އަލްފާޟިލް ޢަބްދުލްޚާލިޤު މޫސާ
ޢަބްދުލްޚާލިޤު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 15 ނޮވެންބަރު 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުގެ 2 ނަންބަރު ކާތިބު ކަމުގެ ވަޒީފާއެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރގެ 2 ނަންބަރު ކާތިބުކަމާއި، މަޖީދިއްޔާ ސްކޫލްގެ މުދައްރިސް ކަމުގެ މަގާމާއި، ހއ. އިހަވަންދޫ މުދިމުގެ މަގާމާއި، އިހަވަންދޫ އޮފީހުގެ ކުޑަކަތީބުގެ މަގާމާއި، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ ސީނިއަރ މުނިސިޕަލް ސަރވިސް އޮފިސަރ ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ޢަބްދުލްޚާލިޤު މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސްގައި ކަމަށްވުމުން، އެތާނގައި އިދާރީ މަސައްކަތުގެ އިތުރުން ކުރެއްވީ، ޕަބްލިކް ވަރކްސްގެ އެކި ސައިޓްތަކަށް ވަޑައިގެން މަސައްކަތް ސުޕަވައިޒް ކުރެއްވުމާއި، ބޭނުންވާ މެޝިނަރީއާއި، އިކުއިޕްމަންޓްސް ހޯއްދަވައި ދެއްވުމާއި، ވެހިކަލްތަކަށް ބޭނުންވާ ސްޕެއަރޕާރޓްސް ހޯއްދަވައިދެއްވުމާއި، މާލޭގެ ފަޅުތެރެއިން ފައްތިޔާ ދޫކުރެއްވުމުގެ މަސައްކަތެވެ.
ޢަބްދުލްޚާލިޤު މޫސާ، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ތަފާތު ދާއިރާ ތަކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ތަޢުލީމު އުނގަންނައިދެއްވުމުގެ މަސައްކަތްވެސް ހިމެނެއެވެ. މަޖީދިއްޔާ ސްކޫލުގެ މުދައްރިސެއްގެ ގޮތުން، އެ ސްކޫލުގެ ގްރޭޑް 7ގެ ދަރިވަރުންނަށް، ދީނީ ތަރުބިއްޔަތު އުނގަންނައި ދެއްވުމުގައި ޢަބްދުލްޚާލިޤު މޫސާ 7 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ. ކިޔަވައިދެއްވުމަށްޓަކައި ލެސަން ޕްލޭން ތައްޔާރު ކުރެއްވުމާއި، ދަރިވަރުންގެ ކިޔެވުމާއި، އަޚުލާޤާ ގުޅޭގޮތުން ބެލެނިވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވުމާއި، ދަރިވަރުން އިތުރު ހަރަކާތްތަކަށް އަހުލުވެރި ކުރުވުމާއި، އަދަބީ ދުވަސްތައް ފާހަގަކުރުމުގެ ގޮތުންނާއި، ޤައުމީ އެކިއެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ އެކިއެކި ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުވުމަށް ހިތްވަރުދެއްވައި، އެކަމާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމުގައި ޢަބްދުލްޚާލިޤު މޫސާ، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ޢަބްދުލްޚާލިޤު މޫސާ ވަނީ، އިހަވަންދޫ މުދިމު ކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ. މުދިމު ކަމުގެ މަސްއޫލިއްޔަތަކީ، ޒިންމާދާރުކަމާއި ފަރުވާތެރިކަމާއެކުގައި ކުރައްވަންޖެހޭ ކަމެއްކަމުން، ވަގުތުން ވަގުތަށް ބަންގިގޮވައި ނަމާދު ކުރެއްވުމުގެ އިތުރުން، ހުކުރު ނަމާދާއި، ޢީދު ނަމާދު އިމާމުވެ ކުރެއްވުމާއި، ކަށުކަމާކެމީގެ ކަންތައްތައް ކުރައްވަމުން ގެންދެވީ ވަރަށް ފަރުވާތެރިކަމާ އެކުގައިކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، އަމިއްލަފުޅު ހައިސިއްޔަތުން، ކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
ޢަބްދުލްޚާލިޤު މޫސާ ވަނީ، އިހަވަންދޫ ކުޑަކަތީބު ކަމުގެ މަގާމު އަދާކުރައްވައިފައެވެ. ރަށުއޮފީހުގައި ކުރައްވަންޖެހޭ ކަންކަމުގެ އިތުރުން، ވެރިކަމުގެ ފަރާތުން ރަށުގައި ކުރަންޖެހޭ ހުރިހާ ކަމެއްގައި، ޢަބްދުލްޚާލިޤު މޫސާ ބައިވެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ ކަންކަމުގައްޔާއި، އިޖުތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައްޔާއި، ރަށުތެރެ ސާފުކޮށް ބެލެހެއްޓެވުންފަދަ ކަންކަމުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ.
ރަށުގައި ދީނީ ކަންތައްތައް ކުރިއެރުވުމާއި، އެއްބައިވަންތަ ބަދަހި، ހަރުދަނާ މުޖުތަމަޢަކަށް ރައްޔިތުން ތައްޔާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ވަރަށް ފަރުވާތެރިކަމާއެކުގައި ޢަބްދުލްޚާލިޤު މޫސާ ކުރައްވައިފައި ވެއެވެ. ދީނީގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެގޮތުން ނަސޭހަތް ދެއްވުމާއި، ޤުރްއާން ކިޔެވުމުގެ މުބާރާތްތަކާއި، އަދަބީ އެކިއެކި މުބާރާތްތަކަށް ކުދިން ތަމްރީނުކޮށްދެއްވައި، މުބާރާތްތަކުގައި ބައިވެރިކުރުވުމަށްޓަކައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.
ޢަބްދުލްޚާލިޤު މޫސާ، އެންމެފަހުން އަދާކުރެއްވި މަގާމުގެ މަސްއޫލިއްޔަތުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ތެރޭގައި، ރަށުގައި ހުކުރު ނަމާދާއި، ޢީދު ނަމާދުކުރާ މިސްކިތްތަކަށް ޚަޠީބުންނާއި، ބަދަލުގައި ވަޑައިގަންނަވާނެ ޚަޠީބުން ހަމަޖެއްސެވުމާއި، އިޖުތިމާޢީ ގޮތުން ރަށުގައި އުފެދޭ މައްސަލަތައް ޙައްލުކޮށްދެއްވުމާއި، މުނިސިޕަލް ކަންތައްތައް ހިންގާނުހިނގާގޮތް ބެއްލެވުމާއި، އޮޑިދޯނިފަހަރު ރަޖިސްޓަރީ ކުރުމަށްޓަކައި ކުރަންޖެހޭ ސަރވޭ ކުރެއްވުމާއި، ފުރާދުއްވާ އުޅަނދުފަހަރު ސަރވޭ ކުރައްވައި ސެޓްފިކެޓް ދޫކުރެއްވުމާއި، މުދާ އުފުލާ އުޅަނދުފަހަރާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގެ ސްވޭޖް ސެޓްފިކެޓް ހައްދަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުން ބަންޑާރަ ގޯތިގޯއްޗާގުޅޭ ބައެއް މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
ވަޒީފާގެ ވަގުތުތަކުގައްޔާއި، އެހެނިހެން ވަގުތުތަކުގައިވެސް ޢަބްދުލްޚާލިޤު މޫސާއަކީ، ޚިދުމަތަށް އެދޭ ފަރާތްތަކަށް ފަރުވާތެރިކަމާ އެކުގައި ޚިދުމަތް ދެއްވަމުން ގެންދަވާ ރަށުގެ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ރަށުގައި ހުކުރު ނަމާދާއި، ޢީދު ނަމާދާއި، ކޭތަ ނަމާދާއި، އިސްތިސްޤާ ނަމާދު އިމާމުވެ ކުރައްވަމުން ގެންދަވާ، ރަށުގައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ޢަބްދުލްޚާލިޤު މޫސާ، 7 މާރިޗު 2026 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ތިދަލުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރު ކަމުގެ މަގާމުގައެވެ.
ޢަބްދުލްޚާލިޤު މޫސާ ވަނީ، މާލޭގެ އަމިއްލަ ބައެއް މަދަރުސާ ތަކުގައި، ދިވެއްސާއި، އިސްލާމާއި، ޤުރްއާން މާއްދާވެސް ގިނަ ދުވަސްތަކެއްވަންދެން އެ ސްކޫލްތަކުގެ ދަރިވަރުންނަށް އުނގަންނަވައިދެއްވައިފައެވެ.