އަލްމަރްޙޫމް މޫސާ ރަމީޒުގެ ހަނދާނަށް
ޗަމަން، ށ. ކޮމަންޑޫ

އަލްމަރްޙޫމް މޫސާ ރަމީޒު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 12 ފެބުރުވަރީ 1977 ގައި، ށ.ކޮމަންޑޫ ކުޑަކަތީބުކަމުގެ މަގާމުންނެވެ. މޫސާ ރަމީޒު ދައުލަތަށް ޚިދުމަތް ކުރެއްވި 41 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ށ.އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، ށ.އަތޮޅުވެރިޔާގެ ބަދަލުގެ މަގާމާއި، ށ.އަތޮޅުވެރިޔާގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ރާއްޖެތެރޭގެ ވަކީލުކަމުގެ މަގާމާއި، ފުވައްމުލަކު އަތޮޅުވެރިޔާގެ މަގާމާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މޫސާ ރަމީޒު 17 ނޮވެންބަރު 2018 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުގައެވެ.

އަލްމަރްޙޫމް މޫސާ ރަމީޒު، ށ. ކޮމަންޑޫ ކުޑަކަތީބު ކަމުގެ މަގާމުގައި ހުންނެވިއިރު، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ކޮށްދެއްވަންޖެހޭ ހުރިހާ ކަންތައްތަކެއް ރަށުގެ ކަތީބުގެ ބެއްލެވުމުގެ ދަށުން ކޮށްދެއްވައިފައި ވެއެވެ. އޭގެ ތެރޭގައި، ރަށުގެ އިޖުތިމާޢީ ކަންކަމާއި، މިސްކިތްތަކުގެ ކަންކަމާއި، ކަށުކަމާކެމީގެ ކަންކަމާއި، ރަށުގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވާ ކަންތައްތައް ކޮށްދެއްވުމުގައި އިސްކޮށް މަސައްކަތް ކުރައްވައިފައި ވެއެވެ.

އަލްމަރްޙޫމް މޫސާ ރަމީޒު، ށ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމަށް ބަދަލު ކުރެއްވުމާ ގުޅިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ ށ. އަތޮޅުއޮފީހުގައެވެ. އެގޮތުން، އަތޮޅުއޮފީހުގެ އިދާރީ ކަންކަމާއި، އަތޮޅުގެ ރަށްރަށުގެ އިދާރީ ކަންކަމާއި، އަތޮޅުވެރިންގެ ބެއްލެވުމުގެ ދަށުން ކުރައްވަންޖެހޭ ކަންކަމާއި، އަތޮޅުވެރިޔާ އަތޮޅުގައި ނުހުންނަވާ ދުވަސްވަރު އަތޮޅުއޮފީސް ހިންގެވުމުގެ ކަންކަން ކުރައްވައިފައި ވެއެވެ. އޭގެފަހުން ށ. އަތޮޅުވެރިޔާގެ މަގާމުގައި ހުންނަވައިގެން އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކޮށްދެއްވާ ކަންތައްތައް ރައްޔިތުންނާ ގުޅިގެން ކޮށްދެއްވައި އެކަންތައްތައް ވިލަރެސް ކުރެއްވުމުގައި އިސްވެ ހުންނަވައިގެން ގިނަގުނަ ކަންތައްތަކެއް ކޮށްދެއްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދަތިވެގެން ހުށަހަޅާ ކަންތައްތައް ރައްޔިތުން އެދޭ ގޮތަށް ނިންމަވައިދެއްވުމުގައި ޚާއްޞަ އިސްކަމެއް ދެއްވައިފައި ވެއެވެ. އޭގެތެރޭގައި، ރަށްރަށުގެ ތަޢުލީމީ ކަންކަމާއި، ޞިއްޙީ ކަންކަމާއި، ކަރަންޓުގެ ކަންކަމާއި، ލަފާފުރުމުގެ ފަސޭހަތައް ގާއިމުކޮށްދެއްވުން ފަދަ ކަންކަމަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަންކަމެވެ.

އަލްމަރްޙޫމް މޫސާ ރަމީޒު ށ. އަތޮޅު އަތޮޅުވެރިކަމުގައި ހުންނަވައިގެން ކުރެއްވި އެންމެ ޚާއްޞަ އެއް މަސައްކަތަކީ، ސަރުކާރުން ގެންގުޅުއްވި އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން، ކުދި އާބާދީތަކުގައި ދިރިއުޅޭ ރަށްރަށުގެ މީހުންނާއި، ލަފާފުރުމާއި، ބިމުގެގޮތުން ދަތި ރަށްރަށުގައި ދިރިއުޅޭ މީހުން، އާބާދީ ބޮޑު، ލަފާފުރުމާއި ބިމުގެ ގޮތުން ތަނަވަސް ފަސޭހަ ރަށްރަށަށް ބަދަލުކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، ށ. ފިރުނބައިދޫގެ ރައްޔިތުން، ށ. ފުނަދުއަށް ބަދަލުކުރެއްވުމާއި، ށ. މާކަނޑޫދޫގެ ރައްޔިތުން، ށ. މިލަންދުއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ހިމެނެއެވެ. މީގެތެރެއިން، ށ. މާކަނޑޫދޫގެ ރައްޔިތުން ބަދަލުކުރެއްވި ށ. މިލަންދުއަކީ، ފަޅު ރަށެއްގެ ގޮތުގައި އޮތް ރަށެއްކަމުން، އެރަށުގައި މީހުން އާބާދު ކުރެއްވުމަށްޓަކައި، ގިނަގުނަ ޚިދުމަތްތަކެއް އެރަށުގައި ގާއިމު ކުރައްވަން ޖެހިވަޑައިގަތެވެ. މިދެންނެވި މަސައްކަތްތަކުގެ އަދި ށ.އަތޮޅު މިހާރު މިދެކޭ ތަރައްޤީގެ ބިންގާ އަޅުއްވައިދެއްވި އެންމެ އިސް މޭސްތިރިއަކީ، އަލްމަރްޙޫމް މޫސާ ރަމީޒުކަން ފާހަގަކޮށްލަން ޖެހެއެވެ.

އަލްމަރްޙޫމް މޫސާ ރަމީޒު ވަނީ، ފުވައްމުލަކު އަތޮޅުވެރިކަންވެސް ކުރައްވައިފައެވެ. ފުވައްމުލަކު އަތޮޅުވެރިކަމުގެ މަގާމުގައި ހުންނަވައިގެންވެސް ކުރެއްވީ، ފުވައްމުލަކުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވައި ހިންގެވި ކަންތައްތަކެވެ. އެކި އަތޮޅުތަކުގެ އަތޮޅުވެރިކަން ކުރެއްވުމުގެ އިތުރުން، އަލްމަރްޙޫމް މޫސާ ރަމީޒު ވަނީ، ބައެއް އަތޮޅުތައް ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެވަޑައިގެން އެ އަތޮޅުތަކުގައިވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. އޭގެތެރޭގައި، މ. އަތޮޅުއޮފީހާއި، ރ. އަތޮޅުއޮފީހާއި، ބ. އަތޮޅުއޮފީހާއި، ސ. އަތޮޅުއޮފީސް ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ޚިދުމަތް ކުރައްވަމުން ގެންދެވިއިރު ކުރައްވައިފައިވަނީ، އަތޮޅުތައް ތަރައްޤީކުރެއްވުމާ ގުޅުންހުރި މަސައްކަތްތަކެވެ.

އަލްމަރްޙޫމް މޫސާ ރަމީޒު ވަނީ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ށ. އަތޮޅުގެ މެންބަރުކަން ކުރައްވައި، ޤާނޫނުއަސާސީ އެކުލަވައިލެއްވުމުގެ މުހިންމު މަސައްކަތުގައިވެސް ބައިވެރިވެވަޑައިގެން އަތޮޅު ތަމްސީލު ކުރައްވައިފައެވެ.

އަލްމަރްޙޫމް މޫސާ ރަމީޒު، ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ފާހަގަކުރެވިފައި ވަނީ، ހީވާގިކަމާއި، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރެއްވި، އެކުގައި މަސައްކަތް ކުރެއްވި މުވައްޒަފުންނަށް ރަނގަޅު މަގުދައްކަވައިދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި ވަޒީފާ އަދާކުރެއްވުމުގައި މުވައްޒަފުން ޢަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

އަލްމަރްޙޫމް މޫސާ ރަމީޒު، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 2026 އެޕްރީލު 5 ވީ އާދިއްތަ ދުވަހުއެވެ. މާތް ﷲ މަރްޙޫމްގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ! އާމީން