އަލްމަރްޙޫމް ފާރޫޤު އަޙްމަދުގެ ހަނދާނަށް
އަލްމަރްޙޫމް ފާރޫޤު އަޙްމަދު، ވަގުތީ މުވައްޒަފެއްގެ ގޮތުގައި ޏ. އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވީ، 1964ވަނަ އަހަރުގެ ތެރޭގައި، އަލްމަރްޙޫމް ކޭހިގޭ އިބްރާހީމް މުޙައްމަދު ދީދީ، އަތޮޅުވެރިކަމުގައި ހުންނެވި ދުވަސްވަރުއެވެ.
އަލްމަރްޙޫމް ފާރޫޤު އަޙްމަދު، ރަސްމީ ވަޒީފާއެއްގެގޮތުން ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޏ. އަތޮޅުއޮފީހުގެ ވަގުތީ 2 ނަންބަރު ކާތިބުގެ މަގާމުގައި 1967 ވަނަ އަހަރު ފެބުރުވަރީ މަހުގެ 22ވަނަ ދުވަހުއެވެ. ދައުލަތަށް 41 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައި، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޏ. އަތޮޅުއޮފީހުގެ އަތޮޅުވެރިޔާގެ ބަދަލުގެ މަގާމުގައެވެ.
އަލްމަރްޙޫމް ފާރޫޤު އަޙްމަދު، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޏ.އަތޮޅުއޮފީހުގެ ސެކްރެޓެރީގެ މަގާމާއި، ޏ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމާއި، ޏ. އަތޮޅުއޮފީހުގެ އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަގާމާއި، އަތޮޅުވެރިޔާގެ ބަދަލުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ފާރޫޤު އަޙްމަދު ވަނީ، 1986ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27ވަނަ ދުވަހުން ފެށިގެން 1990ވަނަ އަހަރުގެ ޖުލައި މަހުގެ 8ވަނަ ދުވަހާ ހަމައަށް، ޏ. އަތޮޅު އަތޮޅުވެރިކަންވެސް ކުރައްވައިފައެވެ.
އަލްމަރްޙޫމް ފާރޫޤު އަޙްމަދަކީ، ރާއްޖޭގެ އަތޮޅުތަކުގައި މުވާޞަލާތީ ވަސީލަތްތައް ވަރަށް ދަތިކޮށް އޮތް ދުވަސްވަރެއްގައި ރޭޑިއޯ ތެލެފޯން އޮޕަރޭޓު ކުރުމުގެ ތަމްރީނު ފުރިހަމަކުރައްވައިގެން ރަށަށް ވަޑައިގެންނެވި ފުވައްމުލަކުގެ ފުރަތަމަ ރޭޑިއޯ ތެލެފޯން އޮޕަރޭޓަރެވެ.
ފުވައްމުލަކުގައި ސަރުކާރުން ކަރަންޓުގެ ޚިދުމަތް ގާއިމު ކުރެއްވުމަށްޓަކައި އިންޖީނުގެއެއް ބިނާކުރެއްވުމުގެ މަސައްކަތާއި، ޞިއްޙީ މަރުކަޒުގެ އާ އިމާރާތެއް ސަރުކާރުން ބިނާކޮށްދެއްވައި، ޚިދުމަތް ދެއްވަން ފެށިގެން ދިޔައީވެސް ފާރޫޤު އަޙްމަދުގެ އަތޮޅުވެރިކަމުގެ ދުވަސްވަރުގައިކަން ފާހަގަކޮށްލަން ޖެހެއެވެ.
އަލްމަރްޙޫމް ފާރޫޤު އަޙްމަދުގެ އަތޮޅުވެރިކަމުގައި، ދިވެހި ނާދީގެ ފުވައްމުލަކު ގޮފީގެ ޙަރަކާތްތައް އިތުރު ކުރައްވައި ހަރުދަނާ ކުރެއްވިއެވެ. އެދުވަސްވަރަކީ، ދިވެހި ނާދީގެ ފުވައްމުލަކު ގޮފީގެ އެންމެ ކާމިޔާބު ދުވަސްވަރު ކަމުގައި ބެލެވުނެވެ. ފާރޫޤު އަޙްމަދަކީ، ތާރީޚު ދިރާސާ ކުރައްވާ ރަށުގެ އެވޭލާ ޒަމާނުގެ ކަންކަން ދެނެވަޑައިގެން ހުންނެވި ބޭފުޅެއްވެސް މެއެވެ. އެގޮތުން، ރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް ދިވެހި ތާރީޚީ މައުލޫމާތު ފޯރުކޮށް ދެއްވުމަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
އަލްމަރްޙޫމް ފާރޫޤު އަޙްމަދަކީ، ދިވެހި އަދަބިއްޔާތުގެ ފަންނުގައި ފުވައްމުލަކުގައި ނަންހިނގާ ބޭފުޅެއްކަމުން، ފާރޫޤު އަޙްމަދުގެ މަޒުމޫނުތަކާއި، ގިނަ ޅެންތައް، ފަތްތޫރަ މަޖައްލާގައި ޝާއިޢު ކުރެވިފައި ވެއެވެ. ފަތްތޫރަ މަޖައްލާގެ އިތުރުން، އެހެނިހެން ބައެއް މަޖައްލާތަކުގައިވެސް ފާރޫޤު އަޙްމަދުގެ ލިޔުއްވުންތައް ޝާއިޢު ކުރެވިފައި ވެއެވެ. ފާރޫޤު އަޙްމަދު ލިޔުއްވި ލިޔުއްވުންތަކުގެ ތެރޭގައި، ފުވައްމުލަކުގެ އާދަކާދަ އާއި ސަގާފަތާ ބެހޭ މައުޟޫޢުތަކުގެ މައްޗަށް ލިޔުއްވި މަޒުމޫނުތައް ހިމެނެއެވެ.
ފުވައްމުލަކުގައި އެއަރޕޯޓެއް ތަރައްޤީ ކުރުމާބެހޭގޮތުން ފުރަތަމަ ފަހަރަށް ޚިޔާލުފާޅު ކުރައްވައި މަޒުމޫނެއްގައި އެވާހަކަ ލިޔުއްވައި ޝާއިޢު ކުރެއްވީވެސް، ފާރޫޤު އަޙްމަދެވެ. އެއީ 1985ވަނަ އަހަރުގެ ތެރޭގައި ފުވައްމުލަކުގައި ނެރުނު "ޖިހާދުގެ އަޑު" ކިޔާ މަޖައްލާއެއްގައި "ފުވައްމުލަކުގެ މުސްތަޤުބަލާމެދު އަޅުގަނޑުގެ ޚިޔާލު" މި ނަމުގައި ފާރޫޤު އަޙްމަދު ލިޔުއްވި މަޒުމޫނެއްގައެވެ. އެ މަޒުމޫނުގައި، ރަށުގައި މަތިންދާބޯޓު ޖެއްސޭނެ ސްޓޭޝަނެއް ހެދުމަށްފަހު ހުޅުލެއިން ފުވައްމުލަކަށް ސެނެކާ މަތިންދާބޯޓެއްގައި ދަތުރު ކުރެވިދާނެ ވާހަކަ ލިޔުއްވައިފައި ވެއެވެ.
އަލްމަރްޙޫމް ފާރޫޤު އަޙްމަދަކީ، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 މޭ 2008 ގައެވެ.
އަލްމަރްޙޫމް ފާރޫޤު އަޙްމަދު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 2026 މޭ 17 ވީ އާދިއްތަ ދުވަހުގެ ރެއެވެ. މާތް ﷲ މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން