އަލްފާޟިލް ޙުސައިން މުޙައްމަދުމަނިކު
ޙުސައިން މުޙައްމަދުމަނިކު، ޢާންމު ނަމުންނަމަ، އިސްތަފާ ޙުސައިން މަނިކު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 25 މާރިޗު 1965 ގައި މަޙްކަމަތުލް އަމަން ޢާންމުގެ ސިފައިންގެ މީހެއްގެ ވަޒީފާއިންނެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ 2 ނަންބަރު އޮޕަރޭޓަރުގެ މަގާމާއި، 1 ނަންބަރު އޮޕަރޭޓަރުގެ މަގާމާއި، ޓެކްނީޝަންގެ އެހީތެރިޔާގެ މަގާމާއި، ރޭޑިއޯ މޯލްޑިވްސްގެ ޓެކްނީޝަންގެ އެހީތެރިޔާގެ މަގާމާއި، އޮޕަރޭޓަރުގެ މަގާމާއި، ދިވެހިރާއްޖޭގެ އަޑުގެ ޓެކްނީޝަންގެ އެހީތެރިޔާގެ މަގާމާއި، ޓެކްނީޝަންގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރގެ މަގާމު ހިމެނެއެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު ގައެވެ.
ރޭޑިއޯ މޯލްޑިވްސް އާއި، ދިވެހިރާއްޖޭގެ އަޑުގެ މަސައްކަތްތައް ތަރައްޤީކޮށް، ޒަމާނީ ކުރުމުގައި ޙުސައިން މުޙައްމަދުމަނިކުގެ ދައުރު ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ރޭޑިއޯގެ އާ ޓްރާންސްމީޓަރުތައް ރާއްޖެއަށް ގެނެސް، އެތަކެތި ބެހެއްޓުމަށްޓަކައި ވަޑައިގެން އުޅުއްވި ބޭރުގެ ތަޖުރިބާކާރުންނާއެކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ޙުސައިން މުޙައްމަދުމަނިކު، އިސްދައުރެއް އަދާކުރެއްވިއެވެ.
ޙުސައިން މުޙައްމަދުމަނިކުގެ ޚިދުމަތުގެ ތެރޭގައި، ހުކުރު މިސްކިތުން ގޮވާ ބަންގި، ރަމަޟާން މަހު ރިލޭ ކުރުމުގެ މަސައްކަތާއި، ބީ.ބީ.ސީ. މެދުވެރިކޮށް އަޑުގެ ގަޑިއާއި ހުކުރުމިސްކިތުގެ ގަޑި ހަމަކުރުމުގެ މަސައްކަތް 4 އަހަރެއްހައިދުވަހު ބެލެހެއްޓެވުމާއި، އަދި ޓެލެޕްރިންޓަރ މެދުވެރިކޮށް ޚަބަރުތައް ބެލެހެއްޓެވުން ފާހަގަކުރެވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ އަޑުގެ އެންމެ ދުވަސްވީ އެއް ޕުރޮގުރާމު ކަމަށްވާ "ރޯދަ ކުރުކުރުން" ކުރިއަށް ގެންދެވުމުގައިވެސް ދިގު މުއްދަތެއް ވަންދެން އިސްދައުރެއް އަދާކުރެއްވިއެވެ.
ޙުސައިން މުޙައްމަދުމަނިކަކީ، ހަވާލުވެވަޑައިގަންނަވާ ކޮންމެ މަސައްކަތެއްވެސް، ފަރުވާތެރިކަމާއި، ހީވާގިކަމާއެކުގައި ކުރެއްވި ބޭފުޅެކެވެ. އަދި، ވަގުތަށް ކަމޭހިއްތަވައިގެން، މުވައްޒަފުންނާ ގުޅިގެން އިޚުލާޞްތެރިކަމާއި ސާބިތުކަމާއެކުގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ލިބިވަޑައިގަންނަވާ ހުސްވަގުތުގައި، ރޭޑިއޯ ފަދަ ތަކެތި މަރާމާތު ކުރެއްވުމާއި، ގޮނޑީގެ އެއްތެޔޮ ފުރުއްވުމަކީ ވަރަށް ޝައުޤުވެރިކަމާއެކުގައި ޙުސައިން މުޙައްމަދުމަނިކު ކުރެއްވި މަސައްކަތެކެވެ. ހަމައެހެންމެ، މި މަސައްކަތްތައް ޙުސައިން މުޙައްމަދުމަނިކުގެ ބޭފުޅުންނަށްވެސް ދަސްކޮށްދެއްވައި، އެބޭފުޅުންނާއެކުގައި، މި މަސައްކަތުގައި ޝާމިލްވެ އުޅުއްވައިފައި ވެއެވެ.
ޙުސައިން މުޙައްމަދުމަނިކު، ދައުލަތަށް 41 އަހަރުގެ ދިގުމުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 1 މޭ 2008 ގައެވެ.