އަލްފާޟިލް އާދަމް ސަޢީދު
މާހިޔާ، ދ. ބަނޑިދޫ

އާދަމް ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުގެ މަގާމުންނެވެ. އޭގެފަހުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެސިސްޓެންޓް ސުޕަވައިޒަރުގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ދ. ބަނޑިދޫ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

އާދަމް ސަޢީދުގެ ތަޢުލީމީ ދާއިރާގެ ޚިދުމަތް ފެށިގެން އައީ، ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައި، 1 ޖަނަވަރީ 1984 ގައެވެ. އޭގެފަހުން، ތ. އަތޮޅު މަދަރުސާގައްޔާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސުޕަވައިޒަރެއްގެ ހައިސިއްޔަތުން ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަންގައްޔާއި، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައްޔާއި، ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި 2011އިން ފެށިގެން 2012އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި، ސްކޫލުތައް ހިންގުމުގެ ބައިގައި ޚިދުމަތް ކޮށްދެއްވައިފައި ވެއެވެ.

އާދަމް ސަޢީދަކީ، ތަޢުލީމީ ދާއިރާގައި ތަޖުރިބާކާރު ޚިދުމަތްތެރިއެކެވެ. ޚިދުމަތް ކުރެއްވީ ތަޢުލީމީ ރަނގަޅު ޖީލެއް ބިނާކުރެއްވުމަށެވެ. ޚިދުމަތް ކުރެއްވި ސްކޫލުތަކުގެ ދައިވަރުންނަށް އުނގަންނައި ދެއްވުމަށްޓަކައި ގަދައަޅައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްވެސް މެއެވެ. ފަށާ ތަޢުލީމުގެ މަރުޙަލާއިން ފެށިގެން ސާނަވީ މަރުޙަލާއާ ހަމައަށް ތަޢުލީމު އުނގަންނައި ދެއްވުމުގައި އާދަމް ސަޢީދު ކުރެއްވި މިންނެތް މަސައްކަތް ފާހަގަކޮށްލަން ޖެހެއެވެ.

އާދަމް ސަޢީދު އެންމެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައިވަނީ، ބަނޑިދޫ ސްކޫލުގައެވެ. އޭގެތެރޭގައި ބަނޑިދޫ ސްކޫލުގައި ރަސްމީ ތަޢުލީމު ތަޢާރުފްކޮށްދެއްވައި، ޤައުމީ މުޤައްރަރަށް ކިޔަވައިދޭން ފެށްޓެވުމާއި، ބެލެނިވެރިންގެ އެހީއާއެކުގައި ތަފާތު ރޮނގުރޮނގުން ސްކޫލަށް ކުރިއެރުން ހޯއްދަވައިދެއްވުމާއި، ގްރޭޑް 8 އުފެއްދުމަށްޓަކައި ބޭނުންވާ އެންޓްރެންސް ޓެސްޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާއެކުގައި ބާއްވަވައި، 27 ދަރިވަރުން ފާސްވުމުން އެންރޯލްމަންޓަށް 300 ކުދިން ހަމަކުރުމުގެ ގޮތުން ބެލެނިވެރިންނާއި، ރަށުގެ ކަމުވޮށިގެންވާ މީހުންގެ އެހީތެރިކަމާއެކުގައި އަތޮޅުތަކުން 60 ކުދިން ގެންނަވައިގެން ގްރޭޑް 8 އަށް ކިޔަވައިދޭން ފެށްޓެވުން ހިމެނެއެވެ. އެދުވަސްވަރަކީ ސްކޫލްތައް ހިންގުމުގައި ސަރުކާރުން ފުރިހަމައަށް އެހީތެރިކަން ދެއްވެން ނެތް ދަތި ދުވަސްވަރެއްކަމުން، އިނގިރޭސި ބަސް ކިޔަވައި ދިނުމަށްޓަކައި ސަރުކާރުން ޓީޗަރެއް ފޮނުއްވުމުން، ރަށުގެ ބެލެނިވެރިންގެ އެހީގައި އިތުރު ޓީޗަރެއް ހޯއްދަވައި، އަދި ވިލުރީފު ރިޒޯޓުގެ އެހީގައިވެސް އިތުރު ޓީޗަރަކު ހޯއްދަވައި ސްކޫލުގައި ކޮމާސް ސްޓްރީމް ތަޢާރުފްކުރައްވައި، ފުރަތަމަ ފަހަރަށް، 2004ވަނަ އަހަރު ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިކުރައްވައިފައި ވެއެވެ. އެ އަހަރު އެ ސްކޫލުގެ ނަތީޖާއަކީ އޭ.ޕީ. ސްކޯރ 41.42 ކަމުގައި ފާހަގަކޮށްލަންޖެހެއެވެ. ބަނޑިދޫ ސްކޫލުގެ ތަފާތު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ، އާދަމް ސަޢީދުކަން ފާހަގަކޮށްލަންޖެހެއެވެ.

މީގެއިތުރުން، ރަށުގެ މުޖުތަމަޢަކީ ޑުރަގުގެ ވަބާއިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެއްދެވުމުގައްޔާއި، ރަށުގައި އެކުވެރި އަމާން މާހައުލެއް ޤާއިމުކޮށްދިނުމުގައި އާދަމް ސަޢީދު މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. ރަށުގެ އިޖުތިމާޢީ ޙަރަކާތްތައް ކުރިއެރުވުމުގެ ގޮތުން އާދަމް ސަޢީދު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބަނޑިދޫ ޒުވާނުންގެ ސްޕޯޓްސް ކްލަބުގެ ރައީސްކަމާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރުކަމާއި، ރ.ކ. ކޮމިޓީގެ މެންބަރުކަމުގައި ހުންނަވައިގެން ކުރެއްވި ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި، ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކާޕެންޓްރީ ކޯހަކާއި، ނިލަންދެ އައި.އޭ.ޑީ.ޕީ. ޕްރޮޖެކްޓް، ވީ.ޓީ.ސީ.ގެ އެހީއާއެކުގައި ހިންގަވައިދެއްވައި، ރަށުގެ އެތައްބަޔަކު ތަމްރީނުކޮށްދެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ.

އާދަމް ސަޢީދު، ޚިދުމަތުގައި މިހާތަނަށް 41 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، މިހާރު ހުންނެވީ ދ. ބަނޑިދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައެވެ.