އަލްފާޟިލް އިބްރާހީމް ޙުސައިން
އިބްރާހީމް ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވަރކްސް ޑިޕާރޓްމަންޓުގެ ތޮށިލާ މަސައްކަތު މީހެއްގެ މަގާމުގައި، 7 ޖަނަވަރީ 1969 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރއާއި، މިނިސްޓްރީ އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރއާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްއާއި، މޯލްޑިވްސް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ބޯޑު، އަދި ވިލިނގިލި އަވަށު އޮފީހުގެ އެކިއެކި މަގާމުތައް އަދާކުރައްވައިފައިވެއެވެ. އޭގެތެރޭގައި، 2 ނަންބަރު ކާތިބުގެ މަގާމާއި، އަތްދަށު ސަރުދާރުގެ މަގާމާއި، ސުޕަވައިޒަރގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރުގެ މަގާމު ހިމެނެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ވިލިނގިލީ އަވަށު އޮފީހުގެ ސީނިއަރ ސުޕަވައިޒަރުގެ މަގާމުގައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވަރކްސްގައި އިބްރާހީމް ޙުސައިން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މުސާރަ ދިނުމަށް ބޭނުންވާ އެކިއެކި ރިޕޯޓުތައް ތައްޔާރުކުރައްވައި ފޮނުއްވުމާއި، ބިލްތަކަށް ފައިސާ ދެއްކެވުމާއި، ފައިސާ ބަލައިގެންނެވުމާއި، ފައިސާއާ ބެހޭ އެންމެހައި ކަންކަން ކުރެއްވުމާއި، އޮފީހުގެ އިންވެންޓްރީ ބެލެހެއްޓެވުމާއި، ލިޔެކިޔުމުގެ ސްޓޮކް ބެލެހެއްޓެވުމާއި، ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުއްވައި ބެލެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ.
އިބްރާހީމް ޙުސައިން، ވިލިނގިލީ އަވަށު އޮފީހުގައި ޚިދުމަތް ކުރެއްވިއިރު، ރަށުތެރެ ބެލެހެއްޓެވުމާއި، ޢިމާރާތް ކުރުމާއި، އެނޫންވެސް ކަންކަން ހިނގަނީ އޮފީހުން ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށްތޯ ބެއްލެވުމާއި، ޤުދުރަތީ ކާރިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކާ ގުޅޭ ރިޕޯޓުތައް އެކުލަވައިލައްވައި ފޮނުއްވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.
ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި، އިބްރާހީމް ޙުސައިން ފާހަގަ ކުރެވިފައިވަނީ، ވަޒީފާ އަދާކުރުމުގައި، ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ހާޒިރީއަށް ފަރުވާތެރި، ހަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމައަށް ނިންމަވައި، ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުކުރެއްވުމަށްޓަކައި އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްކުރެއްވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ.
އިބްރާހީމް ޙުސައިނަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 7 ޖަނަވަރީ 1989 ގައެވެ. 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވީ 15 ޖުލައި 2010 ގައެވެ.