އަލްފާޟިލް އަޙްމަދު ޖަމީލް
ރިޔާޒް، ސ. ހިތަދޫ

އަޙްމަދު ޖަމީލަކީ، 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޚިދުމަތްތެރިއެކެވެ. އަޙްމަދު ޖަމީލް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 13 ޖޫން 1964ގައި، ސ. ހިތަދޫ ކުޑަކަތީބު ކަމުގެ މަގާމުންނެވެ. އޭގެ ފަހުން، ސ. ހިތަދޫ ކަތީބުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި އެކިފަހަރުމަތިން، ހިތަދޫ ކުޑަކަތީބުކަމުގެ މަގާމާއި، ކަތީބުކަމުގެ މަގާމުވެސް އަދާކުރެއްވިއެވެ. އަޙްމަދު ޖަމީލް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ސ. ހިތަދޫ އޮފީހުގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމުގައެވެ.

ކުޑަކަތީބުގެ ވަޒީފާގައި އަޙްމަދު ޖަމީލް ހުންނެވިއިރު، ރަށުއޮފީހުގެ އިދާރީ ހިންގުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. އެގޮތުން، އޮފީހުގެ އިދާރީ އެންމެހައި ކަންކަމުގައްޔާއި، ރަށުގެ ހިންގުމުގެ ކަންކަމުގައި ކަތީބުގެ ލަފާފުޅުގެ ދަށުން އަމިއްލަފުޅު އިސްނެންގެވުމާ އެކުގައި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އަޙްމަދު ޖަމީލް ކުރައްވައިފައި ވެއެވެ. ކަތީބު ކަމުގެ މަގާމުގައި ހުންނަވައިގެން ދައުލަތަށް ޚިދުމަތް ކުރެއްވި ދުވަސްވަރަކީ، އަތޮޅުތެރޭގެ ހާލަތު ހުރިގޮތުންނާއި، ވަސީލަތްތައް ހުރިގޮތުން ގިނަގުނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހުނު ދުވަސްވަރެއް ނަމަވެސް އަޙްމަދު ޖަމީލަކީ، ސަރުކާރުގެ އެންގެވުންތަކާއި ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި ޒިންމާދާރުކަމާއެކުގައި ޚިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

އަޙްމަދު ޖަމީލަކީ، ރަށުގެ އެންމެހައި ކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއެކުގައި ގިނަގުނަ މަސައްކަތް ކުރެއްވި ޚިދުމަތްތެރި ކަތީބެކެވެ. އަދި، ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވައިގެން ހުންނެވި ޚިދުމަތްތެރިއެކެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ރަށުގެ ތަރައްޤީއަށްޓަކައި ކުރެވުނު ގިނަ ކަންކަމުގައި ލަފައާއި އިރުޝާދު ދެއްވި ބޭފުޅެކެވެ. ހަމައެހެންމެ، އަޙުމަދު ޖަމީލް ފާހަގަކުރެވުނީ، ކަންކަން ނިންމެވުމުގައި ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވި، ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

އަޙުމަދު ޖަމީލް، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 2008ވަނަ އަހަރުގެ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.