އަލްފާޟިލް ޢަބްދުﷲ ވަޙީދު
ގުލޭޗަންޕާގެ، ލ. މާމެންދޫ

ޢަބްދުﷲ ވަޙީދު، ދިވެހި ދައުލަތަށް އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ މާލިއްޔާ (ށ)ގެ ލ. މާމެންދޫ މުދިމުގެ މަގާމުގައެވެ. އެއީ، 30 އޮގަސްޓް 1960 ގައެވެ. 5 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ ވަޒީފާ އަދާކުރެއްވުމަށްފަހު، ވަޒީފާއިން ވަކިވެވަޑައިގެން 30 މާރިޗު 1972 ގައި، ލ. މާމެންދޫ ކުޑަކަތީބުގެ މަގާމު އަދާކުރައްވަން ފެށްޓެވިއެވެ. އޭގެ ފަހުން، މާމެންދޫ ކަތީބުކަމުގެ މަގާމު އަދާކުރެއްވިއެވެ. އަދި ކުޑަކަތީބުކަމުގެ މަގާމާއި، ކަތީބުކަމުގެ މަގާމު އެކިފަހަރުމަތީން އެކި ދުވަސްވަރު އަދާކުރައްވައިފައި ވެއެވެ. ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމަށްފަހު، 12 މޭ 2009 ގައި މަގާމުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ލ. އަތޮޅުއޮފީހުގެ ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަގާމުގައެވެ.

ދައުލަތުގެ ޚިދުމަތުގައި ޢަބްދުﷲ ވަޙީދު ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ރަށުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދެވި ގިނަގުނަ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގެން، އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. އެގޮތުން، ރަށުގެ ކާޑުގެއާ ހަވާލުވެވަޑައިގެން އެތަނުގައި ކުރަންޖެހުނު އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ޚިދުމަތްކުރައްވައި، ރަށުގެ ރަށްވެހިގެ މަރާމާތުކުރުމާއި، އެތަން ބެލެހެއްޓެވުމުގައިވެސް ޢަމަލީ ގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ. ރަށުގައި އެންމެ ފުރަތަމަ އިންޖީނުގެއެއް އިމާރާތްކޮށް ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައްޔާއި، ސަރުކާރުގެ އެހީއާ އެކުގައި ރަށުގައި މިސްކިތަކާއި އޮފީހެއް އިމާރާތްކުރުމާއި، ސަރުކާރުން އޭރު ކުރިޔަށް ގެންދެވި ބޯފެން ރައްކާކުރުމުގެ މަޝްރޫޢުގެ ތެރެއިން ރަށުގެ އެކިއެކި ސަރަހައްދުތަކުގައި 8 ފެންތާނގީ ހަދައި، ބެހެއްޓުމުގެ މަސައްކަތުގައި ޢަބްދުﷲ ވަޙީދުގެ ދައުރު ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުރުން، ރަށުގެ އަންހެނުންގެ ނަމުގައި ގެސްޓު ހައުސްއެއް އިމާރާތްކޮށް، އެތަނުން އާމްދަނީ ލިބޭނޭގޮތް ފަހިކޮށްދިނުމުގައްޔާއި، ރަށުގެ އިރުމަތީ ފަރާތުގައި އަންހެނުންނަށް ޚާއްޞަ މިސްކިތެއް އިމާރާތްކުރުމާއި، ރަށުގައި ފުރަތަމަ ފަހަރަށް ސްކޫލެއް އިމާރާތްކޮށް ކިޔަވައިދޭން ފެށިގެން ދިޔުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރެވިފައިވާ އެކިއެކި ކަންކަމުގައިވެސް ޢަބްދުﷲ ވަޙީދު ކޮށްދެއްވައިފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އޭގެތެރޭގައި ސްކޫލު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވައި، ރަށުގެ ކުދިންނަށް މުދައްރިސް ކަމުގެ ރޮނގުން ތަމްރީނުވުމުގެ ފުރުސަތު ހޯއްދަވައިދެއްވައި، ރަށުގައި އެންމެ ފުރަތަމަ ފުޓުބޯޅަ ދަނޑެއް ތައްޔާރު ކުރުމުގައި އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ސްކޫލުގައި ކިޔަވައި ދެއްވައި، އިމާމުވެ ހުކުރު ނަމާދާއި، ޢީދު ނަމާދު ކުރެއްވުމާއި، ކަށުކަމާކެމީގެ ކަންކަންވެސް ކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ވަޙީދު ވަނީ، އެމް.ޓީ.ސީ.ސީ.އާ ގުޅިގެން ރަށުން ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވައި، އެސް.ޓީ.އޯ.ގެ ފަރާތުން ހުޅިމެންދޫގައި ތެޔޮ ވިއްކުމުގެ މަސައްކަތް ކުރިއިރު އެރަށުގައި އިސްވެރިއެއްގެ ގޮތުން މަސައްކަތް ކުރައްވައިފައެވެ.

ޢަބްދުﷲ ވަޙީދު، ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، ރަށުގެ ރައްޔިތުންނާ ގުޅުންހުރި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އޭގެތެރޭގައި، ރަށުގެ ގަބުރުސްތާނާއި، ފުޓުބޯޅަ ދަނޑާއި، ބަށި ކޯޓާއި، ރަށުގެ އިޖުތިމާޢީ ސަރަހައްދުތަކާއި، ރަށުއޮފީހުގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ސާފުކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، އެކަންކަން ބެލެހެއްޓެވުން ހިމެނެއެވެ. އަދި ރަށުގެ މަގުތަކާއި އަތިރިމަތީގައި މަގުބައްތި ޖެހުމާއި، މަގުތައް ސާފުކޮށް ރަށުތެރެ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސަވައި، ސަރުކާރުން ރަށާއި އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަވާ ކޮންމެ ހަރަކާތެއް ވިލަރެސްކުރައްވައި، އެ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ރ.ކ. ކޮމިޓީގައި، އިސްކޮށް ހުންނަވައިގެންވެސް ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ޢަބްދުﷲ ވަޙީދު ވަނީ، ހިންގުންތެރިކަމުގެ ދާއިރާގެ ކޯސްތަކާއި، އެކިއެކި ތަމްރީނުތަކާއި، މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ތަޖުރިބާތައް ހޯއްދަވައިފައެވެ.

ޢަބްދުﷲ ވަޙީދު ފާހަގަ ކުރެވެނީ، ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި މަސައްކަތް ކުރެއްވި، ގަޑިއަށް ފަރުވާތެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި ކަންކަން ނިންމެވުމުގައި، ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކާއި އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިއްތެވި ބޭފުޅެއްގެ ގޮތުގައެވެ. ރަށުގެ ތަރައްޤީއަށް ނިންމޭ ކޮންމެ ކަމެއްގައި ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން މަސައްކަތް ކުރެއްވި، ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.