އަލްފާޟިލް ޙުސައިން ޙަމީދު
ޙުސައިން ޙަމީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ޖަނަވަރީ 1985 ގައެވެ. ފުރަތަމަ އަދާކުރެއްވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުގެ މަގާމެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރައިމަރީ ޓީޗަރު ކަމާއި، ސުޕަވައިޒަރު ކަމާއި، އެސިސްޓެންޓް ހެޑްމާސްޓަރުގެ މަގާމާއި، ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޙުސައިން ޙަމީދުގެ ތަޢުލީމީ ޚިދުމަތް ފެށިގެން އައީ އަދި އެ ޚިދުމަތާ ވަކިވެވަޑައިގަންނަވަންދެންވެސް ޚިދުމަތް ކުރެއްވީ، ރަސްގެތީމު ސްކޫލުގައެވެ. ރަސްގެތީމުގައި ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރެއްވުމުގައެވެ. ޓީޗަރެއްގެ މަގާމުގައްޔާއި، އެހެނިހެން މަގާމުތަކުގައި ހުންނަވައިގެން ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ރަސްގެތީމު ސްކޫލުގެ ގްރޭޑް 1ން ފެށިގެން ގްރޭޑް 10 އާ ހަމައަށް އެކިއެކި މާއްދާތައް ކިޔަވައިދެއްވުމާއި، ޓީޗަރުންގެ ލެސަން ޕްލޭންތައް ޗެކްކުރެއްވުމާއި، ކްލާސްތައް އޮބްޒަރވް ކުރެއްވުން ހިމެނެއެވެ. ސްކޫލުގެ ސުޕަވައިޒަރެއްގެ ގޮތުންނާއި، އެސިސްޓެންޓް ހެޑްމާސްޓަރެއްގެ ގޮތުންނާއި، ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުން ޙުސައިން ޙަމީދު ޚިދުމަތް ކުރެއްވިއިރު، ސްކޫލު ހިންގެވުމުގެ މަސްއޫލިއްޔަތުގެ އިތުރުން، ގްރޭޑް 4 ން ފެށިގެން ގްރޭޑް 10 އާ ހަމައަށް ދިވެހި މާއްދާ ކިޔަވައިދެއްވައިފައި ވެއެވެ.
ތަޢުލީމީ ދާއިރާގެ ޚިދުމަތަށްފަހު، ޙުސައިން ޙަމީދު ބަދަލުވެވަޑައިގަތީ، މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާއަށެވެ. އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރެއްވުމަށްފަހު، މިހާރު ހުންނެވީ، އެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ރަސްގެތީމު ކައުންސިލްގެ އިދާރާގައި، ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް ދެއްވުމުގެ މަސައްކަތުގެ އިތުރުން، ކައުންސިލްގެ އިދާރާގެ ވަގުތީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމާއި، ބަޖެޓު ތައްޔާރުކުރެއްވުމާއި، ބަޖެޓު ރިޕޯޓުތައް ތައްޔާރު ކުރެއްވުމާއި، ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރެއްވުމާއި، ކޮންމެ އަހަރެއްގެ މާލީ ބަޔާން ތައްޔާރުކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވައިފައި ވެއެވެ. މީގެއިތުރުން، ކަނޑުގައި ދުއްވާ އުޅަނދު ފަހަރުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓެވުންވެސް ހިމެނެއެވެ.
ޙުސައިން ޙަމީދަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކަމަށް ކަމޭހިއްތަވައިގެން، އޮފީހުގެ މަސައްކަތުގައި ރެއާއި ދުވާލުގެ ގިނަ ވަގުތުތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހަމައެއާއެކު، ޙުސައިން ޙަމީދަކީ، ވަޒީފާގެ ދިގު ހަޔާތުގައި ލިބިވަޑައިގެންފައިވާ ޢިލްމާއި، ހުނަރު ގިނަ ބަޔަކަށް ފޯރުކޮށްދެއްވައިފައިވާ، ވަޒީފާ އަދާކުރެއްވި ކޮންމެ މުއައްސަސާއެއްގެ މުވައްޒަފުންނަށާއި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދި ރައްޔިތުންނަށް ނަމޫނާ ދައްކަވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ. އަދި ރަށުގެ އާންމު ފަރުދުންގެ އެކިއެކި ބޭނުންތައް ފުއްދަވައިދެއްވުމުގައި ގިނަވަގުތު ހޭދަކުރައްވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ޙުސައިން ޙަމީދު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 41 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.