އަލްއުސްތާޛާ ޙައްވާ ލަޠީފް
އަލްއުސްތާޛާ ޙައްވާ ލަޠީފަކީ، ޢަރަބި އިސްލާމީ ތަޢުލީމު އުނގެނިވަޑައިގަތުމަށްޓަކައި މާލެއަށް ހިޖުރަކުރައްވައި، ތަޢުލީމީ ޙަޔާތް ފެށްޓެވި ދަރިވަރެކެވެ. އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއާއި، މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާއިން ތަޢުލީމު ހާސިލުކުރައްވައި، ހަރުދަނާ ތަރުބިއްޔަތު ލިބިވަޑައިގެން، މުޖުތަމަޢުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ، އެ ދެ މަދަރުސާއިންވެސް ބެސްޓް އޯލްރައުންޑް ދަރިވަރުގެ ޝަރަފު ހޯއްދަވައިގެންނެވެ. ޙައްވާ ލަޠީފް ވަނީ، މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއިން ބެޗްލަރ އޮފް ސައިންސް އިން ކޮމާސް، މޭޖަރ އިން އެކައުންޓިންގ ހާސިލުކުރައްވައި، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ޕޯސްޓްގްރެޖުއޭޓް ޑިޕްލޯމާ އިން ޓީޗިންގ ފުރިހަމަކުރައްވައި، އެ ކޯހުންވެސް އެންމެމޮޅު ދަރިވަރުގެ ޝަރަފު ހޯއްދަވައިފައި ވެއެވެ.
އަލްއުސްތާޛާ ޙައްވާ ލަޠީފަކީ، ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމީ ބިންގާ ވަރުގަދަކުރައްވައި، އިސްލާމީ ޢިލްމުގެ ދާއިރާއިން މީހުން ބިނާކުރައްވައި، ޚާއްޞަކޮށް އިސްލާމްދީނުގެ އަސާސްތަކަށް ކަނބަލުން އަހުލުވެރި ކުރައްވައި، ހޭލުންތެރި ކުރައްވައި، ކުރިއެރުއްވުމަށްޓަކައި ނަމޫނާ ދައްކަވައި، ފާހަގަކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޙައްޖާއި ޢުމްރާގެ އަޅުކަމަށް ފަރުދުންގެ ހޭލުންތެރިކަން އިތުރުކުރައްވައި، އެހީތެރިވެދެއްވައި، ދީނުގެ ރުކުންތައް އެންމެ ފުރިހަމަގޮތުގައި އަދާކުރެއްވުމުގެގޮތުން އަންހެން ބޭފުޅުންނަށް އެހީތެރިވެދެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރާއްޖޭގައި އިސްލާމީ ތަޢުލީމީ ވެށްޓެއް ޤާއިމުކުރެއްވުމަށްޓަކައި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ތަޞައްވުރު ޙަޤީޤަތަކަށް ހެއްދެވުމުގައި ޙައްވާ ލަޠީފް އަދާކުރެއްވީ، ވަރަށް އިސް ދައުރެކެވެ. ޔުނިވަރސިޓީގެ މަންހަޖުތައް ފަރުމާކުރެއްވުމުގައްޔާއި، އުސޫލުތައް އެކުލަވައިލައްވައި، އަތޮޅުތަކުގައި ލަރނިންގ ސެންޓަރުތައް ޤާއިމުކުރައްވައި، ދީނީ ތަޢުލީމު ފުޅާކުރެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރާއްޖޭގެ ޔުނިވަރސިޓީއެއްގެ ޑެޕިއުޓީ ވައިސް ޗާންސެލަރގެ މަގާމަށް ޢައްޔަންކުރެވުނު ފުރަތަމަ އަންހެން ބޭފުޅަކަށް ވެވަޑައިގަތުމުގެ ޝަރަފުވެސް ޙައްވާ ލަޠީފް ވަނީ ހޯއްދަވައިފައެވެ. އަދި، ރާއްޖޭގައި ދީނީ އެކި ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކުރެއްވުމަށްޓަކައި ރަށްރަށަށް ވަޑައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި، އެކަންކަމަށް މަގު ދައްކަވައި ދެއްވައި، މަގު ފަހިކޮށްދެއްވިއެވެ.
މުޖުތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، އިސްލާމީ އުސޫލުތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރެއްވުމަށްޓަކައި ޝައުޤުވެރިކަމާއެކުގައި ޙައްވާ ލަޠީފް ކުރައްވާ މަސައްކަތްޕުޅުތަކާއި، ދެއްވާ އިރުޝާދުތަކާއި، ފޯރުކޮށްދެއްވާ ކައުންސެލިންގ ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މިގޮތުން، ރޭޑިއޯއާއި ޓީ.ވީ.ގެ އެކި ޕުރޮގުރާމުތަކުގައި ޙައްވާ ލަޠީފް ބައިވެރިވެވަޑައިގެން، ދީނީ މައުޟޫޢުތަކަށް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ. އަދި، ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕުރޮގުރާމުތަކުގައިވެސް އެކި މައުޟޫޢުތަކަށް ތަޤުރީރު ކުރައްވަމުން ގެންދަވައެވެ. ޙައްވާ ލަޠީފުގެ ދީނީ ޚިދުމަތްތަކުގެ ތެރެއިން ފަހަކަށްއައިސް އެންމެ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ހުކުރު ޚުޠުބާ ލިޔުއްވުމުގެ މަސައްކަތެވެ. ހުކުރު ޚުޠުބާ ލިޔުއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅަކީވެސް ޙައްވާ ލަޠީފެވެ.
އަދާކުރައްވާ ވަޒީފާގެ ހައިސިއްޔަތުން އޮފީހަށް ނުވަތަ ދާއިރާއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކާ ގުޅިގެން، 2020ވަނަ އަހަރު ޙައްވާ ލަޠީފަށް "ރެހެންދި އެވޯޑް" ވަނީ އަރުވައިފައެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި "ޑިސްޓިންގުއިޝްޑް ވިމެން އެޑްމިނިސްޓްރޭޓަރ" އެވޯޑާއި، "ބެސްޓް ވުމަން މެނޭޖަރ" އެވޯޑުގެ އިތުރުން، ދީނީ ކަންތައްތަކާބެހޭ ވުޒާރާއިން އަރުވާ އެންމެ ޝަރަފުވެރި އެވޯޑު "މިނިސްޓަރސް އެކްސެލެންސް އެވޯޑު"ވެސް 2025ވަނަ އަހަރު ވަނީ ޙައްވާ ލަޠީފަށް އަރުވައިފައެވެ.
އަލްއުސްތާޛާ ޙައްވާ ލަޠީފް މިހާރު ހުންނެވީ، އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރުގެ ނާއިބުގެ މަގާމުގައެވެ.