އަލްފާޟިލް މުޙައްމަދު ސަޢީދު
މުޙައްމަދު ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 އެޕްރީލު 1979 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސްގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އަދި އެ ޑިޕާޓްމަންޓުގެ 23 ނަންބަރު ނީލް ކްރޭނުގެ ޑްރައިވަރުގެ އެހީތެރިޔާގެ މަގާމާއި، އޮޕަރޭޓަރުގެ އެހީތެރިޔާގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. އޭގެފަހުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސް ޑިވިޜަންގެ 1ނަންބަރު އޮޕަރޭޓަރުގެ އެހީތެރިޔާގެ މަގާމާއި، 3 ނަންބަރު އޮޕަރޭޓަރުގެ މަގާމާއި، ފޯރކްލިފްޓް ޑްރައިވަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޓެކްނިކަލް ސަރވިސަސް ޑިވިޜަންގެ ފޯރކްލިފްޓް ޑްރައިވަރުގެ މަގާމާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް އިކުއިޕްމަންޓް ސުޕަވައިޒަރުގެ މަގާމާއި، އިކުއިޕްމަންޓް ސުޕަވައިޒަރުގެ މަގާމާއި، ސީނިއަރ އިކުއިޕްމަންޓް ސުޕަވައިޒަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
މުޙައްމަދު ސަޢީދު، ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް މެކޭނިކަލް ޓްރާންސްޕޯޓް އެންޑް ސަރވިސަސްގައި ކަމަށްވުމުން، މައިގަނޑު ގޮތެއްގައި އޭރު ކުރެއްވީ، ރާއްޖެއިން ބޭރުން ރާއްޖެއަށް ގެންނަ މުދާ ބޭލުމާއި، ކަސްޓަމުގެ ގުދަންތަކަށް މުދާ ގެންދިޔުމުގެ މަސައްކަތެވެ. އޭގެފަހުންވެސް ކުރެއްވީ، މުދާ ބޭލުމާގުޅޭ މަސައްކަތްތަކާއި، އެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، ސުޕަވައިޒް ކުރެއްވުމުގެ މަސައްކަތެވެ. އޭގެއިތުރުން، ދުވަހުން ދުވަހަށް ފުރިހަމަކުރަންޖެހޭ ޗެކްލިސްޓްތައް ފުރިހަމަކުރައްވައި، އުޅަނދުފަހަރަށް އެއްވެސް މައްސަލައެއް ނުވަތަ ގެއްލުމެއް ލިބިފައިވާނަމަ އެކަން އިސްވެރިންނަށް އެންގެވުމާއި، ވެހިކަލްތަކަށް މުދާ ބަރުކުރުމުގައި އުޅަނދަށް ކަނޑައެޅިފައިވާ ބަރުދަނަށްވުރެ އިތުރު ނުކުރުމާއި، ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގެ ނޯޓްސް ނެގުމުގެ އިތުރުން، ހަވާލުކުރެވިފައިވާ އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ގަވާއިދުން ކުރައްވަމުން ގެންދެވިއެވެ.
މުޙައްމަދު ސަޢީދު އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގައެވެ. މުޙައްމަދު ސަޢީދުވަނީ، އެ ކުންފުނީގެ 2015ވަނަ އަހަރު އެންމެ ރަނގަޅު މުވައްޒަފުގެ ގޮތުގައިވެސް ހޮވިވަޑައިގެންފައެވެ.
މުޙައްމަދު ސަޢީދަކީ، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް އަދި މުވައްޒަފުންނާ ގުޅިގެން ޚިދުމަތް ކުރެއްވި، އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައިދެއްވި ބޭފުޅެކެވެ. އަދި މަސައްކަތަށް އިސްކަން ދެއްވައިގެން ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކުގައި ޚިދުމަތްކުރެއްވި ބޭފުޅެއްވެސް މެއެވެ.
މުޙައްމަދު ސަޢީދު، 41 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތްކުރައްވައި، 21 މޭ 2020 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އިކުއިޕްމަންޓް ޕްލޭނަރުގެ މަގާމުގައެވެ.