ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ)
ސޮސައިޓީ ފޮރ ހެލްތް އެޑިޔުކޭޝަން (ޝީ) އަކީ، ދިވެހި މުޖުތަމަޢުގައި ޞިއްޙީ ހޭލުންތެރިކަން އުފެއްދުމަށާއި، ޞިއްޙީ ހޭލުންތެރިކަމަށް ޝައުޤުވެރިކަން އިތުރުކުރުވައި އަދި އެގޮތަށް ދިރިއުޅުމުގެ އާދަކާދަތައް ބައްޓަންކުރުމުގެ މަގުސަދުގައި 7 އެޕްރީލް 1988 ގައި އުފެއްދި ޖަމުޢިއްޔާއެކެވެ. ޖަމުޢިއްޔާގެ މައިގަނޑު މަގުސަދަކީ، ޞިއްޙީގޮތުން ދުޅަހެޔޮ ވެށްޓެއް އުފައްދައި، ދުޅަހެޔޮ ޢާއިލާތަކެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.
"ޝީ" ފުރަތަމަ އުފެއްދެވިއިރު ތިއްބެވި ފައުންޑަރ މެންބަރުންނަކީ، ޑޮކްޓަރ ނާއިލާ އިބްރާހީމް މުޙައްމަދުދީދީއާއި، އަލްފާޟިލާ ނަސްރީނާ އިބްރާހީމާއި، އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނާއި، އަލްފާޟިލާ ނަޝީދާ އަޙްމަދު ރިޒާއެވެ. މިހާރު ތިއްބެވި ފައުންޑަރ މެންބަރުންނަކީ، ޑޮކްޓަރ ނާއިލާ އިބްރާހީމް މުޙައްމަދުދީދީއާއި، އަލްފާޟިލާ ނަސްރީނާ އިބްރާހީމާއި، އަލްފާޟިލް މުޙައްމަދު ރަޝީދެވެ.
"ޝީ"ގެ ޚިދުމަތްތައް ޖުމުލަގޮތެއްގައި ފަރުމާކޮށްފައިވަނީ، މައިގަނޑު ހަތަރު ދާއިރާއަކަށް އަމާޒުކޮށްގެންނެވެ. އެ ހަތަރު ދާއިރާ ފުރިހަމައަށް ވަށައިޖެއްސުމަށްޓަކައި ޚިދުމަތް ދެމުން ގެންދަނީ، އުފަންވެނިވި ޞިއްޙަތާއި، ޢާއިލާ ރޭވުމާބެހޭގޮތުން ހޭލުންތެރިކުރުވުމަށާއި، އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އަދި، ތެލެސީމިއާ ބަލިން ރައްކާތެރިވުމަށްޓަކައި، ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތަކަށާއި، ތެލެސީމިއާ ޓެސްޓު ކުރުމަށެވެ. ހަމައެހެންމެ، ނަފްސާނީ ދުޅަހެޔޮކަމަށާއި، އިޖުތިމާޢީ ގޮތުން ހޭލުންތެރިކުރުވުމަށާއި، ކައުންސެލިންގގެ ޚިދުމަތަށާއި، ހެލްތް ޕްރޮމޯޝަނަށެވެ.
ތެލެސީމިއާއާ ގުޅުންހުރި ނުކުޅެދުންތަކާއި، ތަކުލީފުތައް ދެނެގަނެވުމާއެކު، ތެލެސީމިއާ ޓެސްޓުކުރުމުގެ މުހިންމުކަން ވަޒަންކުރެވި އަދި ކޮންމެ މީހަކަށްމެ، އެ މީހާގެ ތެލެސީމިއާގެ ހާލަތު އެނގުމުގެ މުހިންމުކަން ދެނެގަނެ، އެ މީހަކީ ތެލެސީމިއާ ބަލި ވާރުތަކުރާ މީހެއްތޯ ނުވަތަ ނޫންތޯ ދުރާލައި އެނގިފައި އޮތުމަކީ، ފަރުދީ ޒިންމާއެއްކަން ގަބޫލުކުރެވެން ފެށިއެވެ. ތެލެސީމިއާގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި 1992ވަނަ އަހަރު "ޝީ"ގައި ލެބޯރެޓަރީއެއް ގާއިމުކުރެވި، އަދި ކޮންމެ ދިވެއްސެއްގެ ފުރާވަރު އުމުރު ނިމުމުގެ ކުރިން ތެލެސީމިއާގެ ހާލަތު ދެނެގަތުމަށް ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތް، އެ ޖަމުޢިއްޔާއިން ފެށިއެވެ. އޭގެ އެންމެ ކާމިޔާބު ނަތީޖާއަކަށްވީ، 1999ވަނަ އަހަރު ފެށި މި މަސައްކަތުން 10 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ދެފަހަރު ކުރި ޒިޔާރަތުގެ ތެރެއިން، އެ ރަށަކުން ޓެސްޓު ކުރުމަށް ބޭނުންވި 12 އަހަރާއި 35 އަހަރާ ދެމެދުގެ އުމުރުފުރައިގެ އެންމެންނަށް ތެލެސީމިއާ ޓެސްޓު ހަދައިދެވުނުކަމެވެ.
ތެލެސީމިއާ ޕުރޮގުރާމުގެ ތެރެއިން ދެމުން އަންނަ ޚިދުމަތްތައް، 2005ވަނަ އަހަރު ފުޅާކުރެވުނެވެ. އެގޮތުން، ތެލެސީމިއާ ސްކްރީން ކުރުމަށްފަހުގައިވެސް، ނަތީޖާއެއް ކަނޑައެޅުން ދަތިވާ ފަރާތްތަކަށް ނަތީޖާ ނެރެދިނުމަށްޓަކައި "ޝީ" ގައި، ޑީ.އެން.އޭ. ހަދައިދިނުމުގެ ޚިދުމަތް ގާއިމުކޮށް، އެ ޚިދުމަތްތައް ދޭން ފެށުނެވެ. މީގެއިތުރުން، ދެވޭ އެހެން ބައެއް ޚިދުމަތްތަކުގެ ތެރޭގައި، ޖެނެޓިކް ކައުންސެލިންގގެ ޚިދުމަތާއި، ލޭގެ ގުރޫޕު ދެނެގަތުމާއި، ޕްރީނޭޓަލް ޑައިގްނޯސިސް ހެދުމާއި، ހިއުމަން ލިޔުކޯސައިޓް އެންޓިޖެން (އެޗް.އެލް.އޭ.) ޓައިޕިންގ އެޕޮއިންޓްމަންޓް ހަމަޖައްސައިދިނުންވެސް ހިމެނުނެވެ. ޢާއިލާތަކުގެ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ގޮތުން، 1994ވަނަ އަހަރުން ފެށިގެން "ޝީ" ގައި، ކައުންސެލިންގ އެންޑް ސައިކޯ ސޯޝަލް ޚިދުމަތް ދެމުން ގެންދެއެވެ. މި ޚިދުމަތުގެ ތެރެއިން، ދިރިއުޅުމުގައި ދިމާވާ ތަފާތު ކަންކަމާ ގުޅޭގޮތުން ކައުންސެލިންގވެސް ދެމުން ގެންދެވެއެވެ.
ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރުމަކީވެސް އެ ޖަމުޢިއްޔާއިން ވަރަށް އިސްކަންދޭ ކަމެކެވެ. މިގޮތުން، އަނިޔާ ލިބޭ ފަރާތްތަކަށް ކައުންސެލިންގ ދިނުމާއި، ސްކްރީން ކުރުން ހިމެނެއެވެ. އަދި، އެފަދަ މައްސަލަތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވައި، ނަފްސާނީ ދުޅަހެޔޮކަމާމެދު ފަހި ވިސްނުންތަކުން ވިސްނައި، ހަރުދަނާކަމާއި، ކެރުންތެރިކަމާއި، ކެތްތެރިކަމާއެކުގައި ފިޔަވަޅުތައް އަޅައި، ނިންމުންތައް ނިންމުމަށްޓަކައި ދިވެހި ފަރުދުންނަށް އެހީތެރިވުމުގެ ގޮތުން "ޝީ" އިން އެކި ޕުރޮގުރާމުތައް ހިންގަމުން ގެންދެއެވެ. އުފަންވެނިވި ޞިއްޙަތާއި އާއިލާ ރޭވުމުގައި ފިރިހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން ފިރިހެނުންނަށް އަމާޒުކޮށްގެން ތަފާތު ޕުރޮގުރާމުތަކާއި، ފުރާވަރު އުމުރުގެ ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުވުމުގެ ގޮތުން ތަފާތު ޕުރޮގުރާމުތަކާއި، ޕިއަރ އެޑިޔުކޭޝަން ޕުރޮގުރާމުތަކާއި، ދާއިރާއިން މީހުން ބިނާކުރުމުގެ ޕުރޮގުރާމުތައް ހިންގަމުން ގެންދެއެވެ.
1992ވަނަ އަހަރުން ފެށިގެން "ޝީ" އިން ދެމުންގެންދާ އުފަންވެނިވި ޞިއްޙަތާއި، ޢާއިލާ ރޭވުމުގެ ޚިދުމަތުގެ ޕުރޮގުރާމުގެ ދަށުން، ދަރިމައިވުމަށް ހޭލުންތެރިކަން އިތުރުކޮށް، ދަރިމައިވުމާ ގުޅޭ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދެމުން ގެންދެއެވެ. ހަމައެހެންމެ، ފެމިލީ ޕްލޭނިންގ ކުލިނިކެއް ގާއިމުކޮށް، ޢާއިލާ ރޭވުމާބެހޭ މައުލޫމާތާއި، އާއިލާ ރޭވުމާބެހޭ ޚިދުމަތާއި، އެޗް.އައި.ވީ.އިން ރައްކާތެރިވުމަށްޓަކައި 2010ވަނަ އަހަރު "ވޮލަންޓްރީ ކައުންސެލިންގ އެންޑް ޓެސްޓިންގ"ގެ ނަމުގައި ސެންޓަރެއް ގާއިމުކޮށް، ޓެސްޓު ކުރުމާއި، މި ބައްޔަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕުރޮގުރާމުތައް ހިންގަމުން ގެންދެއެވެ. ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޞިއްޙީ އަދި އިޖުތިމާޢީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހޭލުންތެރިކަމުގެ ޕުރޮގުރާމުތަކުގެ ތެރޭގައި، ރޭޑިއޯއާއި ޓީ.ވީ. މެދުވެރިކޮށް ހިންގާ ޕުރޮގުރާމުތައްވެސް ހިމެނެއެވެ.
މައުލޫމާތު ފެތުރުމުގެ ނިޒާމަށް އައި ކުރިއެރުމާއެކުގައި "ޝީ" އިންވެސް ޑިޖިޓަލް ވެށްޓަކުން ޞިއްޙީ ދާއިރާއާ ގުޅޭ އެކި މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، ޒުވާނުންނަށް އަމާޒުކޮށްގެން "ސިއްތާ" ގެ ނަމުގައި މޮބައިލް އެޕްލިކޭޝަނެއް ތަޢާރުފުކޮށް، އުފަންވެނިވި ޞިއްޙަތާ ގުޅޭ މައުލޫމާތު ފޯރުކޮށްދެމުން ގެންދެއެވެ.
"ޝީ" އަކީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންގެންދާ ޖަމުޢިއްޔާއެކެވެ. ހަމަ އެހެންމެ، އެކިއެކި ޖަމުޢިއްޔާ، ޖަމާޢަތްތަކުގެ މުވައްޒަފުންނަށާއި، އޮފީސް އޮފީހުގެ މުވައްޒަފުންނަށް، ތެލެސީމިއާއާއި އެހެން ބައެއް ބަލިބައްޔާ ބެހޭ މައުލޫމާތާއި، ކައުންސެލިންގ ދީ ހޭލުންތެރިކަން އިތުރުކުރަމުން ގެންދާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. އަދި، ރާއްޖޭގައި އުފެދިފައިވާ ރަސްމީ އެކިއެކި ކޮމިޓީތަކާއި، ކައުންސިލް ތަކުގައިވެސް "ޝީ" ތަމްސީލުކުރަމުން ގެންދެއެވެ. "ޝީ" އަކީ، ދަރުމައަށް މަސައްކަތްކުރާ ވޮލަންޓިއަރުން ތަމްރީނުކޮށް، ދަރުމައަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކޮށް ކުރިއަރުވާ ޖަމުޢިއްޔާއެއްވެސް މެއެވެ.
"ޝީ" އިން ވަނީ، ޑަބްލިޔު.އެޗް.އޯ.ގެ "ސަސަކާވާ" އެވޯޑާއި، ކޮމަންވެލްތުގެ "އެވޯޑް ފޮރ އެކްސެލެންސް" ވެސް 1996ވަނަ އަހަރު ހާސިލުކޮށްފައެވެ. ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދުމަތް ކުރުމުގެ ރޮނގުން 1996ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި، ޖަމުޢިއްޔާތަކުގެ ދާއިރާއިން ޒުވާނުންގެ ޤައުމީ އިނާމު، 2014ވަނަ އަހަރު އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، ސެންޓަރ ފޮރ މެންޓަލް ހެލްތުން 2019ވަނަ އަހަރު ދެއްވި އެވޯޑު ލިބިފައި ވެއެވެ. މީގެއިތުރުން، މުއައްސަސާ، އިދާރާ، ކުންފުނީގެ ދާއިރާއިން 2019ވަނަ އަހަރު، ރެހެންދި އެވޯޑުވެސް ހާސިލުކޮށްފައި ވެއެވެ. އަދި "ޝީ" އިން ފޯރުކޮށްދެމުން ގެންދާ ތެލެސީމިއާ ޚިދުމަތް ފާހަގަކޮށް، މޯލްޑިވްސް ބްލަޑް ސަރވިސް އިން ދެއްވި އެވޯޑު 2024ވަނަ އަހަރު ލިބިފައި ވެއެވެ.
ތެލެސީމިއާ ޓެސްޓުކުރުމުގެ އިތުރުން "ޝީ" އިން ދެމުންގެންދާ އެހެން ޚިދުމަތްތަކަކީ، އެ ޖަމުޢިއްޔާ އުފެދުނީއްސުރެ މިއަދާ ހަމަޔަށް މެދުކެނޑުމެއްނެތި ހިލޭސާބަހަށް ދެމުންގެންދާ ޚިދުމަތްތަކެކެވެ. އަދި، މިއަދާ ހަމައަށް އެ ޚިދުމަތްތައް ތަރައްޤީކުރެވިގެން އައިއިރު، އެ ޚިދުމަތްތައް މިހާރު ވަރަށް ބޮޑަށް ފުޅާކުރެވި، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެވިފައިވާކަންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ.