ލެފްޓިނެންޓް (ރިޓަޔަރޑް) ޢާދިލް ޔޫސުފް
ލެފްޓިނެންޓް (ރިޓަޔަރޑް) ޢާދިލް ޔޫސުފް، ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، 5 ޑިސެންބަރު 1968ގައި، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. އެއީ، އުމުރުފުޅުން އެންމެ 14 އަހަރުގައެވެ. 41 އަހަރަށްވުރެ ދިގު ޚިދުމަތުގައި ފާހަގަކުރެވިގެންދިޔަ ޢާދިލް ޔޫސުފްގެ އެންމެ މުހިންމު އެއް ސިފައަކީ، އަމިއްލަ ނަފުސަށްވުރެ ޤައުމީ ޚިދުމަތް އިސްކުރެއްވުމުގެ މާތް ސިފައެވެ. އަދި އެކަން، ސިފައިންގެ އެންމެ މަތީ ވެރިންނާ ހަމައިން ފާހަގަކުރައްވައި، އެންމެ އިސްވެރިން އެންމެ އިތުބާރުކުރައްވާ އޮފިސަރުންނަށް ނޫނީ ލިބިވަޑައިނުގަންނަވާނެ ޚާއްޞަ މަގާމާއި އިތުބާރު ޢާދިލް ޔޫސުފް ވަނީ ހޯއްދަވައިފައެވެ.
ލެފްޓިނެންޓް (ރިޓަޔަރޑް) ޢާދިލް ޔޫސުފް، ސިފައިންގެ މީހެއްގެ ގޮތުގައި ޚިދުމަތްކުރެއްވި ދިގު މުއްދަތުގެތެރޭގައި، ޤައުމަށް ދިމާވި ބޮޑެތި ކަންތައްތަކުގައި ވަނީ ކެރުމާއި ހިތްވަރާއި، އިޚުލާޞްތެރިކަމާއެކުގައި ވަރަށް ފުރިހަމައަށް ބައިވެރިވެވަޑައިގެންފައެވެ.
ލެފްޓިނެންޓް (ރިޓަޔަރޑް) ޢާދިލް ޔޫސުފް، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ އުމުރުފުޅުން 14 އަހަރުގައި ކަމަށްވިޔަސް، ސިފައިންގެ ޚިދުމަތުގެ ވަރަށް ކުރީއްސުރެ ޢާދިލް ޔޫސުފްގެ ފަންނީ ހުނަރުވެރިކަން ފާހަގަ ކުރެވިގެން ދިޔައީ، ނެޝަނަލް ޑިފެންސް ފޯސްއާ ގުޅިފައިވާ ފަންނީ ހުނަރުވެރިކަމުގެ ތެރެއިންނެވެ. އޭރުއްސުރެ ފެށިގެން، ސިފައިންގެ ވެހިކަލްތައް ބެލެހެއްޓެވުމާއި، އިންޖިނިއަރެއްގެ ގޮތުން އުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތުގައި ޒިންމާދާރުކަމާއެކުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން، ޢާދިލް ޔޫސުފް ވަނީ، ތަފާތު ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ތަމްރީނުތައްވެސް ބޭރުގެ އިންސްޓްރަކްޓަރުންގެ އިރުޝާދުގެ ދަށުން ފުރިހަމަ ކުރައްވައިފައެވެ.
1990ވަނަ އަހަރު "މިނިވަން ފަންސަވީސް" ފާހަގަކުރުމުގެ ގޮތުން ރަސްމީ ބޮޑުފާލަމުގެ ކައިރީގައި ސިފައިންގެ ފަރާތުން ހެދި ކޯމަސް ގިޑިގެއާއި، ސަލްޓަން ޕާކުގެ ބުރުގައި ސްޓެއިންލެސް ސްޓީލުން ހަދާފައިވާ "ޖުމްހޫރީ ބިނާ" ހެދުމުގައި މޭސްތިރިއެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތާއި، ކަޅުތުއްކަލާ ކޮށީގެ އިރުދެކުނުގައިވާ ސަރަހައްދުގައި ތައްޔާރުކުރެވުނު އީ.އެމް.އީ.ގެ ބޯޓު ޔާޑާއި، އިލެކްޓްރިކް ސެކްޝަނުގެ މަސައްކަތަކީވެސް، އެމް.އެން.ޑީ.އެފް.ގެ އިންޖިނިއަރިންގ ސަރވިސްގެ އިސް އޮފިސަރެއްގެ ހައިސިއްޔަތުން، ޢާދިލް ޔޫސުފްގެ ބެއްލެވުމުގެ ދަށުން ކުރެވިފައިވާ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތްތަކެއްކަމުގައި ފާހަގަކޮށްލަން ޖެހެއެވެ.
ލެފްޓިނެންޓް (ރިޓަޔަރޑް) ޢާދިލް ޔޫސުފް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާ އެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ލިބިވަޑައިގެންފައިވާ މެޑެއްޔާއި ކުލަތަކުގެ ތެރޭގައި، އިޚުލާސްތެރިކަމުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެއެވެ. މީގެއިތުރަށް، ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، އަޚުލާޤީ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ އަދި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ތިންފަހަރު ލިބިވަޑައިގެންފައި ވެއެވެ.
ލެފްޓިނެންޓް (ރިޓަޔަރޑް) ޢާދިލް ޔޫސުފްގެ ގިނަގުނަ އަދި އަގުހުރި ޚިދުމަތުގެ އަގު ވަޒަންކުރެއްވުމާއެކު، 8 ފެބުރުވަރީ 2010 ގައި ޝަރަފުވެރިކަމާއެކުގައި ރިޓަޔަރ ކުރެއްވުމާ ހަމައަށް ޢާދިލް ޔޫސުފްގެ ވަރުގަދަ ޢަޒުމާއި ހިތްވަރު އެގޮތުގައި ދެމިއޮތުމުގެ ހުރިހާވެސް ސިއްރަކީ، ޢާދިލް ޔޫސުފްގެ އެންމެ އަރިހުގައި އަބަދުވެސް ތިއްބެވި ލޮބުވެތި ޢާއިލާ ކަމުގައި ދެކެވަޑައިގަންނަވައެވެ. އަދި ހަމައެހެންމެ، މި ޝަރަފާއި ޢިއްޒަތް ހާސިލުކުރެއްވުމުގައި ޢާދިލް ޔޫސުފަށް އަބަދުވެސް އިތުބާރުކުރެއްވި ސިފައިންގެ އެންމެ މަތީ ވެރިންނާއި، އަރިހުގައި މަސައްކަތްކުރެއްވި ސިފައިންގެ އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސްގެ އެހެން އޮފިސަރުންނާއި މުވައްޒަފުން ކަމުގައި ދެކެވަޑައިގަންނަވައެވެ. އޭގެތެރެއިން، އީ.އެމް.އީ.ގެ އޮފިސަރ ކޮމާންޑިންގއިން ފެށިގެން އެން.ސީ.އޯ. އިންޗާޖުންނާއި، އޭގެ ދަށުން މަސައްކަތްކުރެއްވި ގިނަ ބޭފުޅުންނަކީ، ޢާދިލް ޔޫސުފްގެ އިރުޝާދުގެ ދަށުން އަގުހުރި އެތައް ފިލާވަޅުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅުންކަން ފާހަގަކޮށްލަން ޖެހެއެވެ.