އަލްފާޟިލާ ފަރީދާ ޢަބްދުލްކަރީމް
ފަރީދާ ޢަބްދުލްކަރީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 21 ނޮވެންބަރު 1984 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމެވެ. 12 ނޮވެންބަރު 2008 ގައި ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑީޒީޒް ކޮންޓްރޯލްގެ ޢާއިލާގެ އެހީތެރިޔާގެ މަގާމަށް ބަދަލުކުރެއްވިއެވެ. އޭގެ ފަހުން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާގެ ފެމިލީ ހެލްތު އޮފިސަރު ކަމުގެ މަގާމާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފެމިލީ ހެލްތު އޮފިސަރު ކަމުގެ މަގާމު ހިމެނެއެވެ.
މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ފަރީދާ ޢަބްދުލްކަރީމް ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކާއި، ބަލިމީހުން ބައްލަވައި ފަރުވާ ދެއްވުމާއި، ކުއްލި ޙާލަތްތަކުގައި ޞިއްޙީ ފުރަތަމަ އެހީ ދެއްވުން ހިމެނެއެވެ. އަދި މާބަނޑު މީހުން ބެއްލެވުމާއި، ކުޑަކުދިންގެ ހެދިބޮޑުވުން މޮނީޓަރކޮށް ބެލެހެއްޓެވުމާއި، ވެކްސިން ދެއްވުމާއި، ޢާއިލާ ރޭވުމުގެ ޚިދުމަތް ދެއްވުމާއި، އަދި ޢާންމު ރޯގާތައް ކޮންޓްރޯލް ކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.
ޞިއްޙީ ދާއިރާގައި ވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި ފަރީދާ ޢަބްދުލްކަރީމް ފާހަގަކުރެވިފައިވަނީ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާ ހިތްހެޔޮކަމާއި އޯގާތެރިކަމާއެކުގައި މުޢާމަލާތު ކުރައްވައިފައިވާ، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުން އެދޭ ކަންކަމުގައި ޢަމަލުކުރެވެން އޮންނަ ގޮތްތައް އޮޅުން ފިލުއްވައިދެއްވައި، ކުރިއަށް ދާންވީ ގޮތުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގައެވެ. ފަރީދާ ޢަބްދުލްކަރީމަކީ، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާ، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް އަބަދުވެސް ޚިދުމަތް ކުރައްވަމުން ގެންދެވި ނަމޫނާ މުވައްޒަފެއްވެސް މެއެވެ.
ފަރީދާ ޢަބްދުލްކަރީމް، ޞިއްޙީ ދާއިރާގައި 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވުމަށްފަހު، 7 އެޕްރީލު 2026 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ހއ. މޮޅަދޫ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރުގެ މަގާމުގައެވެ.