އަލްފާޟިލް ތުއްތުމަނިކު
މ. ޕެޓޫނިޔާ

ތުއްތުމަނިކު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ވުޒާރަތުލް މާލިއްޔާ (ބ)ގެ 1 ނަންބަރު އޮޕަރޭޓަރުގެ މަގާމުގައެވެ. އެއީ، 13 ސެޕްޓެންބަރު 1966ގައެވެ. އޭގެ ފަހުން، 1 ޖުލައި 1974 ގައި، ރޭޑިއޯ މޯލްޑިވްސްގެ 1 ނަންބަރު އޮޕަރޭޓަރުގެ މަގާމަށް ބަދަލުވެވަޑައިގެންނެވިއެވެ. ރޭޑިއޯ މޯލްޑިވްސްގައި، ޓެކްނީޝަންގެ އެހީތެރިޔާގެ މަގާމާއި، އޮޕަރޭޓަރު މަގާމުވެސް ތުއްތުމަނިކު އަދާކުރެއްވިއެވެ.

ރޭޑިއޯ މޯލްޑިވްސްގައި ޚިދުމަތްކުރެއްވިއިރު، އެތަނުގައި ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތައް، ޝައުޤުވެރިކަމާއި، ފަރުވާތެރިކަމާއެކުގައި ކުރެއްވިއެވެ. އަދި ރޭޑިއޯ މޯލްޑިވްސްގެ ވަރކްޝޮޕްގައި ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްތައްވެސް އެހާމެ ފަރުވާތެރިކަމާއެކުގައި ކުރެއްވިއެވެ.

ތުއްތުމަނިކު، ދައުލަތަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ކަސްޓަމްސްގެ އެކި މަގާމުތައް އަދާކުރައްވައިފައި ވެއެވެ. އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ކަސްޓަމްސްގެ މެކޭނިކްގެ މަގާމާއި، އިންޖިނިއަރގެ މަގާމާއި، މާލިމީ އަދި ފޯމަންގެ މަގާމު ހިމެނެއެވެ.

ތުއްތުމަނިކު ފުރިހަމަކުރައްވައިފައިވާ ތަމްރީނުތަކުގެ ތެރޭގައި، ރޭޑިއޯ މޯލްޑިވްސްގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، އިނގިރޭސި ކޯހަކާއި، ޕުރޮގުރާމުތަކުގެ ތަމްރީނުތައް ހިމެނެއެވެ. ކަސްޓަމްސްގައި ޚިދުމަތް ކުރެއްވިއިރު، ނެވިގޭޝަން ޓްރޭނިންގ ތަކުގައިވެސް ތުއްތުމަނިކު ބައިވެރިވެވަޑައިގެންފައި ވެއެވެ.

ތުއްތުމަނިކު، ދައުލަތަށް ޚިދުމަތްކުރެއްވި ދިގު މުއްދަތުގައި ފާހަގަކުރެވެނީ، މަސައްކަތަށް އަހަންމިއްޔަތު ދެއްވައިގެން، ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ތުއްތުމަނިކަކީ، އަމިއްލަފުޅުގޮތުން ގަޑި ހައްދަވާ ބޭފުޅެކެވެ. އަދި ރޭޑިޔޯ މޯލްޑިވްސްގައި ޓެކްނީޝަނެއްގެ ގޮތުގައި ޚިދުމަތްކުރެއްވިއިރު، އޭރު ދަސްކުރެއްވި މަސައްކަތްތަކުގެ ތެރެއިން ރޭޑިއޯއަށް ދިމާވާ އެކިއެކި މައްސަލަތައްވެސް ޙައްލުކޮށްދެއްވަމުން ގެންދެވި ބޭފުޅެކެވެ. އަދި، ހަމައެއާއެކު އޮލިމްޕަހުގައި ބައިސްކޯފު ފިލްމުތައް ދެއްކިއިރު، އޮޕަރޭޓަރުކަން ކުރެއްވި ބޭފުޅެއްވެސް މެއެވެ.

ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހުގައި، ތުއްތުމަނިކު ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 މޭ 2008ގައެވެ.