އަލްފާޟިލް ޢަބްދުއްޞަމަދު މޫސާ
ޢަބްދުއްޞަމަދު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 27 ޖަނަވަރީ 1960 ގައި، ބ. ފުނަދޫ ނާއިބު ކަމުގެ މަގާމުގައެވެ. އޭގެފަހުން ބ. ކެންދޫ ކުޑަކަތީބުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ބ. ކެންދޫ ކަތީބު ކަމުގެ މަގާމުގައެވެ.
ޢަބްދުއްޞަމަދު މޫސާ، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަފުޅު ހައިސިއްޔަތުން އެކިއެކި ދާއިރާތަކުގައި ކުރައްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، އަތޮޅުވެރިންގެ އެދިވަޑައިގަތުމުގެމަތިން، ބ.ފުޅަދުއާއި، ބ. ފެހެންދުއާއި، ގޮއިދޫ ބޮޑުއިސްޓޯރުގައި ވަޒީފާ އަދާކުރެއްވުމާއި، ބ. ކެންދޫ ކާޑުގޭގައި، އިސްފަރާތެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި، ބ. ކެންދޫ މަކްތަބުއްސަޢާދާގައި ދީނީއްޔާތު މުދައްރިސެއްގެ ގޮތުންނާއި، ޤުރްއާން މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި، ކެންދޫ މިސްކިތުގެ މުދިމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުން ހިމެނެއެވެ.
ޢަބްދުއްޞަމަދު މޫސާ، ކަތީބުކަން ކުރެއްވި ދުވަސްވަރަކީ، ކެންދޫގެ ތަރައްޤީއަށްޓަކައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ދުވަސްވަރެކެވެ. އެގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އިންޖީނުގެއެއް އިމާރާތްކޮށް، ރަށަށް ކަރަންޓުގެ ޚިދުމަތް ދިނުމުގެގޮތުން ކުރެވުނު މަސައްކަތްތަކުގެ މޭސްތިރިއަކީ، ޢަބްދުއްޞަމަދު މޫސާއެވެ. އަދި، ރަށުގައި ލަފާފުރުމަށްޓަކައި ބޭނުންވާ ބަނދަރެއް ހެދުމަށްޓަކައި، އަމިއްލަފަރާތަކާ ވާހަކަ ދައްކަވައިގެން، ކެންދޫގައި ގާއިމު ކުރެވުނު ބަނދަރުގެ މަސައްކަތް ފުރިހަމަކުރުމުގެގޮތުން ކުރެވުނު މަސައްކަތްތަކުގައި، ޢަބްދުއްޞަމަދު މޫސާގެ ހިއްސާ ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، ރައްޔިތުންގެ ޚަރަދުގައި މިސްކިތްތައް ޢިމާރާތްކުރުމާއި، މިސްކިތްތައް ބެލެހެއްޓުމުގެ އެންމެހައި ޒިންމާތައް އުފުއްލަވައި، އެކަންތައްތައް ބަލަހައްޓަވަމުން ގެންދެވިއެވެ.
ރަށުގެ އޮފީސްތައް ހިންގެވުމުގެ އިތުރުން، ޢަބްދުއްޞަމަދު މޫސާ އަކީ، ރަށުއޮފީހުގެ ފަރާތުން ރަށުގައި ކުރައްވަމުން ގެންދަވަންޖެހޭ އެންމެހައި ކަންތައްތައް ވަރަށް ހީވާގިކަމާ އެކުގައި ފުރިހަމައަށް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އެގޮތުން، އިމާމުވެ ހުކުރު ނަމާދު ކުރެއްވުމާއި، ކަށުކަމާކެމީގެ ކަންތައްތަކަކީ، ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ޢަބްދުއްޞަމަދު މޫސާ ކުރައްވަމުން ގެންދެވި ކަންތައްތަކެކެވެ. އަދި މުޅި ދިވެހިރާއްޖޭގައި ހިންގުނު އަސާސީ ތަޢުލީމު އުނގަންނައިދިނުމުގެ މަޝްރޫޢުގެ ތެރެއިން، ބ. ކެންދޫގައި މި މަޝްރޫޢު ހިންގެވުމުގައި ރަށުއޮފީހުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީވެސް ޢަބްދުއްޞަމަދު މޫސާއެވެ. މި މަޝްރޫޢު ރަށު ފެންވަރުގައި ރާއްވަވައި، ހިންގެވުމުގެ އިތުރުން، މުދައްރިސެއްގެ ހައިސިއްޔަތުންވެސް، މީހުންނަށް ތަޢުލީމު ދެއްވަމުން ގެންދަވައިފައި ވެއެވެ.
ޢަބްދުއްޞަމަދު މޫސާ ވަނީ، ތަފާތު ގިނަ ކޯސްތަކެއްވެސް ފުރިހަމަކުރައްވައި ތަޢުލީމީ ގިނަ ސަނަދުތަކެއް ހޯއްދަވައިފައެވެ. އޭގެތެރޭގައި، 2 ނަންބަރު ކާތިބު ކަމުގެ ސަނަދާއި، މުދިމު ކަމުގެ ސަނަދާއި، މާމުދިމު ކަމުގެ ސަނަދާއި، ދީނިއްޔާތު މުދައްރިސް ކަމުގެ ސަނަދާއި، ޤުރުއާން މުދައްރިސް ކަމުގެ ސަނަދާއި، ހުކުރު ކުރުމުގެ ސަނަދާއި، ޖަމާޢަތްތެރިކަމުގެ ސަނަދާއި، ކަށުކަމާކެމީގެ ކަންތައް ކުރުމުގެ ހުއްދައާއި، ރާއްޖެތެރޭގެ ރަށްރަށުގެ ނާއިބު ކަމުގެ ސަނަދާއި، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިކަމުގެ ސަނަދު ހިމެނެއެވެ.
ޢަބްދުއްޞަމަދު މޫސާ ފާހަގަކުރެވެނީ، ގަވާއިދުތަކާއި އުސޫލުތައް ދެމެހެއްޓެވުމަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވަމުން ގެންދެވި، އަދި ހިންގުންތެރި ހަރުދަނާ ވެރިއެއްގެ ގޮތުގައެވެ. ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޮފީހުގެ އެންމެހައި ލިޔެކިޔުންތަކާއި، ފައިސާއާ ބެހޭ އެންމެހައި ކަންތައްތައް، އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން، ބައްލަވަމުން ގެންދެވި ތަޖުރިބާކާރު، ހިންގުންތެރިއެއްގެ ގޮތުގައިވެސްމެއެވެ.
41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު، ޢަބްދުއްޞަމަދު މޫސާ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 މޭ 2008 ގައެވެ.