ވެސް 2005ވަނަ އަހަރުގެ ތެރޭގައި މުޙައްމަދު ނަޞީރު ފެށްޓެވިއެވެ. މިގޮތުން، ވާހަކަދެއްކުމުގެ މުބާރާތްތަކުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން ފުރަތަމަ މަސައްކަތް ކުރެއްވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ކުރިއަށް ގެންދެވި ޒޯން މުބާރާތްތަކުގައެވެ. އަދި، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ސިލްސިލާ ބަހުސް މުބާރާތްތަކާއި، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތާއި، އަތޮޅު ކައުންސިލްތަކާއި، އެހެނިހެން އިދާރާތަކުން އިންތިޒާމު ކުރައްވާ މުބާރާތްތަކުގައިވެސް ފަނޑިޔާރުކަން ކުރައްވަމުން ގެންދަވައެވެ. ޚާއްޞަކޮށް، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ފަނޑިޔާރުކަން 2012ވަނަ އަހަރުން ފެށިގެން މެދުނުކެނޑި ކުރައްވަމުން ގެންދަވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގެ ކޮންމެވެސް އެއް އުމުރުފުރައެއްގެ އިސް ފަނޑިޔާރުކަން ކޮންމެ އަހަރަކުވެސް މުޙައްމަދު ނަޞީރު ގެންދަވަނީ ކުރައްވަމުންނެވެ. މީގެއިތުރުން، ދައުލަތުގެ ކުންފުނިތަކާއި އޮފީސްތަކުން ރާވައި ހިންގާ ވާހަކަދެއްކުމާއި، ބަހުސް މުބާރާތްތަކުގައި ވެސް، އިންސާފު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައެވެ.
މުޙައްމަދު ނަޞީރަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން، މާސްޓަރސް އޮފް ދިވެހި ލޭންގުއޭޖް އެންޑް ކަލްޗަރ ޑިގްރީ ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބޯލްޓަންގެ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ޑިގްރީ ހާސިލު ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އިންޑިއާގެ ޔުނިވަރސިޓީ އޮފް މައިސޫރުން، އިކޮނޮމިކްސްއާއި، މެނޭޖްމަންޓުން ބެޗްލަރސް ޑިގްރީވެސް ހާސިލު ކުރައްވައިފައި ވެއެވެ.
މުޙައްމަދު ނަޞީރު މިހާރު ހުންނެވީ، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ. އަދި އެ އިދާރާގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުވެސް އަދާކުރައްވަމުން ގެންދަވައެވެ. މުޙައްމަދު ނަޞީރަކީ، ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ، ހެރިޓޭޖް ޓްރަސްޓް ފަންޑުގެ މެންބަރެއްގެ އިތުރުން، ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީގެ މެންބަރެއްވެސް މެއެވެ. މުޙައްމަދު ނަޞީރު ވަނީ، ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލުގެ މެންބަރުކަންވެސް ކުރައްވައިފައެވެ.