އަލްފާޟިލް މުޙައްމަދު އިބްރާހީމް
މިނާ، ޅ. ނައިފަރު

މުޙައްމަދު އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1985 ގައެވެ. އެއީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރައިމަރީ ޓީޗަރުކަމާއި، މަދަރުސަތުލް އިފްތިތާޙުގެ ޕްރައިމަރީ ޓީޗަރު ކަމާއި، ރ. ކިނޮޅަހު ސްކޫލުގެ އެސިސްޓެންޓް ހެޑްމާސްޓަރު ކަމާއި، ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، މަދްރަސަތުލް އިފްތިތާޙުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމު އަދާކުރެއްވިއެވެ.

މުޙައްމަދު އިބްރާހީމްގެ ތަޢުލީމީ ދާއިރާގެ ޚިދުމަތް ފެށިގެން އައީ، މަދްރުސަތުލް އިފްތިތާޙުގައި ކަމަށްވުމުން، އޭރު ކިޔަވައިދެއްވި ހުރިހާ ގްރޭޑްތަކަކަށް ހުރިހާ މާއްދާއެއްވެސް ކިޔަވައިދެއްވަމުން ގެންދެވިއެވެ. މުޙައްމަދު އިބްރާހީމް ވަނީ، 1987ވަނަ އަހަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައިފައެވެ.

1988ވަނަ އަހަރުގެ ތެރޭގައި އަލުން މަދްރަސަތުލް އިފްތިތާޙަށް ބަދަލުވެވަޑައިގެން، ލިބިވަޑައިގެންނެވި ފުރުސަތެއްގައި، މިޑްލް ސްކޫލް މެތަމެޓިކްސް އެންޑް ސައިންސް ޓީޗަރސް ޓްރެއިނިންގ ފުރިހަމަކުރެއްވުމަށްފަހު، މިޑްލް ސްކޫލް މެތަމެޓިކްސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި މިވީ ދިގު މުއްދަތުގެތެރޭގައި، ކިޔަވައިދެއްވި މާއްދާތަކުގެ ތެރޭގައި ގްރޭޑް 6 އާއި، ގްރޭޑް 7 ގެ މެތަމެޓިކްސް މާއްދާއާއި، ގްރޭޑް 9 އާއި، ގްރޭޑް 10ގެ އިސްލާމް މާއްދާ ހިމެނެއެވެ. މުޙައްމަދު އިބްރާހީމް ކިޔަވައިދެއްވާ ޢާންމު މާއްދާއަކީ ހިސާބު މާއްދާއެވެ.

މަދްރަސަތުލް އިފްތިތާޙަށް ޚިދުމަތް ކުރައްވަން ލިބިވަޑައިގެންނެވި ދިގު މުއްދަތުގައި، މުޙައްމަދު އިބްރާހީމް ވަނީ، ގްރޭޑް 1 ން 7 އަށް މެތަމެޓިކްސް ކޯޑިނޭޓަރު ކަމާއި، ސްކޫލުގެ ޤުރްއާން ކްލަބު ހިންގަވާ އިސްވެރިޔާކަމާއި، ޕްރިންޓަރގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ. އަދި ދަރިވަރުންގެ ދެ ޖަމުޢިއްޔާ ކަމަށްވާ ''އަލަށްއައި މަތިވަރު'' އަދި ''އެކުވެރިޔާ''ގެ ރައީސް ކަމާއި، މަދަރުސާގައި ކުޅިވަރުގެ ހަރަކާތްތައް ހިންގާ އިސްވެރިޔާ ކަމާއި، ދަރިވަރުންގެ ހައުސްތަކުގެ މުރުޝިދުކަމާއި، ދަރިވަރުންގެ ބައެއް ކުލަބުތައް ހިންގުމުގެ މަސްއޫލިއްޔަތު އުފުއްލަވައި، ސްކޫލް ޕީ.ޓީ.އޭ.ގެ ސެކްރެޓެރީ ކަމާއި، ސްކޫލް ބޯޑުގެ މެންބަރުކަން ގިނަ އަހަރުތަކެއްގައި ކުރައްވައިފައިވެއެވެ.

މުޙައްމަދު އިބްރާހީމް ވަނީ، މަދްރަސަތުލް އިފްތިތާޙުގެ އިސްދަރިވަރުންގެ ޖަމުޢިއްޔާގެ ހިންގާ ސެކްރެޓެރީގެ މަގާމުގައި ގިނަ އަހަރުތަކެއްގައި ޚިދުމަތްކުރެއްވުމުގެ އިތުރުން، ޅ. ނައިފަރު ޒުވާނުންގެ ޖަމުޢިއްޔާގެ ހިންގާ ސެކްރެޓެރީ ކަމާއި، ސެކްރެޓެރީކަން ކުރައްވައިފައެވެ. މީގެއިތުރުން، ސްކޫލްގެ ފައިސާގެ މުޢާމަލާތުތަކާގުޅޭ ކަންކަމުގައި އެހީތެރިވެދެއްވައި، ނައިފަރު ރެސިޑެންޝަލް ލަރނިންގ ސެންޓަރު ހިންގެވުމުގެ މަސްއޫލިއްޔަތު އަދާކުރައްވައިފައި ވެއެވެ.

ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި މުޙައްމަދު އިބްރާހީމް މިހާރު އަދާކުރައްވަމުން ގެންދަވަނީ، މަދްރަސަތުލް އިފްތިތާޙުގެ ސްކޫލް އެޑްމިނިސްޓްރޭޓަރުގެ މަގާމެވެ.