އަލްފާޟިލް އަޙްމަދު ޒަކަރިއްޔާ
އަޙްމަދު ޒަކަރިއްޔާ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ވުޒާރަތުލް މަޢާރިފްގެ ޕިޔޯނެއްގެ މަގާމުގައެވެ. އެއީ، 24 ސެޕްޓެންބަރު 1959 ގައެވެ. 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޖެނެރަލް ސަރވިސަސް ސުޕަވައިޒަރގެ މަގާމުގައެވެ.
އަޙްމަދު ޒަކަރިއްޔާ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނު ކަމާއި، މުލީއާގޭ ފަރީއްކޮޅު ބަހައްޓާ ކަމާއި، ޕިޔޯނު ކަމާއި، 2 ނަންބަރު ޕިޔޯނު ކަމާއި، 1 ނަންބަރު ޕިޔޯނު ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ޑްރައިވަރުކަމާއި، ރޭމްޕް ޑްރައިވަރުކަމާއި، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ރޭމްޕް ޑްރައިވަރު ކަމާއި، ސީނިއަރ ރޭމްޕް ޑްރައިވަރު ކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ސީނިއަރ ރޭމްޕް ޑްރައިވަރު ކަމާއި، ރޭމްޕް ބެގޭޖް ފޯރމަން ކަމާއި، މުލީއާގޭ ވެހިކަލް ޑްރައިވަރު ކަމާއި، ރިޔާސީ ގަނޑުވަރުގެ ވެހިކަލް ޑްރައިވަރު ކަމާއި، ޖެނެރަލް ސަރވިސަސް އޮފިސަރ ކަމާއި، ޖެނެރަލް ސަރވިސަސް ސުޕަވައިޒަރުގެ މަގާމުވެސް އަދާކުރެއްވިއެވެ.
އަޙްމަދު ޒަކަރިއްޔާ ވަނީ މުލީއާގޭގައި ފަރިއްކޮޅު ބެހެއްޓުމުގެ މަސައްކަތް ކުރެއްވިއިރު، ކުރީގެ ރައީސް ސުމުއްވުލްއަމީރު އަލްމަރްޙޫމް އިބްރާހީމް ނާޞިރުގެ ފަރީއްކޮޅު ބެހެއްޓުމުގެ މަސައްކަތް 2 އަހަރެއްހައި ދުވަސް ވަންދެން ކުރައްވައިފައެވެ. އޭގެފަހުން، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައި ޚިދުމަތްކުރެއްވި ދުވަސްވަރު ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަތިންދާބޯޓަށް އަރައިފައިބާ ސިޑި ކައިރި ކުރެއްވުމާއި، ފެނާއި ކަރަންޓު އަދި އެއަރކޯން ގުޅައިދެއްވުންފަދަ ޚިދުމަތްތައް އިންތިޒާމު ކުރައްވައި، ބޯޓު ޖެއްސުމާއެކު އެ ޚިދުމަތްތައް އެ ބޯޓުތަކަށް ފޯރުކޮށްދެއްވުމާއި، ބިގްޓޮޕް، 747 ފަދަ ބޮޑެތި ބޯޓުފަހަރު ޓޯކޮށްގެން ރަންވޭގެ ކޮޅަށް ނެރެދެއްވުމާއި، ބެގޭޖާ ގުޅޭކަންކަން ސުޕަރވައިޒް ކުރެއްވުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
މީގެއިތުރުން، 1988ގެ ނޮވެންބަރު 3ގައި ރާއްޖެއަށް ދިމާވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން އެދުވަހު މާލެއާއި ހުޅުލެއާ ދެމެދުގެ ދަތުރުތައް ހުއްޓުމަކަށް އައިވަގުތު އިއްތިފާޤުން އަޙްމަދު ޒަކަރިއްޔާ ހުންނެވީ، އެއަރޕޯޓުގައި ނައިޓް ޑިއުޓީގައެވެ. ރާއްޖެ ދިފާޢުކުރުމަށް އެއަރޕޯޓަށް ވައިގެމަގުން އައި އެތައް ސަތޭކަ އިންޑިއާ ސިފައިންނަށް ބޭނުންވާ ފެން އެއަރޕޯޓުން ހުސްވެ، އިންޑިއާ ސިފައިން ފެނަށްޖެހުނު ވަގުތު އަޙްމަދު ޒަކަރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، އެއްވެސް ފަރާތެއްގެ އިރުޝާދަކާނުލައި މަސައްކަތް ކުރައްވައިގެން، ހުޅުލޭގެ އަތިރިމަތީގެ އެކި ސަރަހައްދުތަކުގައި ގާއިމު ކޮށްފައިވާ ސިފައިންގެ ފައުޖުތަކަށް ފެން ލިބޭނެގޮތް ހަމަޖައްސަވައި ދެއްވިއެވެ.
މޯލްޑިވްސް އެއަރޕޯރޓްސް އޮތޯރިޓީގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިފަހުން އެކްސިޑެންޓެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން އަލުން ރިޔާސީ ގަނޑުވަރުގެ ވަޒީފާއަށް ބަދަލުކުރެއްވިއެވެ. އެތަނުގައި ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކޮޓަރިކޮޅުތައް އަޙްމަދު ޒަކަރިއްޔާގެ ބެއްލެވުމުގެ ދަށުން ސާފުކުރައްވައި ބަލަހައްޓަވައި، ގަނޑުވަރުތެރޭގެ އެހެން ބައެއް މަސައްކަތްތައްވެސް ކުރެއްވިއެވެ. 11 ނޮވެންބަރު 2008ގެ ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތީމުގެއަށް ބަދަލުވުމާ ގުޅިގެން ވަޒީފާ އަދާކުރެއްވީ އެ ޑިޕާޓްމަންޓްގައެވެ.
އަޙްމަދު ޒަކަރިއްޔާ ވަނީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގައި ވަޒީފާ އަދާކުރެއްވިއިރު މަސައްކަތު ބައްދަލުވުންތަކާއި، މަތިންދާބޯޓަށް ޚިދުމަތް ފޯރުކޮށްދިނުމާގުޅޭ ތަފާތު ޓްރެއިނިންގތައް ފުރިހަމަކުރައްވައިފައެވެ. މަތިންދާބޯޓު ޓޯ ކުރުމުގެ ޓްރެއިނިންގވެސް ސިންގަޕޫރުން ފުރިހަމަ ކުރައްވައިފައި ވެއެވެ.
އަޙްމަދު ޒަކަރިއްޔާ ފާހަގަކުރެވިފައިވަނީ ވަޒީފާ އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން، މަސައްކަތަށް އަހަންމިއްޔަތު ދެއްވައިގެން، ގަވާއިދުތަކާ އެއްގޮތަށް ވަރަށް އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަޙްމަދު ޒަކަރިއްޔާ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 މާރިޗު 2010 ގައެވެ.