އަލްފާޟިލް ޢަލީ ވަޙީދު އިބްރާހީމް
މއ. ބްލޫކޯރަލް

ޢަލީ ވަޙީދު އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 18 އެޕްރީލު 1965 ގައެވެ. ފުރަތަމަ އަދާކުރެއްވީ ސ. ބޮޑު އިސްޓޯރުގެ ވަގުތީ 2 ނަންބަރު ކާތިބުގެ ވަޒީފާއެވެ. އޭގެފަހުން ފައިސާ ބަލަހައްޓާ (ވަގުތީ) 2 ނަންބަރު ކާތިބުކަމާއި، ފައިސާ ބަލަހައްޓާ 1 ނަންބަރު ކާތިބުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި އެމް.ޖީ.ބީ.އެސް.ގެ އަތިރީ މާފަންނުގޭ ވިޔަފާރި މެނޭޖަރު ކަމާއި، އިލެކްޝަންސް ޑިވިޜަނުގެ 2 ނަންބަރު ކާތިބު ކަމާއި، އޮޑިޓް އޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، 1 ނަންބަރު ކާތިބު ކަމާއި، އެސިސްޓެންޓް އެކައުންޓެންޓުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމާއި، ސީނިއަރ އޮޑިޓް އެކައުންޓެންޓުގެ މަގާމާއި، އެސިސްޓެންޓް އޮޑިޓަރގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ އޮފް އޮޑިޓުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ އޮފް އޮޑިޓުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މީގެއިތުރުންވެސް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމާއި، ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައިވެއެވެ. ރިޓަޔަރ ކުރެއްވިއިރު، ޢަލީ ވަޙީދު އިބްރާހީމް ހުންނެވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައެވެ.

ޢަލީ ވަޙީދު އިބްރާހީމްގެ ޚިދުމަތް ފުރަތަމަ ފެށްޓެވީ ބޮޑު އިސްޓޯރުގައި ކަމަށްވުމުން، ސ. ބޮޑު އިސްޓޯރުގައި ޚިދުމަތް ކުރެއްވިއިރު، ސ. ބޮޑު އިސްޓޯރަށް އެކި ފަރާތްތަކުން ދައްކާ ފައިސާ ބަލައިގެންނެވުމާއި، އެކަމާބެހޭ ހިސާބުތައް ދުވަހުން ދުވަހަށް ތައްޔާރުކުރައްވައި ނިންމެވުމުގެ މަސައްކަތް ވަނީ ކުރައްވައިފައެވެ. ފައިސާ ގުނާ މެޝިނެއް އޭރު ނުހުންނާތީ، ފައިސާ ބަލައިގަންނަނީ އަތުން ގުނައިގެންނެވެ. އެއަށްފަހު، އެމް.ޖީ.ބީ.އެސް.ގެ އަތިރިމާފަންނުގޭ ވިޔަފާރި މެނޭޖަރުކަމުގައި ހުންނެވިއިރު، މުދާގަނެ، ވިއްކުމާގުޅޭ ކަންކަން ހިމެނޭގޮތުން މެނޭޖަރު ކަމުގެ ޒިންމާ އަދާކުރައްވައިފައިވެއެވެ. އެ ޒިންމާ އަދާކުރެއްވިއިރުގައި، މަހަކު ވަކި އަދަދަކަށްވުރެ މަދުނުވާވަރަށް ފައިސާޖަމާ ކުރައްވަން ޖެހެއެވެ. ޢަލީ ވަޙީދު އިބްރާހީމް، އިލެކްޝަންސް ޑިވިޜަންގެ 2 ނަންބަރު ކާތިބުކަމުގެ މަގާމުގައި ހުންނެވިއިރު ޑިސްޕެޗްގެ ކަންތައް ބަލަހައްޓަވައިފައިވެއެވެ.

ޢަލީ ވަޙީދު އިބްރާހީމް ވަނީ އޮޑިޓް އޮފީހުގައި ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި އެ އޮފީހުން ހިންގެވި އެކައުންޓެންސީ ކޯހާއި، އެކައުންޓެންޓް ކަމުގެ ކޯހާއި، އޮޑިޓިންގ ކޯސް ފުރިހަމަކުރައްވައިފައެވެ. މި ތަމްރީނުތައް ފުރިހަމަކުރައްވައި ޢަލީ ވަޙީދު އިބްރާހީމް ވަނީ، ދައުލަތުގެ އެކިއެކި އިދާރާތަކާއި އަތޮޅުތެރޭގެ އޮފީސްތަކާއި ހޯކޯމާރު ބޯޓުފަހަރުވެސް އޮޑިޓް ކުރެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ. އޮޑިޓް އޮފީހުގެ މަސައްކަތަށް އައި ބަދަލާއެކު އެ އޮފީހުގައި ބަޖެޓް ކޮންޓްރޯލް އެންޑް މޮނިޓަރިންގ ޔުނިޓް އުފެއްދެވުމާ ގުޅިގެން، ޢަލީ ވަޙީދު އިބްރާހީމް އެ ޔުނިޓަށް ބަދަލުވެވަޑައިގެން، ދައުލަތުގެ ބަޖެޓް ކޮންޓްރޯލްކުރުމަށް ވަކި ޚާއްޞަ އެކައުންޓުތަކެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ހުޅުވުމާ ގުޅިގެން، އެ އެކައުންޓުތަކަށް އޮފީސްތަކުގެ ބަޖެޓުން ފައިސާ އުނިކޮށް، ޖަމާކުރުމާއި ދޫކުރުމުގެ މަސައްކަތްތައް ވަނީ ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ހެނދުނު އޮފީހަށް ވަޑައިގަންނަވާއިރު އެމަނިކުފާނަށް ފެނިވަޑައިގަންނަވާނެހެން، ފާއިތުވި ދުވަހު ދައުލަތަށް ލިބުނު ފައިސާއާއި ޚަރަދުކުރެވުނު ފައިސާގެ ޕްލަސްއާއި، ސަރޕްލަސް ހިސާބު ތައްޔާރުކުރައްވައި މޭޒުކޮޅުމަތީގައި ބޭއްވުމަށްޓަކައި އެހިސާބުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވުމަށް ކުރައްވަންޖެހޭ އެންމެހައި ކަންކަން ވަރަށް ފަރުވާތެރިކަމާއި، ހީވާގިކަމާއެކުގައި ޢަލީ ވަޙީދު އިބްރާހީމް ވަނީ ކުރައްވައިފައެވެ. މީގެ އިތުރުން، އޮޑިޓް އޮފީސް ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ހަވާލު ކުރެއްވުމާ ގުޅިގެން ދައުލަތުގެ ޚަޒާނާ ހުޅުވުމުގެ މަސައްކަތާއި، ސަރުކާރު އޮފީސްތަކުގެ އެކައުންޓުތައް ހުޅުވުމާއި ބަންދުކުރުމުގެ މަސައްކަތްތައްވެސް ޢަލީ ވަޙީދު ވަނީ ކުރައްވާފައެވެ.

ޢަލީ ވަޙީދު އިބްރާހީމް، ދިވެހި ދައުލަތަށް 41 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު، ރިޓަޔަރ ކުރެއްވީ 2009 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 3ވަނަ ދުވަހުއެވެ.