އަލްފާޟިލް ޢަބްދުﷲ އިބްރާހީމް
ޢަބްދުﷲ އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އުމުރުން 18 އަހަރުގައި، ށ. ފޭދޫ ކޯޓުގެ މަސައްކަތު މީހެއްގެ ގޮތުގައެވެ. އެއީ، 12 ސެޕްޓެންބަރު 1979 ގައެވެ. އޭގެފަހުން، ޞިއްޙީ ދާއިރާގެ ތަމްރީނު ހޯއްދެވުމަށްފަހު ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ދަށުން ފެމިލީ ހެލްތު ވަރކަރެއްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވިއެވެ. އަދި ފަހުން ކޯޓު ނަންބަރު 6 ގެ ޕިޔޯނުގެ މަގާމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ޕިޔޯނުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އާއިލާގެ އެހީތެރިޔާގެ މަގާމު އަދާކުރެއްވިއެވެ. އަދި، ށ. ފޭދޫ ޞިއްޙީ މަރުކަޒުގައި އާއިލާގެ އެހީތެރިޔާގެ މަގާމާއި ފެމިލީ ހެލްތު އޮފިސަރުގެ މަގާމުވެސް އަދާކުރައްވައިފައިވެއެވެ.
ޢަބްދުﷲ އިބްރާހީމް، ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު އޮފީހުގައި ކުރައްވަންޖެހިވަޑައިގެންނެވި ލިޔެކިޔުމުގެ މަސައްކަތްތަކުގެ އިތުރުން، ޞިއްޙީ ދާއިރާއިން ށ. ފޭދޫގައި ކުރައްވަންޖެހުނު ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވައިފައެވެ. 2019ގައި ށ. ފޭދޫގައި ޞިއްޙީ މަރުކަޒެއްގެ ޚިދުމަތް ރަސްމީގޮތުން ފެށުމުގެ ކުރިންވެސް އެރަށުގައި ބަލިމީހުން ބެއްލެވުމުގެ ކަންކަމާއި، ރަށުގައި ބަލިމީހުންނަށް ދެވެންހުރި ފަރުވާތައް ދެއްވުމާއި، ޞިއްޙީ ކަންކަމުގައި ބަލިމީހުންނަށް ބޭނުންވާ އިރުޝާދާއި ލަފާ ދެއްވުމުގެ ކަންކަން ޢަބްދުﷲ އިބްރާހީމް ކުރައްވަމުން ގެންދަވައިފައި ވެއެވެ. އެގޮތުން ކުޑަކުދިންގެ ހެދިބޮޑުވުމާ ގުޅޭ މައުލޫމާތު ބެލެހެއްޓެވުމާއި، ޤައުމީ ތާވަލުގައިވާ ގޮތުގެމަތިން ކުޑަކުދިން އަދި ފުރާވަރުގެ ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަން ހަމަޖައްސަވައި ރެކޯޑް ބެލެހެއްޓެވުން ހިމެނެއެވެ. އަދި ބަލިމީހުންނަށް ޒިޔާރަތްކުރައްވައި އެމީހުންނަށް ބޭނުންވާ ޞިއްޙީ އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި، ކަމާބެހޭ ފަރާތްތަކަށް އެ މައުލޫމާތުތައް ފޮނުއްވުން ހިމެނެއެވެ. އަދި ގައިންގަޔަށްއަރާ ބަލިތައް ކޮންޓްރޯލް ކުރުމުގެގޮތުން ގިނަ މަސައްކަތްތަކެއް ށ. ފޭދޫގައި ޢަބްދުﷲ އިބްރާހީމް ކުރައްވައިފައިވެއެވެ.
ށ. ފޭދޫ ރައްޔިތުން ޞިއްޙީ ގޮތުން ހޭލުންތެރިކުރުވުމަށް ޞިއްޙީ މަރުކަޒުން ކުރި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ރައްޔިތުން ބަލިބަލިން ރައްކާތެރި ކުރުމަށްޓަކައި ރަށުފެންވަރުގައި ކުރެވެން ހުރި ގިނަ މަސައްކަތްތަކެއް ޢަބްދުﷲ އިބްރާހީމް ކުރައްވައިފައިވެއެވެ. ށ. ފޭދުއަކީ، ބަލިތައް މަދު ރަށަކަށް ހެދުމަށްޓަކައި ރަށުގެ ގޭގެއަށް ޒިޔާރަތްކުރައްވައި މަދިރި އުފެދޭ ތަންތަން ބަލައި ނައްތާލުމުގެ އިތުރުން، މަދިރި އުފެދޭ ތަންތަނަށް ކުލޮރިން އެޅުމުގެ މަސައްކަތްވެސް ހިންގަވައިފައި ވެއެވެ. އަދި ރައްކާތެރި މައިވަންތަކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވައި، އާއިލާ ރޭވުމަށް އެހީތެރިވެދެއްވައި، ބޭނުންވާ ބޭސްތައް ލިބޭނެގޮތް ފަހިކޮށްދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ޢަބްދުﷲ އިބްރާހީމް ކުރައްވައިފައިވެއެވެ. ޓީ.ބީ.އާއި، ފާނަބަސަންދު ފަދަ ނުރައްކާތެރި ބަލިތައް ޖެހޭ މީހުން އެކަހެރިކޮށް އެމީހުންގެ ހާލުބައްލަވައި ގަވާއިދުން ބޭސް ފޯރުކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައިވެއެވެ. މީގެއިތުރުން، 2019ވަނަ އަހަރުގެ ކޯވިޑުގެ ނުރައްކާތެރި ވަބާއާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެގޮތުން ނުހަނު ގިނަ މަސައްކަތްތަކެއްވެސް ޢަބްދުﷲ އިބްރާހީމް ކޮށްދެއްވައިފައިވެއެވެ.
ޢަބްދުﷲ އިބްރާހީމް ވަނީ، ޞިއްޙީ ދާއިރާގެ ކޯސްތަކާއި، އެކިއެކި ތަމްރީނުތަކާއި، މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން، ތަޖުރިބާއާއި ހުނަރު ހޯއްދަވައިފައެވެ. ޢަބްދުﷲ އިބްރާހީމް ފާހަގަ ކުރެވެނީ، ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި މަސައްކަތްކުރެއްވި، އަދި މަސައްކަތަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.
ޢަބްދުﷲ އިބްރާހީމް، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 11 އޮގަސްޓު 2021 ގައެވެ.