އަލްފާޟިލާ އާމިނަތު ރަޝީދާ
އާމިނަތު ރަޝީދާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 22 ޖަނަވަރީ 1980ގައި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަންގެ ވަގުތީ 2 ނަންބަރު ކާތިބާގެ މަގާމުންނެވެ. އޭގެ ފަހުން، 1 ޖުލައި 1981ގައި، ސެންޓްރަލް ހޮސްޕިޓަލްގެ ޚިދުމަތާ ގުޅިވަޑައިގެން ފުރަތަމަ އަދާކުރެއްވީ، އެ ހޮސްޕިޓަލްގެ ނަރސް އެއިޑްގެ މަގާމެވެ. އޭގެފަހުން، އެ ހޮސްޕިޓަލްގެ 1 ނަންބަރު ނަރސްގެ މަގާމާއި، ސީނިއަރ ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، ސީނިއަރ ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު، 17 މާރިޗު 2023 ގައި ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު އާމިނަތު ރަޝީދާ ހުންނެވީ، އައި.ޖީ.އެމް.އެޗް.ގެ އެންރޯލްޑް ނަރސްގެ މަގާމުގައެވެ.
އާމިނަތު ރަޝީދާ، ސެންޓްރަލް ހޮސްޕިޓަލްގައްޔާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި މަގާމުގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންނަށް ފަރުވާދެއްވުމާއި، އޯ.ޕީ.ޑީ. އަށް އަންނަ ބަލިމީހުންނަށް އިންޖެކްޝަން ޖަހައިދިނުމާއި، ބޭސްއެޅުއްވުން ހިމެނެއެވެ. އޭގެއިތުރުން، ވޯޑުތަކުގައި ޑޮކްޓަރުން ބަލިމީހުން ބައްލަވަމުން ގެންދަވާ ވަގުތުތަކުގައި ޑޮކްޓަރުންނަށް އެހީތެރިވެދެއްވުމާއި، އޯ.ޕީ.ޑީ.ގައި ޑޮކްޓަރުން ކުރައްވާ އެކިއެކި ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަކީވެސް އާމިނަތު ރަޝީދާ ކުރައްވައިފައިވާ މަސައްކަތެކެވެ. އަދި ހޮސްޕިޓަލްގެ ވޯޑުތަކުގައި ބަލިމީހާއަށް ޚިދުމަތް ދެވޭނެހެން ކަންތައްތައް ތަރުތީބު ކުރައްވައި ބެލެހެއްޓެވުމާއި، އެޑްމިޓް ކޮށްފައި ތިބޭ ބަލިމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ޙާލަތަށް ބައްލަވައި އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފުރިހަމައަށް ދެއްވުމުގައި އެހީތެރިވެދެއްވުމާއި، ވޯޑު ތައްޔާރުކުރެއްވުމަކީވެސް ވަރަށް ޝައުޤުވެރިކަމާ އެކުގައި އާމިނަތު ރަޝީދާ ކުރައްވައިފައިވާ މަސައްކަތްތަކެވެ. މީގެއިތުރުން، މެޑިކަލް ވޯޑުގައްޔާއި، ކުޑަކުދިންގެ ވޯޑުގައްޔާއި، ޑައިރިއާ ވޯޑުގައްޔާއި، އޯ.ޕީ.ޑީ.އާއި، ގައިނީ ވޯޑުގައްޔާއި، ސަރޖިކަލް ވޯޑުގައްޔާއި، އައިސޮލޭޝަން ވޯޑުގައްޔާއި، ލޭބަރ ރޫމްގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައި ވެއެވެ.
އާމިނަތު ރަޝީދާ ވަނީ، ސަރޖިކަލް ވޯޑާއި، އޯ.ޕީ.ޑީ.އިން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމުގައްޔާއި، އޭ.އެން.ސީ.އާއި، އެމް.ސީ.އެޗް. ކްލިނިކްގައިވެސް ވަރަށް ހީވާގިކަމާއެކުގައި ޚިދުމަތް ކުރައްވައި، ހޮސްޕިޓަލްގެ ޚިދުމަތާ އަލަށް ގުޅިވަޑައިގަންނަވާ ނަރުހުންނާއި، މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ގޮތުން ހޮސްޕިޓަލްގައި މަސައްކަތްކުރާ ދަސްކުރާ ނަރުހުންގެ މަސައްކަތްތައް ބައްލަވައި ސުޕަވައިޒް ކުރައްވައިފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތައް ފެށިގެންއައި ދުވަސްވަރު އެތާނގައި ޚިދުމަތް ކުރައްވައި، އެތާނގެ ނަރުހުންގެ މަސައްކަތްތައް ބައްލަވައި ސުޕަވައިޒް ކުރައްވައި، އެތަނުން ދޭ ޚިދުމަތްތައް ތަރައްޤީ ކުރެއްވުމުގައިވެސް އާމިނަތު ރަޝީދާ ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ. އަދި ރާއްޖޭގައި ފެތުރުނު އެކިއެކި ބަލިތައް ކޮންޓްރޯލް ކުރެއްވުމުގައި ބައިވެރިވެވަޑައިގެން، މާލެއާއި އަތޮޅުތަކުގައި ފަރުވާތެރިކަމާއި ހީވާގިކަމާއެކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ޒިޔާރަތްކުރާ ޑޮކްޓަރުންގެ ޓީމާއެކުގައްޔާއި، އެކިއެކި ކޭމްޕްތަކުގައިވެސް ބައިވެރިވެވަޑައިގެން ވަރަށް ހީވާގިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އާމިނަތު ރަޝީދާއަކީ، ކ. ގުރައިދޫގައި ހުންނަ ބަލިމީހުން ބަލަހައްޓާ މަރުކަޒަށް ވަޑައިގަންނަވާ ޑޮކްޓަރުންނާއި، އެނޫންވެސް ޞިއްޙީ އެހީތެރިންނާ އެކުގައި އެރަށަށް ވަޑައިގެން ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.
އާމިނަތު ރަޝީދާ ވަނީ، ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ) އާ ގުޅިގެން، ތެލެސީމިއާއަށް މީހުން ހޭލުންތެރިކުރުވުމުގެ ޕުރޮގުރާމު ތަކުގައި ހިލޭސާބަހަށް ބައިވެރިވެވަޑައިގެން، މާލެއާއި އަތޮޅުތަކުގައިވެސް ޚިދުމަތް ކުރައްވައިފައެވެ.
އާމިނަތު ރަޝީދާއަކީ، 1988 ނޮވެންބަރު 3ވަނަ ދުވަހު ރާއްޖެއާ ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލައިގައި ޝަހީދުވި މީހުން ސެންޓްރަލް ހޮސްޕިޓަލަށް ގެންދިޔުމުން، އެމީހުންގެ ކަންތައްތައް ބެލެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްވެސް މެއެވެ. މީގެއިތުރުން، އެދުވަހު ގިނައިރުތަކެއް ވަންދެން ޑިއުޓީގައި ހުންނަވަން ޖެހުމުން، ވަރަށް ގިނަ އެހެން މަސައްކަތްތައްވެސް ކުރައްވައިފައިވެއެވެ. އެދުވަހު ކުރެއްވި ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރުމުގެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޝަރަފުގެ ހަނދާނީ ލިޔުން، އާމިނަތު ރަޝީދާއަށް ލިބިވަޑައިގެންފައި ވެއެވެ.
އާމިނަތު ރަޝީދާ ކޮށްދެއްވައިފައިވާ ޞިއްޙީ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، އައި.ޖީ.އެމް.އެޗް.އާއި، ހޮސްޕިޓަލްގެ އެކިއެކި ޑިޕާޓްމަންޓްތަކުން އެކި ދުވަސްވަރު އާމިނަތު ރަޝީދާއަށް ހަނދާނީލިޔުން ލިބިވަޑައިގެންފައިވާކަންވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.