އަލްފާޟިލް އިބްރާހީމް އަބޫބަކުރު
ރަންހަދާގެ، ރ. ރަސްގެތީމު

އިބްރާހީމް އަބޫބަކުރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެން.އެސް.އެސް. ގެ ހެޑްކުއާޓަރޒްގެ ބަދިގޭ މަސައްކަތު މީހެއްގެ މަގާމުގައި، 5 ޖަނަވަރީ 1985 ގައެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، އެން.އެސް.އެސް. ގެ ހެޑްކުއާޓަރޒްގެ 1 ނަންބަރު ކައްކާގެ މަގާމާއި، ކޭޓަރިންގ ސުޕަވައިޒަރުގެ މަގާމާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ސުޕަވައިޒަރުގެ މަގާމު ހިމެނެއެވެ. އިބްރާހީމް އަބޫބަކުރު، މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ސީނިއަރ އެސިސްޓެންޓް މެސްރޫމް ސުޕަވައިޒަރުގެ މަގާމުގައެވެ.

އިބްރާހީމް އަބޫބަކުރު، ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވަނީ، އެން.އެސް.އެސް.ގައި، ސިފައިންނަށް ކެއްކުމުގެ މަސައްކަތް ކުރެއްވުމުގައެވެ. މިގޮތުން، ސިފައިންގެ އޮފިސަރުންނަށް އާންމުކޮށް ކައްކާ ކެއްކުންތައް ކެއްކުމުގެ މަސައްކަތާއި، ވީ.ވީ.އައި.ޕީ. އިވެންޓްތަކަށް ކެއްކުމުގެ މަސައްކަތް، ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދަވައެވެ. އަދި ސިފައިންގެ މެސްރޫމްގެ ވެއިޓަރެއްގެ ރޯލު އަދާކުރެއްވުމާއި، ވީ.ވީ.އައި.ޕީ. އިވެންޓްތަކަށް ވެއިޓަރެއްގެ ޚިދުމަތް އެންމެ މަތީ ލެވެލްގައި ދެއްވުންވެސް އިބްރާހީމް އަބޫބަކުރު ކުރައްވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، ޤައުމަށް ކުރިމަތިވާ އެކިއެކި ކާރިސާތަކުގައި، މިނިސްޓްރީގެ ފަރާތުން ކުރަންޖެހޭ ކަންކަމުގައި ވެސް އިބްރާހީމް އަބޫބަކުރު، ޝައުޤުވެރިކަމާއެކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާކަން ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން، މާލެއިން ފެނުގެ ޚިދުމަތް މުޅިން މެދުކެނޑުމާ ގުޅިގެން ކުރިމަތިވި ކާރިސާގައި، އެމް.އެން.ޑީ.އެފް.ގެ ފަރާތުން ކުރެވުނު މަސައްކަތްތަކުގައި، ސިފައިންގެ ތެރޭގައި ކޭޓަރިންގ ޑިޕާޓްމަންޓުން ފޯރުކޮށްދިން ޚިދުމަތްތަކުގައި އިބްރާހީމް އަބޫބަކުރު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކޮށްލަން ޖެހެއެވެ.

ވަޒީފާ އަދާކުރެއްވުމުގައި އިބްރާހީމް އަބޫބަކުރު ފާހަގަކުރެވެނީ، މަސައްކަތަށް އިސްކަންދެއްވައިގެން، ފަރުވާތެރިކަމާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާ މުވައްޒަފެއްގެ ގޮތުގައިވެސް މެއެވެ.