އަލްފާޟިލާ ނަޖުމާ ޙުސައިން
ގ. ނޫރީފެހި

ނަޖުމާ ޙުސައިނަކީ، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިންގގެ ޚިދުމަތާ ގުޅިވަޑައިގަތީ، އެނައުންސަރެއްގެ މަގާމުގައި 8 ޖުލައި 1970 ގައެވެ.

ނަޖުމާ ޙުސައިނަކީ، ރޭޑިއޯގެ އަޑުއެހުންތެރިންގެ މަޤުބޫލުކަން ވަރަށް ބޮޑަށް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނަޖުމާ ޙުސައިން މި ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކަކީ، ވަރަށްގިނަ ބަޔަކު ބަލައިގެންފައިވާ ޚިދުމަތްތަކެކެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ އަޑުގެ ރަންޒަމާނުން ފެށިގެންވެސް ނަޖުމާ ޙުސައިނަކީ، ދިވެހިންގެ ހިތްތަކުން ޚާއްޞަ މަގާމެއް ހޯއްދަވައިފައިވާ އަދިވެސް އެ މަގާމު ދަމަހައްޓަވަމުން ގެންދަވާ ޝަޚްޞިއްޔަތެކެވެ. އެކަމުގެ އެންމެބޮޑު ހެއްކަކީ، ނަޖުމާގެ ރީތި އަޑުފުޅެވެ. ޚާއްޞަކޮށް، އެކި ވާހަކަތައް ހުށަހެޅުއްވުމުގައި، އެ ގެންގުޅުއްވާ އާދަޔާޚިލާފު ގޮތްތަކެވެ. އަޑުއެހުންތެރިންގެ ހިތްތައް އެ އަޑަށް ލެނބިގެން އެދަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ވާހަކަ ވިދާޅުވާއިރު، އަޑަށް ގެންނަވާ ބަދަލުތަކާއި، އަސަރާއެކުގައި އެ ވިދާޅުވާ ވިދާޅުވުން އެއީ، ނަޖުމާ ޙުސައިނަށް ލިބިވަޑައިގެންފައިވާ އާދަޔާ ޚިލާފު ހުނަރެކެވެ. ދިވެހިރާއްޖޭގެ އަޑުން އޭރު ފޮނުއްވަމުން ގެންދެވި "ހަފުތާގެ ވާހަކަ" މި ސިލްސިލާގެ ޕުރޮގުރާމުތަކުގައި ނަޖުމާ ހުށަހަޅުއްވައިދެއްވި ވާހަކަތަކަކީ، އެހުންތެރިންގެ މަޤުބޫލުކަމާއި ސަމާލުކަން ވަރަށް ބޮޑަށް ލިބިގެންދިޔަ، ވަރަށް އަސަރުގަދަ ވާހަކަތަކެކެވެ. ވާހަކަ ކިޔުއްވައިދެއްވުމުގެ ރޮނގުން ނަޖުމާ ދައްކަވައިދެއްވައިފައިވާ ހުނަރުވެރިކަމަކީ، ޖީލުން ޖީލަށް ނަޤުލުވަމުންދާ ޘަޤާފީ ތަރިކައެއްވެސް މެއެވެ.

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދިގު ތާރީޚުގައި ދިވެހިރާއްޖޭގެ އަޑުގެ އުދަރެހުން އެރި އެންމެ އަލިގަދަ އެއްތަރިއަކީ އަދި އެންމެ ނުފޫޒުގަދަ ރޭޑިއޯ ޝަޚްޞިއްޔަތަކީ ނަޖުމާ ޙުސައިން ކަމަށް ދެންނެވިދާނެއެވެ. ނަޖުމާ ޙުސައިންގެ ޖާދުވީ، ހިތްގައިމު އަދި އާދަޔާ ޚިލާފު އަޑުފުޅުން ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތައް ފަތަޙަ ކުރައްވައި، މުނިފޫހި ފިލުއްވައިދެއްވީ ހަމައެކަނި ޚަބަރާއި މައުލޫމާތު ފޯރުކޮށްދެއްވުމަކުން ނޫނެވެ. އެހެންކަމުން، ދިވެހި ކޮންމެ ގޭބީސީއެއްގެ އެންމެ ގާތް އެކުވެރިޔާއަށް ވެވަޑައިގެން، ދިވެހީންގެ އާންމު ދިރިއުޅުމުގެ ވިންދާ ގުޅިފައިވާ އެއް އަޑަކީވެސް ނަޖުމާ ޙުސައިންގެ އަޑެވެ.

ނަޖުމާ ޙުސައިނަކީ، ރީތި ޢިބްރަތްތެރި އަދި ލޯބީގެ ވާހަކަތައް ހުށަހެޅުއްވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑުގެ އެކިއެކި ޕުރޮގުރާމުތައް ތަރައްޤީކުރައްވައި ކުރިއަށް ގެންގޮސްދެއްވުމުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން، ދިވެހި އިސްލާމީ ތާރީޚާއި، ދިވެހިބަހުގެ މުއްސަނދިކަމާއި، އަދަބިއްޔާތު ދިރުވައި، އާލާކުރުމުގެ ޕުރޮގުރާމުތަކާއި، ގޭތެރޭގެ ދިރިއުޅުމާބެހޭ މައުލޫމާތު ހިމެނޭ ޕުރޮގުރާމުތަކާއި، ހަށިގަނޑުގެ ދުޅަހެޔޮކަމާ ބެހޭގޮތުން ތައްޔާރުކުރައްވައިފައިވާ ޕުރޮގުރާމުތައް ހިމެނެއެވެ. އަދި ދިރިއުޅުމުގައި ޢާއިލީ ހަމަޖެހުމާއި، އާންމު ޞިއްޙަތާއި، އާބާދީ ތަޢުލީމާ ގުޅޭގޮތުން ތައްޔާރުކުރައްވައި ހުށަހަޅުއްވައި ދެއްވި ޕުރޮގުރާމުތައްވެސް މަދެއްނޫނެވެ. އެކި ދާއިރާތަކުން ފަންސާހަށްވުރެ ގިނަ ޕުރޮގުރާމު ހުށަހަޅުއްވައި ދެއްވައިފައި ވެއެވެ. އޭގެތެރޭގައި، ސިލްސިލާއެއްގެ ގޮތުގައި ގެންދެވި ގިނަ ޕުރޮގުރާމުތައްވެސް ހިމެނެއެވެ.

ނަޖުމާ ޙުސައިނަކީ، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގެ ކުރިއެރުމަށް، ޚާއްޞަކޮށް، ދިވެހިރާއްޖޭގެ އަޑުގެ ކުރިއެރުމަށް ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ. އެގޮތުން ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި، ޕްރޮޑިއުސަރުން ތަމްރީނު ކުރައްވައި، ޕުރޮގުރާމުތައް އުފެއްދުމުގެ ފަންނީ ހުނަރުތައް ދަސްކޮށްދެއްވުމާއި، ދިވެހިރާއްޖޭގެ އަޑުގެ ޕުރޮގުރާމުތަކުގެ ފެންވަރު ހިފެހެއްޓެވުމަށް އިސްކަން ދެއްވުމާއި، ބަހުރުވައާއި ހުށަހެޅުންތެރިކަން ރަނގަޅުކުރުމަށްޓަކައި މުވައްޒަފުންނަށް ފަންނީ ލަފާ ދެއްވައި، އެކި ދާއިރާތަކުން ޕުރޮގުރާމުތައް ބައްޓަންކުރާނެ ގޮތުގެ އިރުޝާދު ދެއްވުން ހިމެނެއެވެ. އަދި، ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތްތައް ޒަމާނާ އެއްގޮތަށް ބަދަލުވަމުން އައިއިރު، އާ އުފެއްދުންތަކާއި، ޕުރޮގުރާމު ފޯމެޓްތައް ތަޢާރުފު ކުރައްވައި، އެހުންތެރިންގެ މަޤުބޫލުކަން އިތުރުކުރެއްވުމަށްވެސް ނަޖުމާ ޙުސައިން މަސައްކަތް ކުރައްވައިފައި ވެއެވެ.

ނަޖުމާ ޙުސައިނަކީ، ދިވެހިރާއްޖޭގެ އަޑަށް ހިލޭސާބަހަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި، އެކިއެކި ބޭފުޅުން ލިޔުއްވައިފައިވާ ފޮތްތައް، ދިވެހިރާއްޖޭގެ އަޑުން، ޕުރޮގުރާމެއްގެ ސިފައިގައި ގެނައުމަށްޓަކައި ހިލޭސާބަހަށް ވަނީ އަޑު އަޅުއްވައިދެއްވައިފައެވެ. އޭގެތެރޭގައި، "ޚުލަފާއުއްރާޝިދީންގެ ތެރެއިން އަބޫބަކުރުއްޞިއްދީޤު" މި ފޮތާއި، "ރަޙްމަތުގެ ރަސޫލާ، ނަބަވީ ސީރަތާއި، މި ޒަމާނުގެ މައްސަލަތައް" މި ފޮތާއި، "އަލްބަޤަރާ" ސޫރަތާއި، "އާލިޢިމްރާން" ސޫރަތުގެ ތަފްސީރު، ތަރުޖަމާ ވަނީ ރެކޯޑުކޮށްދެއްވައިފައެވެ. މިއީ، އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު ޖަމީލްދީދީ އެކުލަވައިލެއްވި ތަފްސީރު ފޮތެކެވެ. މީގެއިތުރުން، "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މި ފޮތަށާއި، "އަހަރުމެން ޚިޔާރުކުރީ އިސްލާމްދީން" މި ފޮތަށްވެސް އަޑު އަޅުއްވައި ދެއްވައިފައި ވެއެވެ. އަދި ރޭޑިއޯ އެޓޮލްއާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން އުފެއްދި ޒަކާތުގެ ޕުރޮގުރާމުތަކަށްވެސް ހިލޭސާބަހަށް އަޑު އަޅުއްވައި ދެއްވައިފައި ވެއެވެ.

ނަޖުމާ ޙުސައިނަކީ، ދިވެހިރާއްޖޭގެ އަޑުގެ އެނައުންސަރެއްގެ އިތުރުން، ސީނިއަރ އެނައުންސަރު ކަމާއި، ޕްރެޒެންޓަރ ޕްރޮޑިއުސަރ ކަމާއި، ޕުރޮގުރާމު އޮގަނައިޒަރ ކަމާއި، ސީނިއަރ ޕުރޮގުރާމު އޮގަނައިޒަރކަން ކުރައްވައިފައިވާ ބޭފުޅެކެވެ. 1 އެޕްރީލު 2009 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ދިވެހިރާއްޖޭގެ އަޑުގެ ޑިރެކްޓަރުކަމުގެ މަގާމުގައެވެ.

ނަޖުމާ ޙުސައިން، ރޭޑިއޯގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިނަމަވެސް، މިހާރުވެސް ދިވެހިރާއްޖޭގެ އަޑުން އަދި ޕީ.އެސް.އެމް. އިން އެދިވަޑައިގެންނެވި ކޮންމެ ކަމެއްގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވަމުން ގެންދަވައެވެ. އަދި މިހާރުވެސް ބައެއް ޕުރޮގުރާމުތަކަށް އަޑު އަޅުއްވައި ދެއްވަމުން ގެންދަވައެވެ.

ރޭޑިއޯގެ ޒަމާން ފަހަނައަޅައި، ޑިޖިޓަލް މަންސަތަކަށް ދުނިޔެ ފުރޮޅިގެންދިޔައިރުވެސް ނަޖުމާގެ އަޑުގެ ޖާދޫއަކަށް ބަދަލެއްނާދެއެވެ. އަދުގެ ޒުވާނުންނާއި، ކުޑަކުދިންގެ މެދުގައި މަޤުބޫލު ޑިޖިޓަލް ސްޓްރީމިންގ ޕްލެޓްފޯމުތަކުގައި ނަޖުމާ ޙުސައިން ނުވަތަ ނަޖުމާއްތަ ޓޮޕް އާޓިސްޓެއްގެ ގޮތުގައި ގިންތިކުރެވޭކަމީ، ނަޖުމާ ޙުސައިންގެ މަޤުބޫލުކަން އަދިވެސް އޮތް މިންވަރު ހާމަކޮށްދޭ އަލިގަދަ ދަލީލެކެވެ.

ނަޖުމާ ޙުސައިނަށް ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، ރާއްޖޭގެ ބްރޯޑްކާސްޓިންގގެ ދާއިރާގައި 38 އަހަރަށްވުރެ ގިނަ ދުވަހު ނަޖުމާ ކޮށްދެއްވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ބަލައިގަންނަންޖެހޭ ޚިދުމަތްތަކެއް ކަމަށް ފެނިވަޑައިގަންނަވާތީއެވެ. އަދި، ނަޖުމާ ޙުސައިނަކީ، ރާއްޖޭގެ ވަރަށްގިނަ ބަޔަކު ދަންނަ، ރޭޑިއޯގެ މަޤުބޫލު ޝަޚްޞިއްޔަތަކަށްވާތީވެސް މެއެވެ.