އަލްފާޟިލް އިބްރާހީމް ޢަބްދުއްރަޙްމާން
ބާޑީގެ، ނ. މަނަދޫ

އިބްރާހީމް ޢަބްދުއްރަޙްމާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މަނަދޫ އޮފީހުގެ ކާތިބެއްގެ މަގާމުގައެވެ. އެއީ 9 މޭ 1984ގައެވެ. އެއަށްފަހު، ނ.އަތޮޅު އޮފީހުގެ 2 ނަންބަރު ކާތިބުކަމުގެ މަގާމާއި، ނ.މަނަދޫ އޮފީހުގެ ކާތިބުގެ މަގާމާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްގެ ފީލްޑް އޮފިސަރގެ މަގާމު އަދާކުރެއްވިއެވެ. އަދި، ނ.އަތޮޅު އޮފީހުގެ ޑްރައިވަރުގެ މަގާމާއި، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޑްރައިވަރުގެ މަގާމުވެސް އަދާކުރެއްވިއެވެ.

އިބްރާހީމް ޢަބްދުއްރަޙްމާން، މަނަދޫ އޮފީހުގެ ކާތިބުގެ މަގާމުގައި ހުންނެވިއިރު މައިގަނޑުގޮތެއްގައި ކުރެއްވީ، ލިޔެކިޔުމާގުޅޭ މަސައްކަތްތަކެވެ. އަދި މަސްވެރި އުޅަނދުފަހަރާބެހޭ މައުލޫމާތު ބެލެހެއްޓެވުމާއި، ކަނޑު އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށް އޮޑި މިނުމުގެ މަސައްކަތާއި، އެދުވަސްވަރު ކުރި ވިއްސާރައިގައި، ރަށުގެ ގޭގެއަށް ލިބުނު ގެއްލުމުގެ ހިސާބުތައް ނެންގެވުމާއި، ސަރުކާރުން ފޮނުއްވި ކާބޯތަކެތި ގޭގެއަށް ބެއްސެވުމުގެ މަސައްކަތުގައިވެސް އިބްރާހީމް ޢަބްދުއްރަޙްމާން އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.

މީގެއިތުރުން، ރަށުއޮފީހާއި، މިސްކިތާއި، ރަށުގެ ރައްޔިތުންނާ ގުޅުންހުރި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އެގޮތުން، އިބްރާހީމް ޢަބްދުއްރަޙްމާން ކުރެއްވި އެންމު މުހިންމު އެއް މަސައްކަތަކީ، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން، އުނގެނެން ބޭނުންވެފައިތިބި އެކި އުމުރުފުރައިގެ މީހުންނަށް ކިޔަވައިދެއްވުމުގެ މަސައްކަތެވެ. މީގެ އިތުރުން، ތަފާސްހިސާބުތަކަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން ރަށުގައި ކުރިއަށްގެންދިޔަ ބޯހިމެނުމުގެ މަސައްކަތުގައި އިބްރާހީމް ޢަބްދުއްރަޙްމާން ބައިވެރިވެވަޑައިގެން ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވިއެވެ. އަދި ރަށުގެ މިސްކިތުގައި މުދިމެއް ނުހުންނައިރު މުދިމުގެ ޒިންމާ އަދާކުރެއްވުމާއި، ގަބުރުސްތާނާއި، މިސްކިތާއި، ފުޓްބޯޅަދަނޑާއި، އެނޫންވެސް، ރަށުއޮފީހުގެ ބެލުމުގެ ދަށުގައި ހުންނަ ބިންބިމާއި، އިޖުތިމާޢީ ތަންތަން ސާފުކޮށް ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ.

އިބްރާހީމް ޢަބްދުއްރަޙްމާން ވަނީ، ރަށްކުރިއަރުވާ ކޮމިޓީގެ ސެކްރެޓެރީކަންވެސް ކުރައްވައި، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވުނު އެންމެހައި ކަންކަމުގައި އިސްދައުރެއް އަދާކުރައްވައި، ޚިޔާލާއި މަޝްވަރާ ދެއްވުމުގެ އިތުރުން، ޢަމަލީގޮތުން ކަންކަމުގައި ބައިވެރިވެވަޑައިގެންވެސް ޚިދުމަތް ކުރައްވައިފައެވެ.

އިބްރާހީމް ޢަބްދުއްރަޙްމާން، ފީލްޑް އޮފިސަރުގެ މަގާމު އަދާކުރެއްވިއިރު، ނ. އަތޮޅުގައި އުޅޭ މަސްމަހާމެހީގެ މައުލޫމާތު އެއްކުރައްވައި، ދިރާސާކުރައްވައި، މޫސުމާގުޅޭ ކަންކަން ބެއްލެވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، ސްރީލަންކާއާއި، ފިލިޕީންސުން ވަނީ، ވަޒީފާއާ ގުޅޭ ތަމްރީނާއި ތަޖުރިބާ ހޯއްދަވައިފައެވެ.

އިބްރާހީމް ޢަބްދުއްރަޙްމާން، އެންމެ ގިނަދުވަހު ވަޒީފާ އަދާކުރެއްވީ، ނ. އަތޮޅު އޮފީހުގައްޔާއި، މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޑްރައިވަރުގެ މަގާމުގައެވެ. އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ އިތުރުން، އޭރު ސަރުކާރުން ރަށްރަށުގައި ތިޖޫރީ ބެހެއްޓެވުމުގެ މަޝްރޫޢުގެ ދަށުން ނ. އަތޮޅުގެ ގިނަ ރަށްރަށުގައި ތިޖޫރީ ބެހެއްޓުމުގެ މަސައްކަތުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އިބްރާހީމް ޢަބަދުއްރަޙްމާން ފާހަގަކުރެވިފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެއްވުމާއި، ގަޑިއަށް ފަރުވާތެރި، އެކުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެއްވި ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ހިތްހެޔޮ، އަޚުލާޤު ރަނގަޅު އަދި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

އިބްރާހީމް ޢަބްދުއްރަޙްމާން، 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދަޢުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު ރިޓަޔަރ ކުރެއްވީ 10 ޖުލައި 2025 ގައެވެ.