އަލްފާޟިލާ އާމިނަތުދީދީ
ބޮނޑިބަތްގެ، ގދ. ގައްދޫ

އާމިނަތުދީދީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 2 ޖަނަވަރީ 1980ގައި، ފެމިލީ ހެލްތު ވަރކަރެއްގެ މަގާމުންނެވެ. ރަށު ފެންވަރުގައި ޞިއްޙީ ޚިދުމަތް ދެއްވުމުގެގޮތުން، ގދ. ގައްދޫގައި ތިބި ލެޕްރެސީއާއި، ޓީ.ބީ.އާއި، ފައިލޭރިޔާއާއި، މެލޭރިޔާ ބަލި މީހުންގެ ގާތަށް ގޭގެއަށް ޒިޔާރަތްކުރައްވައި، އެމީހުންނަށް ކޮންމެ ދުވަހަކުވެސް ގަވާއިދުން ބޭސް ދެއްވުމާއި، ބޭސް އަޅަންޖެހޭ މީހުންނަށް ބޭސް އެޅުއްވުމާއި، ތިން އަހަރުން ދަށުގެ ކުޑަކުދިންގެ ބަރުދަން ކޮންމެ މަހަކު އެއްފަހަރު ގަވާއިދުން ބެއްލެވުމުގެ މަސައްކަތް ކުރެއްވިއެވެ. ރަށުގެ ހުރިހާ ގެއެއްގެ ވަޅުތައް ކޮންމެ މަހަކު ދެފަހަރު ކްލޮރިން ކުރެއްވުމާއި، ކޮންމެ ދުވަހަކުވެސް ގޭގެއަށް ޒިޔާރަތް ކުރައްވައި ޞިއްޙީ މައުލޫމާތު ދެއްވުމާއި، ރަށުގައި ހުންނަ މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ މަސައްކަތް ރަށުއޮފީހުގެ އެހީތެރިކަމާއެކުގައި ކުރެއްވިއެވެ.

1990ވަނަ އަހަރުގެ ތެރޭގައި، ގދ. ތިނަދޫގައި ބޭއްވުނު ފޫޅުމައިން ތަމްރީނު ކުރުމުގެ ކޯހުގައި އާމިނަތުދީދީ ބައިވެރިވެވަޑައިގެން ސެޓްފިކެޓް ހާސިލުކުރެއްވުމަށްފަހު، ރަށުގައި ތިބޭ މާބަނޑު އަންހެނުންނަށް މައުލޫމާތު ދެއްވުމާއި، އަދި މިކަމާ ގުޅޭ އެހެނިހެން ގިނަ މަސައްކަތްތައް އާމިނަތުދީދީ ކުރެއްވިއެވެ. 1993ވަނަ އަހަރު ގދ. ގައްދޫގައި ޞިއްޙީ މަރުކަޒު ހުޅުވުމުން، ހަފުތާއަކު އެއްފަހަރު މާބަނޑު އަންހެނުންގެ ކްލިނިކުގައި މަސައްކަތް ކުރެއްވިއެވެ. އަދި، އޭގެއިތުރުން، މާބަނޑު އަންހެނުންނަށް ދިމާވާ މައްސަލަތަކާ ގުޅިގެން ގދ. ތިނަދުއަށާއި، ސ.ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަލިމީހާއެކުގައި ޒިޔާރަތްކުރެއްވިއެވެ.

އާމިނަތުދީދީ ވަނީ، ގދ. ތިނަދޫގައި ބޭއްވި ޞިއްޙީ ދާއިރާއާގުޅޭ އެކިއެކި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން މައުލޫމާތާއި، ތަޖުރިބާ ހޯއްދަވައިފައެވެ.

އާމިނަތުދީދީ، ޞިއްޙީ ދާއިރާގައި، ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފޫޅުމައި ކަމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހު، 28 އޮގަސްޓު 2006ގައި، ގދ. އަތޮޅު މަދަރުސާގެ ސްކޫލް ހެލްތު އެސިސްޓެންޓުގެ މަގާމަށް ބަދަލުވެވަޑައިގެންނެވިއެވެ. މި މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ދަރިވަރުންނަށް އިންޓަވަލްގެ މުހިންމުކަން އަންގަވައިދެއްވުމާއި، އިންޓަވަލާ ގުޅޭ ކަންކަން ކުރެއްވުމާއި، ދަރިވަރުންގެ ބަރުދަން ބެއްލެވުމާއި، ދަރިވަރުންގެ ހެލްތު ސްކްރީން ކުރެއްވުމާއި، ރެކޯޑު ބެލެހެއްޓެވުމާއި، ކްލާސްތަކަށް ޒިޔާރަތް ކުރައްވައި، ދަރިވަރުންގެ ދުޅަހެޔޮކަމާބެހޭގޮތުން މައުލޫމާތު ދެއްވުން ހިމެނެއެވެ. އަދި ދަރިވަރުންގެ ޔުނިފޯމް ކޯޑު ޗެކްކުރެއްވުމާއި، ސާފުތާހިރުކަމާއި، ދުޅަހެޔޮކަމާބެހޭ
މައުލޫމާތު އެސެމްބްލީގައި ދަރިވަރުންނަށް ދެއްވުމާއި، ދަރިވަރުންނަށް ފަނީބޭހާއި ވިޓަމިން އޭ ދެއްވުމާއި، ދަރިވަރުންގެ އެކިއެކި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ގދ. އަތޮޅު މަދަރުސާގެ ޓީޗަރުންނާއި، ބެލެނިވެރިންނަށް ޞިއްޙީ މައުލޫމާތުވެސް އާމިނަތުދީދީ ދެއްވަމުން ގެންދެވިއެވެ.

އާމިނަތުދީދީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 7 މާރިޗު 2021 ގައެވެ. އޭރު ހުންނެވީ، ގދ. އަތޮޅު މަދަރުސާގެ ސްކޫލް ހެލްތު އޮފިސަރުގެ މަގާމުގައެވެ.