އަލްފާޟިލާ ޒަކިއްޔާ ޙަސަން
މ. ޖަވާހިރުވާދީ

ޒަކިއްޔާ ޙަސަން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 14 އޮކްޓޫބަރު 1967 ގައި ވުޒާރަތުއް ޞިއްޙާ (ށ)ގެ ފިޒިއޯތެރަޕީ ޓްރެއިނިންގެ ވަޒީފާއިންނެވެ.

ޒަކިއްޔާ ޙަސަން، އަމީނިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، ވުޒާރަތުއް ޞިއްޙާއިން ހިންގެވި ހެލްތު އެސިސްޓެންޓް ކޯހުގައި ބައިވެރިވެވަޑައިގެން، ކޯސް ފުރިހަމަ ކުރައްވަމުން ގެންދެވިއިރު، ރާއްޖެއިން ފުރަތަމަ ފަހަރަށް ޕޯލިއޯ ބަލި ފެނުނެވެ. އެއާއެކު، ސަރުކާރުން ގެންނެވި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ތަޖުރިބާކާރަކު، އެކޯހުގެ ބައިވެރިންނަށް ޕޯލިއޯއާބެހޭ މައުލޫމާތު ދެއްވައި، ޕޯލިއޯއަށް ފަރުވާދޭނެ ގޮތްތައް ދަސްކޮށްދެއްވިއެވެ. އެއަށްފަހު، ދައުލަތުން އެކޯހުގެ ބައިވެރިން މި ޚިދުމަތަށް ނެރުއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޒަކިއްޔާ ޙަސަންގެ ފުރަތަމަ ވަޒީފާއަކަށްވީވެސް ޕޯލިއޯ ބަލިމީހުންނަށް ފިޒިއޮތެރަޕީ ފަރުވާދެއްވުމުގެ މަސައްކަތެވެ.

ހެލްތު އެސިސްޓެންޓް ކޯސް ފުރިހަމަކުރެއްވުމާއެކު، ޕަބްލިކް ހެލްތް ޑިވިޜަންގެ ހެލްތު އެސިސްޓެންޓްގެ ވަޒީފާއަށް ޒަކިއްޔާ ޙަސަން ބަދަލުވެވަޑައިގެންނެވިއެވެ. އެއަށްފަހު، އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކުގައި ޚިދުމަތް ކުރެއްވިއެވެ. އޭރު ޞިއްޙީ މަރުކަޒުތަކުގައި ޑޮކްޓަރުން ނުތިއްބަވާތީ، ބަލިމީހުން ބައްލަވައި ފަރުވާދެއްވުމުގައިވެސް ޒަކިއްޔާ ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. އަދި އެދުވަސްވަރު ރާއްޖޭގައި ފެތުރުނު ކޮލެރާއާއި ޝިގެއްލާގެ ބަލިމީހުންނަށް ފަރުވާދެއްވުމާއި އެބަލިތައް ރާއްޖެއިން ނައްތައިލެއްވުމަށް ސަރުކާރުން ހިންގެވި ޕުރޮގުރާމުތަކުގައި ޢަމަލީގޮތުން ޒަކިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ. ރާއްޖޭގައި އޭރު ފެތުރެމުންދިޔަ ބައެއް ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ޕަބްލިކް ހެލްތު ޑިވިޜަނުން ކުޑަކުދިންނާއި އާންމުންނަށް ހިންގެވި ވެކްސިން ކޭމްޕްތަކުގައި ވެކްސިން ދެއްވުމުގައިވެސް ޒަކިއްޔާ ޙަސަން ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

ޞިއްޙީ ދާއިރާއަށް، ޒަކިއްޔާ ޙަސަން ކޮށްދެއްވި ޚިދުމަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ، ރާއްޖެއިން މެލޭރިއާ ބަލި ނައްތައިލެއްވުމުގެ މަސައްކަތުގައި ކުރެއްވި ޚިދުމަތްތަކެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ބެލުމުގެ ދަށުން ހިންގި މެލޭރިއާ ކޮންޓްރޯލް ޕްރޮޖެކްޓުގެ ދަށުން މެލޭރިއާ އޮފިސަރުކަމާއި، ޕްރޮޖެކްޓް އޮފިސަރުކަމާއި، ޕުރޮގުރާމު މެނޭޖަރުކަމާއި، ޕުރޮގުރާމު ކޯޑިނޭޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މިގޮތުން، އޭޝިއާގެ ބައެއް ޤައުމުތަކުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ހިންގެވި މެލޭރިޔާއާ ބެހޭ އެކިއެކި މަސައްކަތު ބައްދަލުވުންތަކުގައި ޒަކިއްޔާ ޙަސަން ބައިވެރިވެވަޑައިގެން، މެލޭރިޔާއާ ބެހޭ މައުލޫމާތާއި ތަޖުރިބާ ހޯއްދެވިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ފަރާތުން މެލޭރިޔާއާ ބެހޭގޮތުން ސައުތު އީސްޓް އޭޝިއާގެ ބައެއް ޤައުމުތަކުގައި ބޭއްވި ސެމިނާރުތަކާއި ކޮންފަރެންސްތަކުގައިވެސް ޒަކިއްޔާ ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ފެކަލްޓީ އޮފް ހެލްތު ސައެންސަސްއިން ހިންގެވި ޖަމާޢަތުގެ ޞިއްޙީ އެހީތެރިން ތަމްރީނު ކުރުމުގެ ކޯސްތަކުގައިވެސް، މެލޭރިޔާ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން މައުލޫމާތު ދެއްވައިފައިވެއެވެ. ރާއްޖެއިން މެލޭރިޔާ ނައްތައިލުމުގެ މަސައްކަތުގައި ޒަކިއްޔާ ޙަސަން، 23 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމުވެސް ޒަކިއްޔާ ޙަސަން އަދާކުރައްވައިފައި ވެއެވެ. އަދި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓަރގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

ޒަކިއްޔާ ޙަސަންގެ ޚިދުމަތުގެ އަގު ވަޒަންކުރެވޭ ރަމްޒެއްގެ ގޮތުގައި، އަމީނިއްޔާ ސްކޫލުގެ ރަންޔޫބިލް ފާހަގަ ކުރުމުގެ މުނާސަބަތުގައި، އަމީނިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ތެރެއިން ޤައުމަށް އެންމެ ޚިދުމަތްތެރި 50 ދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގެން "ޚިދުމަތުގެ ތަރި" ލިބިވަޑައިގެންފައި ވެއެވެ.

ޒަކިއްޔާ ޙަސަން، 3 އޮގަސްޓު 2009ގައި ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު، 41 އަހަރަށްވުރެ ދިގުމުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. މި ދިގު މުއްދަތު ހޭދަކުރައްވައިފައިވަނީ ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރެއްވުމުގައެވެ.