އަލްފާޟިލާ ވަފިއްޔާ ޙަސަން
ހ. އަރާއިރު

ވަފިއްޔާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެޓޮލްސް ޑިވިޜަންގައި 1 ނަންބަރު ކާތިބާއެއްގެ މަގާމުންނެވެ. އެއީ، 31 ޑިސެންބަރު 1968 ގައެވެ. ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.

ވަފިއްޔާ ޙަސަން ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އަތިރީމާފަންނުގޭ 1 ނަންބަރު ކާތިބާ ކަމާއި، މުލީއާގޭ 1 ނަންބަރު ކާތިބާ ކަމާއި، ރެޖިސްޓްރޭޝަންސް ޑިވިޜަން (ށ)ގެ 2 ނަންބަރު ކާތިބާ ކަމާއި، އޮފީސް އޮފް ދަ ޕްރައިމް މިނިސްޓަރގެ 1 ނަންބަރު ކާތިބާ ކަމާއި، އޯޑިޓް އޮފީހުގެ 1 ނަންބަރު ކާތިބާ ކަމާއި، އެސިސްޓެންޓް އެކައުންޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލިސްގެ އިދާރާގެ އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ކްލާކް ކަމާއި، ސީނިއަރ ކްލެރިކަލް އެސިސްޓެންޓް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ.

ވަފިއްޔާ ޙަސަން، ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ، އެޓޮލްސް ޑިވިޜަނުގައި ކަމަށްވުމުން، އޭރު ކުރެއްވީ ސިޓީ ލިޔުއްވުމާއި، ފޮނުއްވުމުގެ މަސައްކަތެވެ. އޭގެފަހުން، އަތިރީމާފަންނުގެއާއި، މުލީއާގޭގައި ކުރެއްވީ ބަޖެޓު ބެލެހެއްޓެވުމާއި، ރައީސުލްޖުމްހޫރިއްޔާ އެކިއެކި ފަރާތްތަކަށް ފޯނު މެދުވެރިކޮށް ދެއްވާ އެޕޮއިންޓްމަންޓާ ގުޅޭ މަސައްކަތްތަކެވެ. އޭގެ ތެރޭގައި، އެޕޮއިންޓްމަންޓް ހަމަޖެއްސެވިކަން ދެންނެވުމާއި، އެކަމާގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވުން ހިމެނެއެވެ.

ވަފިއްޔާ ޙަސަން، ރަޖިސްޓްރޭޝަން ޑިވިޜަން (ށ)ގައި ކުރެއްވީވެސް އިދާރީ މަސައްކަތްތަކެވެ. މިގޮތުން، މާލެއިން ގޯއްޗަށް އެދޭ މީހުންގެ މައުލޫމާތު ބެލެހެއްޓެވުމާއި، އެފަރާތްތަކުން ފޮނުއްވާ ސިޓީތަކަށް ޖަވާބުދެއްވުމުގެ މަސައްކަތް ވަފިއްޔާ ޙަސަން ކުރައްވައިފައިވެއެވެ. ވަފިއްޔާ ޙަސަން، ޕްރައިމް މިނިސްޓަރ އޮފީހުގައިވެސް ވަނީ ޚިދުމަތް ކުރައްވައިފައެވެ. އެ އޮފީހުގައި ކުރެއްވީ، ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވާ ސިޓީ ލިޔުއްވުމުގެ މަސައްކަތެވެ.

ވަފިއްޔާ ޙަސަން، އޯޑިޓް އޮފީހުގައިވެސް ޚިދުމަތް ކުރައްވައިފައިވެއެވެ. އޯޑިޓް ރިޕޯޓްތައް ޓައިޕްކުރެއްވުމާއި، ސަރުކާރުގެ ބޭސްފިހާރަތައް އޯޑިޓް ކުރެއްވުމާއި، އަހަރު ހިސާބުތަކާއި، ބެލެންސް ޝީޓް ތައްޔާރުކުރުމުގެ މަސައްކަތް ވަފިއްޔާ ކުރައްވައިފައިވެއެވެ.

ވަފިއްޔާ ޙަސަން ވަނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރާގައިވެސް ޚިދުމަތް ކުރައްވައިފައެވެ. އެ އިދާރާގައި ކުރެއްވީ އެ އިދާރާއިން ޗާޕުކުރާ ލިޔުންތައް ސްޓެންސިލްގައި ލިޔުއްވުމުގެ މަސައްކަތެވެ.

ވަފިއްޔާ ޙަސަން އެންމެ ގިނަދުވަހު ޚިދުމަތްކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޗާޕުކުރައްވާ ތަކެތި ޗާޕުކުރަން ފޮނުއްވުމާގުޅޭ ބައެއް މަސައްކަތްތަކާއި، ބަޖެޓް ކޮންޓިންޖެންސީގެ ތަފްސީލު، ފޮތުގައި ލިޔެ ބެލެހެއްޓެވުމާއި، އޮފީހުގެ ސްޓޮކަށް ބޭނުންވާތަކެތި އެސް.ޓީ.އޯ.އިން ބައްލަވައިގަތުމާގުޅޭ މަސައްކަތްތަކާއި، ސަރުކާރުގެ ވެރިން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން ހޯއްދަވަންޖެހޭ ބޭރުފައިސާ، އެމް.އެމް.އޭ. އިން ހޯއްދެވުމާގުޅޭ މަސައްކަތްތައް ކުރެއްވިއެވެ. މީގެ އިތުރުން، އަމިއްލަ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކަށް ދެއްވާ ޖަވާބު ތައްޔާރުކުރެއްވުމާއި، ޓައިޕްކުރެއްވުމާއި، ޖަވާބު ހަވާލުކުރެއްވުމާގުޅޭ މަސައްކަތްތަކާއި، އެ މައްސަލަތައް ފައިލްކޮށް ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި އެ ޖަވާބުތަކުގެ ނަކަލު، ފޮތަށް ނެންގެވުމުގެ މަސައްކަތްވެސް ވަފިއްޔާ ކުރައްވައިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އަމިއްލަ ފަރާތްތަކުން ފޮނުއްވާ ސިޓީތަކުގެ ތެރެއިން އެކިއެކި ކުށްކުށާ ގުޅިގެން ބަންދުކޮށްފައިވާ މީހުންނާއި، ޙުކުމް ތަންފީޒު ކުރަމުންގެންދާ މީހުންގެ ސިޓީތަކާއި، ޝަރުޢީ މައްސަލަތަކާގުޅޭ ސިޓީތައް ވަކިކުރައްވައި، އޮފީހުގެ ކަމާގުޅޭ ސެކްޝަންތަކަށް އެ ސިޓީތައް ހަވާލުކުރެއްވުމުގެ މަސައްކަތާއި، އެ ސިޓީތަކާބެހޭ ރެކޯޑް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ވަފިއްޔާ ކުރައްވައިފައި ވެއެވެ.

ވަފިއްޔާ ޙަސަނަކީ، ހާޒިރީއަށް ފަރުވާތެރި، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް، މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތްކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި، ވަފިއްޔާ ޙަސަނަށް 2022ވަނަ އަހަރު ވަނީ އެކަމުގެ ހަނދާނީ ފިލާ އަރުވައިފައެވެ.