އަލްފާޟިލް އާދަމް ޢަލީ
ގ. ހިޔަލަ

އާދަމް ޢަލީ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސ. ބޮޑު އިސްޓޯރުގެ ކުއްޔަށް ތަކެތި ދޫކުރާ ބައިގެ ކާތިބެއްގެ ގޮތުގައި 28 ޖަނަވަރީ 1968 ގައެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ސ. ބޮޑު އިސްޓޯރުގެ ކުއްޔަށް ތަކެތި ދޫކުރާ ބައިގެ 2 ނަންބަރު ކާތިބު ކަމާއި، ރެންޓަލްސް ޑިވިޜަންގެ އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ލޭންޑް ރެޖިސްޓްރޭޝަންސް ޑިވިޜަންގެ ސެކްރެޓެރީގެ މަގާމާއި، މާލޭ މުނިސިޕަލްޓީގެ ސެކްރެޓެރީގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއަރގެ ސެކްރެޓެރީގެ މަގާމާއި، އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރގެ މަގާމާއި، ވަކީލުގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތުގެ ވަކީލުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރގެ މަގާމާއި، ޑިރެކްޓަރގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އާދަމް ޢަލީ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

އާދަމް ޢަލީ، ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޮޑު އިސްޓޯރުގެ ކުއްޔަށް ތަކެތި ދޫކުރާ ބައިގައި ކަމަށްވުމުން، އެތާނގައި ކުރެއްވީ، ކުއްޔަށް ތަކެތި ދޫކުރެއްވުމާއި، އަނބުރާ ގެނައުމުން އެތަކެތި ބަލައިގަތުމާއި، ކުއްޔަށް ދޫކުރާ ތަކެއްޗަށް ލިބޭ ފައިސާ ބަލައިގަތުމާއި، އެ ފައިސާ ޖަމާކުރެއްވުމުގެ މަސައްކަތެވެ. އޭގެފަހުން ލޭންޑް ރެޖިސްޓްރޭޝަންސް ޑިވިޜަންގައި ޚިދުމަތް ކުރެއްވިއިރު ކުރެއްވީ، މާލޭގެ ބަންޑާރަ ގޯތިގޯތީގެ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތެވެ.

އާދަމް ޢަލީ، އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ، ޞިއްޙަތާބެހޭ ވުޒާރާގައެވެ. އެތާނގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޢާންމު ޞިއްޙަތު ރައްކާތެރިކޮށް، ޞިއްޙީ ޚިދުމަތް އަތޮޅުތެރެއަށް ފުޅާ ކުރެއްވުމަށްޓަކައި ރަށްރަށުގައި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލުތައް ބިނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދެވި މަސައްކަތްތައް ބަލަހައްޓަވައި އެކަންކަން ހިންގެވުމުގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެއިތުރުން، ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ލިބޭނެގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި ވާރޭފެން ނަގައި ރައްކާކުރުމަށް ބޭނުންވާ ކަޅުހަން ސަރުކާރުން ރަށްރަށަށް ފޮނުއްވުމުގެ ގޮތުން ކުރެއްވި މަސައްކަތުގައިވެސް އާދަމް ޢަލީ މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އާދަމް ޢަލީ ފާހަގަ ކުރެވިފައިވަނީ، ވަޒީފާ އަދާކުރެއްވުމުގައި މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދެވި، އަދި ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

41 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު އާދަމް ޢަލީ ރިޓަޔަރ ކުރެއްވީ 1 އެޕްރީލު 2009 ގައެވެ.