އަލްފާޟިލާ ޒަރީނާ ޙުސައިން
ދާރުލްފަޟީލާ، އދ. މާމިގިލި

ޒަރީނާ ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 12 ޖޫން 1982 ގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިޔާގެ މަގާމުގައެވެ. 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު މ. މަޑިފުށިން އދ. މާމިގިއްޔަށް ދިރިއުޅުން ބަދަލުކުރެއްވުމަށްފަހު، 1 އެޕްރީލު 2006 ން ފެށިގެން ވަޒީފާ އަދާކުރައްވަމުން ގެންދެވީ އެރަށުގައެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އދ. މާމިގިލީ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތު އޮފިސަރގެ މަގާމުގައެވެ.

ޒަރީނާ ޙުސައިން، ޞިއްޙީ ދާއިރާގެ ޚިދުމަތުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މާބަނޑު މީހުންގެ ރެކޯޑުތައް ބެލެހެއްޓެވުމާއި، ގަވާއިދުން ފޯލިކް އެސިޑް ފޯރުކޮށްދެއްވުމާއި، ވިހެއުމާ ހަމައަށް ބަލިމީހާގެ ހާލަތު ގާތުން ބައްލަވައި، ދެއްވަންޖެހޭ އިރުޝާދުތައް ދެއްވުމާއި، ވިހެއުމަށްފަހު މައިމީހާއާއި، ކުޑަދަރިފުޅުގެ ޞިއްޙީ ހާލަތު ބައްލަވައި އެހީތެރިވެދެއްވުން ހިމެނެއެވެ. އަދި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތައް ގަވާއިދުން ދެއްވުމާއި، ފަނީބޭހާއި، ވިޓަމިން އޭ ދިނުމުގެ މަސައްކަތް ބެލެހެއްޓެވުން ހިމެނެއެވެ.

ރަށުތެރޭގައި ރޯގާއެއް ފެތުރޭ ހާލަތްތަކުގައި، ގޭގެއަށް ޒިޔާރަތްކުރައްވައި، ބަލިމީހުންނަށް ފަރުވާދެއްވައި، ޓީ.ބީ. ބަލިފަދަ ބަލިތަކަށް ފަރުވާކުރާ މީހުންގެ ގާތަށް ގަވާއިދުން ޒިޔާރަތް ކުރައްވައި، ބޭސް ދެއްވައި، ބަލިން ރައްކާތެރިވުމާ ގުޅޭގޮތުން މައުލޫމާތާއި އިރުޝާދު ދެއްވައި، ހޭލުންތެރިކަން އިތުރުކުރުވުމުގެ މަސައްކަތްކުރެއްވިއެވެ. އަދި، ޑެންގޫ ފަދަ މަދިރީގެ ޒަރީޢާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލައި، އެކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމުތައް ހިންގަވައިފައިވެއެވެ. ހަމައެހެންމެ، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަލިމީހުންގެ ސާމްޕަލް ނަގައި، މާލެއަށް ފޮނުވުމާއި، އެކަމާގުޅޭ އެންމެހައި ރެކޯޑުތައް ބެލެހެއްޓެވުމުގައި، ޒަރީނާ ޙުސައިން އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުން، އެހެން ރަށްރަށަށް ޒިޔާރަތް ކުރައްވައި، ވެކްސިން ދިނުމުގެ ޕުރޮގުރާމުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ދައުލަތަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޞިއްޙީ ދާއިރާއާގުޅޭ އެކިއެކި ކޯސްތަކާއި، ތަމްރީނު ޕުރޮގުރާމުތަކާއި، މަސައްކަތު ބައްދަލުވުންތަކުގައިވެސް ޒަރީނާ ޙުސައިން ބައިވެރިވެވަޑައިގެންފައި ވެއެވެ. ވަޒީފާގެ ޒިންމާގެ އިތުރުން، މ. މަޑިފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ނައިބު ރައީސާކަން، ޒަރީނާ ޙުސައިން 15 އަހަރު ކުރައްވައިފައި ވެއެވެ.

ޒަރީނާ ޙުސައިން، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 ޖަނަވަރީ 2024 ގައެވެ.