އަލްފާޟިލާ މަރްޔަމް ޢަބްދުﷲ
މއ. މަންޒަލާ

މަރްޔަމް ޢަބްދުﷲ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1967 ވަނަ އަހަރު، ވުޒާރަތުއް ޞިއްޙާ (ށ)ގައި، ފިޒިއޮތެރަޕީ ޓްރެއިނިންގ ދަސްކުރާގެ މަގާމުގައެވެ. އެ ދުވަސްވަރަކީ، ރާއްޖޭގައި ޕޯލިއޯ ބަލި ފެތުރުނު ދުވަސްވަރުކަމުން، އެ ބައްޔަށް ފަރުވާ (ފިޒިއޮތެރަޕީ) ދިނުމަށް އަމީނިއްޔާ ސްކޫލުން ނެގި ކުދިންގެ ތެރޭގައި މަރްޔަމް ޢަބްދުﷲ ހިމެނިވަޑައިގެންނެވިއެވެ. ޑޮކްޓަރެއްގެ ލަފާފުޅުގެ މަތިން، ޕޯލިއޯ ބަލީގެ މީހުންނަށް ފިޒިއޮތެރަޕީ ދިނުމުގެ މަސައްކަތް ދެމަހެއްހައި ދުވަހު ކުރެއްވިއެވެ. އޭގެފަހުން، ހެލްތު އެސިސްޓެންޓް ޓްރެއިނިންގ ކޯހުގައި ބައިވެރިވެވަޑައިގެން ކޯސް ފުރިހަމަކުރެއްވުމަށްފަހު، ޓީ.ބީ. ކްލިނިކުގައި، ޓީ.ބީ.އަށް ޝައްކުކުރެވޭ ބަލިމީހުންގެ ސްޕިއުޓަމް ނަންގަވައި، ބަލި ދެނެގަތުމުގެ މަސައްކަތާއި، ބަލިމީހުންނަށް އިންޖެކްޝަން ޖެއްސެވުމާއި، ބޭސް ދެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އެ ދުވަސްވަރުވެސް، ޕޯލިއޯ ބަލިމީހުން ތިބޭ ގޭގެއަށް ޒިޔާރަތްކުރައްވައި ފަރުވާދެއްވަމުން ގެންދެވިއެވެ.

ލެޕްރެސީއާ ބެހޭ ކޯހެއް 1972 ވަނަ އަހަރު ރާއްޖެއިން ބޭރުން ފުރިހަމަ ކުރެއްވުމަށްފަހު މާލެ ވަޑައިގެން، މަރްޔަމް ޢަބްދުﷲ ވަނީ، ލެޕްރެސީއަށް ޝައްކުކުރެވޭ މީހުން ބެއްލެވުމާއި، އެމީހުންގެ ސްމިއަރ ނަންގަވައި މައިކްރޮސްކޯޕުން ބައްލަވައި ބަލި ދެނެގަތުމާއި، މިފަދަ ބަލިމީހުންނާ ބައްދަލުވި މީހުން ދެނެގަތުމަށްޓަކައި، ގޭގެއަށް ޒިޔާރަތް ކުރެއްވުންފަދަ މަސައްކަތްތައް ކުރައްވައިފައެވެ. އަދި، ކ. ގުރައިދޫގައި ތިބޭ ލެޕްރެސީ ބަލިމީހުންނަށް ފަރުވާދެއްވުމަށްޓަކައި ކ. ގުރައިދޫގައި ހުންނަ ކްލިނިކުގައި މަސައްކަތް ކުރެއްވިއެވެ. އެ ކްލިނިކްގައި ހުންނެވި ދުވަސްވަރު، ވިލިނގިލިވަރާއި، ބިޔާދޫގައި ތިބޭ ލެޕްރެސީގެ ބަލިމީހުންނަށް ފަރުވާ ދެއްވުމަށްޓަކައި ހަފުތާއަކު ދެ ދުވަހު އެ ދެރަށަށް ދަތުރުކުރެއްވިއެވެ. އަދި ބޯޓުދަތުރުކުރާ މީހުންނާއި، ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ރާއްޖެއިން ދާ ފަރާތްތަކާއި، ސްކޮލަރޝިޕްތަކުގައި ކިޔަވަންދާ ކުދިން، މި ބައްޔަށް ސްކްރީންކޮށް ބަލިނެތްކަމުގެ ލިޔުން ދިނުމުގެ މަސައްކަތްވެސް މަރްޔަމް ޢަބްދުﷲ ކުރެއްވިއެވެ. ލެޕްރެސީއާ ގުޅިގެން ކުރެއްވި މަސައްކަތްތައް އެވަގުތު ކުރައްވަމުން ގެންދެވީ، ސްކިން ކްލިނިކުގައެވެ. އަދި އެ ދުވަސްވަރު، މާލޭގެ ސްކޫލްތައް ސަރވޭ ކުރައްވައި، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި، ރަށްރަށުގެ ސްކޫލްތައް ސަރވޭ ކުރައްވައި، އެރަށްރަށުގެ ރައްޔިތުން ލެޕްރެސީ ބައްޔަށް ސްކްރީން ކުރެއްވިއެވެ. އަދި، ފެކަލްޓީ އޮފް ހެލްތު ސައެންސަސްގައި ފެމިލީ ހެލްތު ވަރކަރުންނާއި، ކޮމިއުނިޓީ ހެލްތު ވަރކަރުންގެ ތަމްރީނު ކޯސްތަކުގައި ލެޕްރެސީ ބައްޔާ ގުޅޭގޮތުން މަރްޔަމް ޢަބްދުﷲ ކިޔަވައިދެއްވައިފައިވެސް ވެއެވެ.

1997ވަނަ އަހަރުގެ ތެރޭގައި، ޕަބްލިކް ހެލްތުގެ ނިއުޓްރިޝަން ޕުރޮގުރާމުގައިވެސް މަރްޔަމް ޢަބްދުﷲ ވަނީ މަސައްކަތް ކުރައްވައިފައެވެ. އޭރު އެ ޕުރޮގުރާމުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ތުއްތު ކުދިންނަށް ގާތުން ކިރުދިނުމާއި، ފައިދާ ހުރި ކާނާ ދިނުމާގުޅޭގޮތުންނާއި، މާބަނޑު ދުވަސްވަރު ރަނގަޅު ކާނާ ކެއުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ތަމްރީނުތަކާއި ޕުރޮގުރާމުތައް ހިންގެވުން ހިމެނެއެވެ. އަދި އިންފެންޓް އެންޑް ޔަންގ ޗައިލްޑް ފީޑިންގ (އައި.ވައި.ސީ.އެފް.)ގެ ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައްވެސް އަތޮޅުތަކާއި މާލޭގައި ހިންގުމުގައި މަރްޔަމް ޢަބްދުﷲ އިސްވެ ހުންނަވައިގެން މަސައްކަތް ކުރެއްވިއެވެ. އެގޮތުން، އެ ރަށަކުން ލިބޭ މޭވާއާއި ތަރުކާރީގެ ބާވަތްތަކުން ކާނާ ތައްޔާރުކުރާނެ ގޮތްތައް މައިންނަށް ދަސްކޮށްދިނުމަށްޓަކައި އެކަމަށް ޚާއްޞަ ތަނެއް ހައްދަވައިގެން، އެތަނުގައި ކައްކަން ދަސްކޮށްދިނުމުގެ މަސައްކަތާއި، ތުއްތު ކުދިންނަށް ކާންދިނުމުގެ މަސައްކަތްވެސް ކުރެއްވިއެވެ.

މާލޭގެ އަވަށްތަކުގެ ބޭފުޅުންނަށާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބޭފުޅުންނަށް ޚާއްޞަކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދިޔަ ބްރެސްޓް ފީޑިންގ ހަފުތާ (އޮގަސްޓް 1 އިން 7 އަށް)ގައި، އިންފެންޓް އެންޑް ޔަންގ ޗައިލްޑް ފީޑިންގ، ވިޓަމިން އޭ، އަޔޮޑިންގެ މުހިންމުކަމާއި، އަދި ފަނިވުމުން ރައްކާތެރި ކުރުވުންފަދަ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށްޓަކައި ޓްރޭނިންގތަކާއި ވަރކްޝޮޕްތައް މާލެއާއި އަތޮޅުތަކުގައި ހިންގެވުމުގައި މަރްޔަމް ޢަބްދުﷲ އިސް ދައުރެއް އަދާކުރެއްވިއެވެ. ފައިދާ ހުރި ކާނާ ކެއުމަށް ޝައުޤުވެރިކަން އުފެއްދުމަށްޓަކައި، ތަރުކާރީއަޅާ ބާވަތްބާވަތުގެ ގަސް، ލ. އަތޮޅު ގަމުގައި އިންދުމުގެ ޕުރޮގުރާމެއް، ޔުނިސެފްގެ ކަމާގުޅޭ މާހިރުންނާ ގުޅިގެން ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަކީ، ކުޑަކުދިންނާ ގުޅޭގޮތަށް ކަންކަން އިންތިޒާމުވެފައިވާ ތަންތަނަށް ހެދުމަށްވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވިއެވެ.

މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގެ ކުދިންނަށް ދޭންޖެހޭ ވިޓަމިން އޭ އާއި، ފަނީ ބޭސް އެ ތަންތަނަށް ފޮނުއްވުމުގެ މަސައްކަތާއި، ރާއްޖޭގައި ކޮލެރާއާއި، ޝިގެއްލާ ބަލި ފެތުރިގެން ދިޔަ ދުވަސްވަރު 24 ގަޑިއިރު ޑިއުޓީ ބަހައިގެން ވެކްސިން ދިނުމުގައި، މަރްޔަމް ޢަބްދުﷲ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ) ގެ މެންބަރެއްގެ ގޮތުގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ނިއުޓްރިޝަން ޕުރޮގުރާމުގެ ދަށުން ރާއްޖޭގައި ހިންގާ ކަންތައްތަކާ ގުޅޭގޮތުންނާއި، މިކަންކަން ކުރިއަށްގޮސްފައިވާ މިންވަރާގުޅޭގޮތުން މައުލޫމާތު ދެއްވައި ދިވެހިރާއްޖެ ތަމްސީލުކޮށްދެއްވުމުގެ ގޮތުން ބޭރު ޤައުމުތަކުގައި ބާއްވަވާ ބައްދަލުވުންތަކުގައި މަރްޔަމް ޢަބްދުﷲ ބައިވެރިވަޑައިގެންފައި ވެއެވެ.

41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި މަރްޔަމް ޢަބްދުﷲ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަނުގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ފިޒިއޮތެރަޕީ ކަސްރަތުދޭ މަގާމާއި، ހެލްތު އެސިސްޓެންޓްގެ މަގާމާއި، ޓީ.ބީ.އާ ބެހޭ ހެލްތު އެސިސްޓެންޓްގެ މަގާމާއި، ލެޕްރެސީއާބެހޭ ހެލްތު އެސިސްޓެންޓްގެ މަގާމާއި، ލެޕްރެސީއާބެހޭ ސީނިއަރ ހެލްތު އެސިސްޓެންޓްގެ މަގާމާއި، ޖަމާޢަތުގެ ޞީއްޙީ އެހީތެރިޔާ 1 (ލެޕްރެސީއާބެހޭ) ގެ މަގާމާއި، ލެޕްރެސީ ކޮންޓްރޯލް އޮފިސަރުގެ މަގާމާއި، ޕްރޮޖެކްޓް އޮފިސަރުގެ މަގާމާއި، ޕުރޮގުރާމު މެނޭޖަރުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމު ހިމެނެއެވެ.

އަމީނިއްޔާ ސްކޫލްގެ ރަން ޔޫބީލް މުނާސަބަތާ ގުޅިގެން 50 ޚިދުމަތްތެރިންނަށް ދެއްވި "ޚިދުމަތުގެ ތަރި" މަރްޔަމް ޢަބްދުﷲ އަށް ލިބިވަޑައިގެންފައިވެއެވެ. އަދި 2016ވަނަ އަހަރު، ޞިއްޙީ ޚިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވި ހަނދާނީ ފިލައާއި، ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ) ގައި ކުރެއްވި ޚިދުމަތުގެ އަގުވަޒަން ކުރައްވައި ދެއްވި ހަނދާނީ ފިލާ، މަރްޔަމް ޢަބްދުﷲ އަށް ލިބިވަޑައިގެންފައި ވެއެވެ.

މަރްޔަމް ޢަބްދުﷲ، ދައުލަތުގެ ޚިދުމަތުން ރިޓަޔަރކުރެއްވީ 17 އޮގަސްޓު 2009ގައެވެ. އޭރު ހުންނެވީ، ސެންޓަރ ފޮރ ކޮމިއުނިޓީ އެންޑް ހެލްތު ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަރ، ޕަބްލިކް ހެލްތު ޕުރޮގުރާމުގެ މަގާމުގައެވެ.