އަލްފާޟިލް އިބްރާހީމް ރަޝީދު
އިބްރާހީމް ރަޝީދަށް، އިމާރާތްކުރުމުގެ ދާއިރާއަށް ވެދެވަޑައިގެންނެވުނީ، ލޮބުވެތި ބޭބެ އަލްމަރްޙޫމް ޢަބްދުއްރަޝީދު، ގޭގައި ހިންގަވަމުން ގެންދެވި ވަޑާންގޭގައި ބޭބެއާއެކުގައި ވަޑާމުގެ މަސައްކަތް ދަސްކުރައްވައި، އެ މަސައްކަތުގައި ޢަމަލީގޮތުން އުޅުއްވަން ފެށްޓެވި ހިސާބުންނެވެ. 1970ގެ އަހަރުތަކުގެ ތެރޭގައި މި މަސައްކަތް ފަށްޓަވައި، އޭރު ކުރެއްވި ތަޖުރިބާއާއެކީގައި "ރަޝީދު ކާޕެންޓްރީ ޕްރައިވެޓް ލިމިޓެޑް"ގެ ނަމުގައި 1995ވަނަ އަހަރު ކުންފުންޏެއް ރަޖިސްޓަރީ ކުރައްވައިގެން ވަޑާމުގެ މަސައްކަތާއި، އިމާރާތްކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރައްވަން ފެށްޓެވިއެވެ. "ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް"ގެ ނަމަށް ކުންފުނީގެ ނަން ބަދަލުކުރެއްވީ 2004ވަނަ އަހަރުއެވެ.
ވަޑާމުގެ މަސައްކަތާއެކުގައި، އިމާރާތްކުރުމުގެ ދާއިރާގައި އިބްރާހީމް ރަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާތާ 40 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއަދު އިބްރާހީމް ރަޝީދަކީ، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ޞިނާޢަތުގައި ވަރަށް ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. "ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް" ނުވަތަ އާރު.ސީ.ސީ.ގެ އެއް ބާނީ އަދި މެނޭޖިންގ ޑިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ މަސައްކަތް ބައްޓަންކުރެއްވުމުގައި އިބްރާހީމް ރަޝީދު މިހާތަނަށް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އަދި މިހާރުވެސް ވަރަށް ފުޅާ ދާއިރާއެއްގައި ތަފާތު އެތައް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ.
އިބްރާހީމް ރަޝީދުގެ އިރުޝާދާއި މޭސްތިރިކަމުގެ ދަށުން، އާރު.ސީ.ސީ.އިން މިހާތަނަށް ވަނީ ވަރަށް ގިނަ އަދި ބޮޑެތި މަޝްރޫޢުތަކެއް ނިންމައިފައެވެ. އަދި ކޮންމެ މަޝްރޫޢެއް ފެށުނީއްސުރެ ނިމެންދެން އެ މަޝްރޫޢެއް ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލަހައްޓަވަމުން ގެންދަވައިފައި ވެއެވެ. އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ އެ މަޝްރޫޢެއް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަށް ނިންމެވުމަށެވެ. ހަމައެއާއެކުގައި، މަސައްކަތުގެ ޢަމަލީ މައިދާނުގައި މަސައްކަތް ކުރުވާ ފަރާތާ ބަހައްޓަވާ ގާތްކަމުގެ ސަބަބުން މަޝްރޫޢުތައް މެނޭޖްކުރުމުގެ ކޮންމެ މަރުހަލާއެއްގައި އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގަންނަވައެވެ. މިއީ، ކުންފުނިން ހިފަހައްޓާ މަތީ ފެންވަރުގެ މިންގަނޑުތައް ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވެގެންދެއެވެ.
ކާޕެންޓްރީގެ ޚިދުމަތް ދެމުން ފެށި މަސައްކަތުގެ ތެރެއިން އިބްރާހީމް ރަޝީދުގެ ސީދާ ބެއްލެވުމުގެ ދަށުން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ސްކޫލް މަދަރުސާތަކަށް ގޮނޑިމޭޒު ޖެހުމާއި، ރިޒޯޓުތަކަށް ފަތްޖެހި އެނދާއި، ސަރަންފީއާއި، ގޮނޑިމޭޒު ޖެހުމުގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގެ މުއާޞަލާތީ ޚިދުމަތަށް ބޭނުންވާ ދިރާގު އެންޓަނާ ބުޑުއެޅުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.
އިބްރާހީމް ރަޝީދުގެ ހަރުދަނާ އިރުޝާދުގެ ދަށުން އާރު.ސީ.ސީ. މިއަދު ވަނީ ކުރިއަރައި، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ރަސްކަންކުރަމުން އަންނަ ކުންފުންޏަކަށް ވެފައެވެ. އިބްރާހީމް ރަޝީދުގެ ކެރިވަޑައިގަތުމާއި ތަޖުރިބާގެ ސަބަބުން ކުންފުނި ކުރިއަރައި ދިޔުމުގެ އިތުރުން، މި ސަރަހައްދުގެ އިމާރާތްކުރުމުގެ ޞިނާޢަތް ކުރިއެރުވުމަށްވެސް ވަނީ ވަރަށް ބޮޑު ހިއްސާއެއް ވެދީފައެވެ.
އިބްރާހީމް ރަޝީދުގެ މޭސްތިރިކަމުގެ ދަށުން ކުންފުނިން ހިންގައިފައިވާ ބޮޑެތި ބިޔަ އަދި ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ މަޝްރޫޢުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިން ބޭނުންކުރި ޓީ.އެމް.އޭ.ގެ ސީޕްލޭން ޓަރމިނަލް ބިލްޑިންގއާއި، ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންކްރީޓް މަސައްކަތާއި، މާލޭގައި ހުންނަ މާގިރި ހޮޓަލާއި، ހެންވޭރު އޯކިޑުމާގޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އައު އިމާރާތާއި، ހެންވޭރު މެދުޒިޔާރަތްދޮށުގޭގައި ހުންނަ މޯލްޑިވްސް އިސްލާމިކް ބޭންކުގެ އޮފީސް ބިލްޑިންގ ހިމެނެއެވެ. އަދި، އިބްރާހީމް ރަޝީދުގެ ލޮބުވެތި ބޭބެ އަލްމަރްޙޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި ހުޅުމާލޭގައި އިމާރާތްކުރެއްވި މަސްޖިދު ރަޝީދާއި، ހުޅުމާލޭގައި ބިނާކުރި ސީ.އެޗް.އެސް.އީ.ގެ އާއިމާރާތާއި، ހުޅުމާލޭ ދަ ބްލޫ ހެވަން ރެސިޑެންސީސްއާއި، ހުޅުމާލޭ އަޖިޔަލް ބައިލިންގުއަލް ސްކޫލާއި، ހުޅުމާލޭ ޝަހީދު ޢަލީ ސްކޫލްވެސް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ބައެއް އަތޮޅުތަކުގެ އަތޮޅު ތަޢުލީމީ މަރުކަޒުތަކުގެ އިމާރާތްތަކާއި، ބައެއް ރަށްރަށުގެ ސްކޫލުތަކުގެ އިމާރާތްތަކާއި، މާލެ ސަރަޙައްދުގައި އޮފީސް އިމާރާތްތަކާއި، އެކި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި، މީހުން ދިރިއުޅުމަށް ގޭގެ އިމާރާތްކުރުމުން ފެށިގެން އެކިއެކި އިޖުތިމާޢީ މަޝްރޫޢުތައް ހިންގުމާއި، ހައުސިންގ ޔުނިޓުތަކާއި، އިމާރާތްކުރުން ފަދަ އެތައް މަޝްރޫޢުތަކެއް ފުރިހަމަކަމާއި އިތުބާރާއެކުގައި ވަނީ ނިންމަވައިފައެވެ.
އާރު.ސީ.ސީ.ގެ ފަރާތުން ހިންގި މި ދެންނެވި ގިނަގުނަ ބޮޑެތި މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅަކީ، އިބްރާހީމް ރަޝީދެވެ. އިބްރާހީމް ރަޝީދުގެ ދުރުވިސްނޭ އިރުޝާދުގެ ދަށުން، އިމާރާތްކުރުމުގެ ޞިނާޢަތުގައި "ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް"އިން ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދައިފައެވެ. މިއީ، އިބްރާހީމް ރަޝީދުގެ ހިތްވަރާއި ތެދުވެރިކަމާއެކުގައި ކުންފުނިން ހޯދި ފޮނި ނަތީޖާކަން ކަށަވަރެވެ.
އާރު.ސީ.ސީ.ގެ މަޤުޞަދު ކަމުގައިވާ ކޮންސްޓްރަކްޝަން ދާއިރާގައި އެންމެ އިސްކަންދޭ ކުންފުނީގެ ގޮތުގައި ދެމިއޮތުމާއެކު، ދިވެހިރާއްޖެއާއި މި ސަރަޙައްދުގެ ކޮންސްޓްރަކްޝަން ޞިނާޢަތުގައި އިތުބާރުހުރި ކުންފުންޏެއްގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވާ މަގާމު ދަމަހައްޓައި އިތުރަށް ވަރުގަދަކުރުމާއި، އަދި ކުންފުނީގެ ތަޞައްވުރު ކަމުގައިވާ ކޮންސްޓްރަކްޝަން ޞިނާޢަތުގައި އެންމެ އިތުބާރުހުރި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏަކަށް ހަދައި، އެކަންކަން ހާސިލުކުރުމުގައި އިބްރާހީމް ރަޝީދު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.
އިބްރާހީމް ރަޝީދަކީ، މަސައްކަތުގެ ދާއިރާގެ ބޮޑު ބައެއްގެ ތެރެއިން މުޖުތަމަޢަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެއްވުމުގައި ހޭދަކުރައްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. ވަކިން ޚާއްޞަކޮށް، މިސްކިތް ބިނާކުރުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތައް އަމިއްލަފުޅު ޚަރަދުގައި ކޮށްދެއްވުމުގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް ކާޕެޓް ހަދިޔާ ކުރެއްވުމާއި، މިސްކިތްތަކުގެ ތަޅުމުގައި ނޮވިލޮން އަޅުއްވައިދެއްވުމަކީ، އިބްރާހީމް ރަޝީދުގެ ހިތްޕުޅުގައި ދީނީ އަދި އިޖުތިމާޢީ ކަންކަމަށް އޮތް ލޯބި ހާމަކޮށްދޭ ކަމެކެވެ.
މިސްކިތްތަކަށް ދެއްވާ އެހީތެރިކަމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަރާތްތަކަށް އިލެކްޓްރިކް ސައިކަލް ހަދިޔާ ކުރެއްވުމާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވައިގެން އެފަދަ ފަރާތްތަކުގެ ދިރިއުޅުމަށް އުޖާލާކަން ގެނެސްދެއްވުމުގައިވެސް އިބްރާހީމް ރަޝީދު ގެންދަވަނީ ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކުރައްވާ މި މަސައްކަތްތަކުން ދޭހަވަނީ، އިބްރާހީމް ރަޝީދު އިޖުތިމާޢީ ކަންކަމަށް ދެއްވާ އަހަންމިއްޔަތާއި، އެހެން މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް ކުރައްވާ މަތިވެރި ޚިދުމަތެވެ.