އަލްފާޟިލް އަޙްމަދު ޝަފީޤު ޢަލީ
ފުއްޓަރު، ކ. ތުލުސްދޫ

އަޙްމަދު ޝަފީޤު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ކ. ތުލުސްދޫ އޮފީހުގެ ކާތިބުގެ މަގާމުގައި 8 ޑިސެންބަރު 1979 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ކ. އަތޮޅުއޮފީހުގެ ކާތިބު 2 ނަންބަރުގެ މަގާމާއި، ސީނިއަރ ކްލަރކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު އަދާކުރައްވައިފައިވެއެވެ. 2011ވަނަ އަހަރު، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތައް އުފެދުމާ ގުޅިގެން މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރގެ މަގާމުގައެވެ.

އަޙްމަދު ޝަފީޤު ޢަލީ، ޚިދުމަތްކުރައްވަމުން ގެންދެވިއިރު، އޮފީހުގައި ކުރައްވަން ޖެހިވަޑައިގެންނެވި އިދާރީ މަސައްކަތްތަކުގެ އިތުރުން، މާލެއަތޮޅުގެ ރަށްރަށުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އައި.ޑީ. ކާޑު ހަދައިދިނުމުގެ މަސައްކަތް ސަރުކާރުން ފެށްޓެވުމާ ގުޅިގެން މާލެއަތޮޅުގެ ރަށްރަށަށާއި، އެހެނިހެން އަތޮޅުތަކުގެ ބައެއް ރަށްރަށަށް ވަޑައިގެން ކާޑު ހައްދަވައިދެއްވުމުގެ މަސައްކަތާއި، ސަރުކާރުން ކުރިއަށްގެންދެވި، އަސާސީ ތަޢުލީމުގެ މަޝްރޫއުގެ ދަށުން އެކި އުމުރުފުރާތަކުގެ މީހުންނަށް އުނގަންނައިދިނުމުގެ މަސައްކަތް އަޙްމަދު ޝަފީޤު ޢަލީ ކުރެއްވިއެވެ.

އަތޮޅުއޮފީހުގެ ވަޒީފާ އަދާކުރެއްވިއިރު، އިދާރީ ހުރިހާ މަސައްކަތެއްވެސް އަޙްމަދު ޝަފީޤު ޢަލީ ކުރެއްވިއެވެ. އެގޮތުން، އަތޮޅުއޮފީހުގެ ލިޔެކިޔުންތައް ބެލެހެއްޓެވުމާއި، އޮފީހަށް ހުށަހެޅޭ އެކިއެކި މައްސަލަތައް ތަޙުޤީޤު ކުރެއްވުމާއި، އެ މައްސަލަތަކުގެ ތަޙުޤީޤު ބަޔާންތަކާއި، ޔައުމިއްޔާތަކާއި، ޚާއްޞަ ޔައުމިއްޔާތައް ލިޔުއްވުމާއި، އަތޮޅުގެ ރަށްރަށުގެ ބިންބިމާގުޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އެ ރަށްރަށަށް ވަޑައިގެން ކުރައްވައިފައި ވެއެވެ. އަދި، އަތޮޅު ކައުންސިލް އުފެދުމާއެކު އެ އިދާރާގައި އިދާރީ ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިދާރީ އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބައްލަވައި، ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، މަސައްކަތް ކުރާނެ ގޮތުގެ އިރުޝާދު، މުވައްޒަފުންނަށް ދެއްވަމުންވެސް ގެންދަވައިފައި ވެއެވެ.

އަޙްމަދު ޝަފީޤު ޢަލީ ފާހަގަކުރެވެނީ، މަސައްކަތަށް އިސްކަން ދެއްވައިގެން ފަރުވާތެރިކަމާ އެކުގައި ޚިދުމަތް ކުރައްވަމުން ގެންދެވި ނަމޫނާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން، އެއާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށްވެސް އަޙްމަދު ޝަފީޤު ޢަލީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި މަސައްކަތުގައި އެހީތެރިވެދެއްވާކަން ފާހަގަކޮށްލަންޖެހެއެވެ.

އަޙްމަދު ޝަފީޤު ޢަލީ، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 1 ޖުލައި 2021 ގައެވެ.