އަލްފާޟިލް އާދަމް ޙަލީމު މޫސާ
ނީލްވިލާ، ލ. މާވަށް

އާދަމް ޙަލީމު މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ މަދަރުސާ/ މަކްތަބުތަކުގެ މުދައްރިސްގެ މަގާމުގައި 22 ފެބުރުވަރީ 1981 ގައެވެ. އެއީ ލ. މާވަށު ސްކޫލުގައެވެ. އޭގެފަހުން، ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ލ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ލ. މާވަށު ސްކޫލުގެ އެސިސްޓެންޓް ސުޕަވައިޒަރުގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރުގެ މަގާމާއި، ދިވެހި ޓީޗަރުގެ މަގާމު އަދާކުރައްވައިފައިވެއެވެ.

އާދަމް ޙަލީމު މޫސާ، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ސްކޫލްތަކުގެ އެކި ގްރޭޑްތަކަށް ކިޔަވައިދެއްވުމާއި، ފައިސާއާ ގުޅޭ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމާއި، އިދާރީ މަސައްކަތްތަކާއި، ކިޔަވައިދެއްވުމުގައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައް ވެރިއެއްގެ ހައިސިއްޔަތުން ކުރެއްވުމާއި، އެވަގުތަކު ސްކޫލު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ވެރިއެއްގެ އިރުޝާދުގެ ދަށުން ޒިންމާދާރުކަމާއެކުގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި އާދަމް ޙަލީމުގެ ބެއްލެވުމުގެ ދަށުން މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެއްވުމާއި، އިރުޝާދު ދެއްވުމާއި، ސުޕަރވައިޒް ކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ.

ސަރުކާރުގެ އެކިއެކި މުއައްސަސާތަކާ ގުޅިގެން ރަށުގައި ކުރެވޭ މަސައްކަތްތަކުގައި ސްކޫލު ތަމްސީލުކުރެއްވުމާއި، ސްކޫލުތަކަށް އަމާޒުކޮށްގެން ހިންގި އެކިއެކި ޕުރޮގުރާމުތަކާއި، މަސައްކަތުގެ ހުނަރު އިތުރުކުރުމަށާއި، ފެންވަރު ރަނގަޅު ކުރުމަށް ހިންގި ކޯސްތަކާއި، ތަމްރީނު ޕުރޮގުރާމުތައް، އާދަމް ޙަލީމު މޫސާ ފުރިހަމަކުރައްވައިފައި ވެއެވެ. މީގެއިތުރުން، ކިޔަވައިދިނުމުގެ ރޮނގުން އަމިއްލަ ޤާބިލުކަން އިތުރު ކުރެއްވުމަށްޓަކައި ބެޗްލަރ އޮފް ޓީޗިންގ ސެކަންޑްރީ (ދިވެހި ލޭންގްވިޖް އެންޑް ލިޓްރޭޗަރ) އާއި، ޑިޕްލޮމާ އިން ޓީޗިންގ ސެކަންޑަރީވެސް ހާސިލު ކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ހިންގުނު އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން އިސްވާރެއްގެ ގޮތުގައްޔާއި، ބޭރުގެ އެހީދޭ ޖަމާޢަތެއްކަމަށްވާ "ރެޑްބާނާ މޯލްޑިވްސް" އިން ލ. އަތޮޅުގައި ހިންގި މުދައްރިސުން ތަމްރީނު ކުރުމުގެ ޕުރޮގުރާމުގައި އިސްވާރެއްގެ ގޮތުގައި އާދަމް ޙަލީމު މޫސާ މަސައްކަތް ކުރައްވައިފައިވެއެވެ.

ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އާދަމް ޙަލީމު މޫސާ ފާހަގަކުރެވިފައިވަނީ، މަސައްކަތަށް އިސްކަންދެއްވައިގެން ވަރަށް ފަރުވާތެރިކަމާއި، އުފެއްދުންތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި، ވަޒީފާ އަދާކުރެއްވުމުގައި ހެދިފައިވާ ގަވާއިދާއި އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދެވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

އާދަމް ޙަލީމު މޫސާ ވަނީ، މާވަށު ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައި، ރަށުގެ އިޖުތިމާޢީ ތަރައްޤީއަށްޓަކައި ކުރެވުނު މަސައްކަތްތަކުގައިވެސް ބައިވެރިވެވަޑައިގެން އިސްދައުރެއް އަދާކުރައްވައިފައެވެ. މީގެއިތުރުން، ކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމާއި، ރީތިކޮށް ލިޔަން ދަސްކޮށްދެއްވުމާއި، ކުރަހަން ދަސްކޮށްދެއްވުމަށްވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. މާވަށުގެ މިސްކިތްތަކުގެ އިމާމުން ޗުއްޓީގައި ތިއްބަވާ ދުވަސްވަރު، ބަދަލު އިމާމެއްގެ ގޮތުގައިވެސް ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވި ފަހުން އާދަމް ޙަލީމު މޫސާ މަސައްކަތް ކުރައްވައިފައި ވެއެވެ.

ހައްދުންމަތީ އަތޮޅު ކައުންސިލުން ހައްދުންމައްޗަށް އެކި ރޮނގުރޮނގުން ޚިދުމަތްކުރެއްވި ބޭފުޅުންނަށް ޝަރަފުވެރިކަމުގެ އެވޯޑް ދެއްވިއިރު، ސްކޫލުތަކުގެ ބައިން "ކާމިޔާބު އެދުރު"ގެ އެވޯޑް އާދަމް ޙަލީމު މޫސާވަނީ ހާސިލުކުރައްވައިފައެވެ.

41 އަހަރަށް ވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، އާދަމް ޙަލީމު މޫސާ ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައި ވަނީ 18 އޮގަސްޓު 2022 ގައެވެ.