އަލްފާޟިލް މުޙައްމަދު ޙުސައިން
މެލި، ދ. ކުޑަހުވަދޫ

މުޙައްމަދު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 1 ޖަނަވަރީ 1985ގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ގުރެޖުއޭޓް ޓީޗަރުގެ މަގާމު އަދާކުރައްވައިފައިވެއެވެ.

މުޙައްމަދު ޙުސައިނަކީ، ތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ މިހާރުވެސް އެ ދާއިރާގެ ޚިދުމަތުގައި ދެމިހުންނެވި ތަޖުރިބާކާރު މުދައްރިސެކެވެ. މުޙައްމަދު ޙުސައިން ކިޔަވައިދެއްވާ މާއްދާތަކަށް ސްކީމް އޮފް ވަރކް ހެއްދެވުމުގައްޔާއި، ގަވާއިދުން ލެސަން ޕްލޭން ހެއްދެވުމުގައްޔާއި، ކިޔަވައިދޭ މާއްދާތަކުން ފެންވަރު ވަޒަން ކުރެއްވުމުގައި ވަރަށް ފަރުވާތެރިކަމާއެކުގައި ތައްޔާރުވެވަޑައިގަންނަވާކަން ފާހަގަކޮށްލަންޖެހެއެވެ. އަދި ޓީޗިންގ އެއިޑްސް ތައްޔާރުކުރެއްވުމާއި، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުން ކުރައްވައިގެން، ދަރިވަރުން ދިވެހިބަހަށް އަހުލުވެރިކުރުވުމުގެގޮތުން، ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދަވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، ދަރިވަރުންނަށް ހުނަރުތައް ދަސްކޮށްދެއްވުމުގެގޮތުން "ވޮކޭޝަނަލް ޓްރޭނިންގ" ޕުރޮގުރާމާއި، ފަތަން ދަސްކޮށްދިނުމުގެ ޕުރޮގުރާމުތައްވެސް ކުރިޔަށް ގެންދެވީ، މަސައްކަތަށް ހުރި ޝައުޤުވެރިކަމެއްގެ ބޮޑުކަމުންނެވެ.

މުޙައްމަދު ޙުސައިންގެ ޚިދުމަތުގެ ތެރެއިން ފާހަގަކޮށްލެވޭ އިތުރު ކަންކަމުގެ ތެރޭގައި، ސްކޫލުން ހަމަޖައްސަވާ ގޮތެއްގެ މަތިން ސްކޫލުގެ ކްލަބުތަކާއި، ހައުސްތަކުގެ އިންޗާޖުކަމުގެ މަސްއޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރެއްވުމާއި، ޕީ.ޓީ.އޭ.ގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުން ހިމެނެއެވެ. އަދި ސްކޫލުން ބާއްވަވާ ތަފާތު އެކި ރަސްމިއްޔާތުތައް އިންތިޒާމު ކުރެއްވުމުގައިވެސް، މުޙައްމަދު ޙުސައިން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވައެވެ.

ޚިދުމަތުގައި ވޭތުވެދިޔަ 41 އަހަރަށްވުރެ ދިގު މުއްދަތުގައި ތެރޭގައި، މުޙައްމަދު ޙުސައިން ފާހަގަކުރެވެނީ، މަސައްކަތަށް އިސްކަންދެއްވައިގެން، ފަރުވާތެރިކަމާއެކުގައި މަސައްކަތް ކުރައްވާ، ކަންކަން ނިންމެވުމުގައި ގަވާއިދުތަކާއި، އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. މުޙައްމަދު ޙުސައިން މިހާރު ހުންނެވީ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީޗަރެއްގެ މަގާމުގައެވެ.