އަލްފާޟިލް ޙަސަން މޫސާ
ހައިލެޓް، ހދ. ކުޅުދުއްފުށި

ޙަސަން މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެޓެންޑެންޓެއްގެ މަގާމުގައި، 1 އޮކްޓޫބަރު 1983 ގައެވެ. ޙަސަން މޫސާއަކީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހުޅުވައި ޚިދުމަތްދޭން ފެށުނުއިރު، އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވި މުވައްޒަފުންގެ ތެރޭގައި ހިމެނޭ މުވައްޒަފެކެވެ. ޙަސަން މޫސާ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތް ކުރެއްވިއިރު، ހޮސްޕިޓަލުގެ އެނދުތަކާއި ވޯޑުތައް ސާފުތާހިރުކޮށް ބަލަހައްޓަވައި، މުޅި ހޮސްޕިޓަލަކީ، ސާފުތާހިރު ރައްކާތެރި ތަނަކަށް ހެއްދެވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ގަވާއިދުން ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދެވިއެވެ. މީގެ އިތުރުން، ޙަސަން މޫސާއަކީ، އޮޕަރޭޝަން ތިއޭޓަރަށް ޚާއްޞަ އެޓެންޑެންޓެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ މުވައްޒަފެކެވެ.

ޙަސަން މޫސާއަކީ، ހޮސްޕިޓަލުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރެއްވި، އަދި ހޮސްޕިޓަލަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ބަލިމީހުންނަށް އަޅާލައްވައި، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކުގައި މުޢާމަލާތު ކުރައްވަމުން ގެންދެވި މުވައްޒަފެކެވެ.

ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ހޮސްޕިޓަލުގެ އެޓެންޑެންޓްގެ ވަޒީފާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުރިހަމައަށް ކުރެއްވުމުގެ އިތުރުން، ހޮސްޕިޓަލުގެ ކުރިއެރުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްޖެހުމެއްނެތި، ޙަސަން މޫސާ ކުރައްވައިފައި ވެއެވެ. އަދި، ރާއްޖެއަށް ކުރިމަތިވި ޞިއްޙީ ބަލިމަޑުކަމުގެ ހާލަތްތަކުން އަރައިގަތުމަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި އެންމެހައި މަސައްކަތްތައް ކުރެއްވުމުގައިވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރެއްވި މުވައްޒަފެއްގެ ގޮތުގައި ފާހަގަކޮށްލަންޖެހެއެވެ.

ޚިދުމަތުގެ ދިގު މުއްދަތުގައި ޙަސަން މޫސާ ފާހަގަކުރެވެނީ، ތެދުވެރިކަމާއި، ހީވާގިކަމާއި، ފަރުވާތެރިކަމާއެކުގައި މަސައްކަތް ކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ކާމިޔާބީގެ މުހިންމު ހިއްސާދާރެއްގެ ގޮތުގައިވެސް މެއެވެ.

41 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު، ޙަސަން މޫސާ ރިޓަޔަރ ކުރައްވައިފައިވަނީ 13 މާރިޗު 2025 ގައެވެ.