މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް
ފީރޯޒުގެ، ށ. މާއުނގޫދޫ

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 24 މާރިޗު 1970 ގައި، ށ. އަތޮޅު ކޯޓުގެ ވަގުތީ ޤާޟީކަމުގެ މަގާމުންނެވެ. މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމަކީ ދިވެހި ދައުލަތަށް، ޚާއްޞަކޮށް ޝަރުޢީ ދާއިރާއަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް، ޝަރުޢީ ދާއިރާގައި ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ށ. މާއުނގޫދޫ ކޯޓުގެ ޤާޟީކަމުގެ މަގާމާއި، މެޖިސްޓްރޭޓް ކަމުގެ މަގާމާއި، ސީނިއަރ މެޖިސްޓްރޭޓް ކަމުގެ މަގާމު ހިމެނެއެވެ. 1 މާރިޗު 2012 ގައި ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް، ފުރަތަމަ ޚިދުމަތް ކުރެއްވީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިވިޜަންތަކުގައެވެ. އެތަންތާނގައި ޝަރީޢަތްތައް ހިނގަމުން ދާއިރު ޝަރީޢަތުގެ މަޖިލީހުގައި ބައިވެރިވެވަޑައިގެން ބަޔާންތައް އަޑުއައްސަވައި، ޝަރީޢަތުން ނިންމަވައިފައިވާ މައްސަލަތައް ބައްލަވައި، މައުލޫމާތު ހޯއްދަވައި، އެތަންތަނުން ހަވާލުކުރާ ބައެއް ލިޔުންތައް ލިޔުއްވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި އަތޮޅަށް ވަޑައިގެން، އަތޮޅު ކޯޓާއި، އަތޮޅުގެ ހުރިހާ ރަށެއްގެ ނައިބު އޮފީހާއި، ރަށު ކޯޓުތަކާ ހަވާލުވެވަޑައިގެން އެތަންތަނަށް ހުށަހެޅިފައިވާ މައްސަލަތައް ބައްލަވައި، ކަމާގުޅޭ ލިޔުންތައް ލިޔުއްވައި މައްސަލަތައް ނިންމެވުމުގެ މަސައްކަތާއި، އެ ތަންތަނަށް ހުށަހެޅިފައި ހުންނަ ވަރި ކައިވެނީގެ މައްސަލަތައް ބައްލަވައި ނިންމަވައި، ލިޔުއްވަންޖެހޭ ލިޔެކިޔުންތައް ލިޔުއްވައި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، ސަރުކާރުން އަންގަވައިގެން، އަތޮޅުގެ ހުރިހާ ރަށެއްގެ ކާޑުގެތަކުގައި ހުރި މުދަލާއި، ރައްޔިތުންގެ އިމާރާތްތައް އަގުކުރުމުގެ މަސައްކަތް ކުރެއްވުމުގެ ގޮތުން އެރަށްރަށަށް ވަޑައިގެން، ލިޔުއްވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރައްވައި، އަގުކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ށ. ފިރުނބައިދޫ މީހުން ށ. ފުނަދުއަށް ބަދަލުކުރެއްވުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން އެރަށު މީހުންގެ ގެދޮރާއި އަމިއްލަ ރުއްގަސް އަގުކުރުމުގެ މަސައްކަތް ކުރުމަށް ހޮއްވެވި ކޮމިޓީގައިވެސް މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް ހިމެނިވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. މާއުނގޫދޫ ކޯޓު ފިޔަވައި، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވީ ށ. ފުނަދޫ ކޯޓުގައެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް ވަނީ ޝަރުޢީ ދާއިރާގެ އިތުރުން، ތަޢުލީމީ ދާއިރާއަށްވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވައިފައެވެ. އެގޮތުން، ޤާޟީކަމުގެ ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު އުފަން ރަށަށް ވަޑައިގެން "މަކްތަބުއްނޫރު"ގެ ނަމުގައި މަކުތަބެއް ރަޖިސްޓަރީ ކުރައްވައި، ހިލޭ ސާބަހަށް ކުދިންނަށް ކިޔަވައިދެއްވަން ފެށްޓެވިއެވެ. އަދި މަކްތަބުގެ ނަން، މާއުނގޫދޫ ސްކޫލުގެ ނަމަށް ބަދަލުވުމަށްފަހުގައިވެސް، 25 އަހަރު ވަންދެން އެ ސްކޫލުގެ ނާޒިރެއްގެ ގޮތުގައްޔާއި ކިޔަވައިދެއްވުމުގައި ހިލޭ ސާބަހަށް ޚިދުމަތް ކުރެއްވިއެވެ. މީގެ އިތުރުން، އަމިއްލަފުޅު ގޭގައި ކުޑަކުދިންނަށް ހިލޭ އަކުރު އުގަންނައިދެއްވުމުގައްޔާއި، ޤުރްއާން ކިޔަވައިދެއްވައި ޚަތިމްކޮށްދެއްވުމުގައްޔާއި، އަދި ބޮޑެތި މީހުންނަށް ހިސާބު ޢިލްމު އުނގަންނައި ދެއްވުމުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސަރުކާރުން ކުރިއަށްގެންދެވި، އަސާސީ ތަޢުލީމުގެ މަޝްރޫއުގެ ދަށުން އެކި އުމުރުފުރާތަކުގެ މީހުންނަށް އުނގަންނައިދިނުމުގެ މަސައްކަތްވެސް މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް ކުރައްވައިފައި ވެއެވެ. އަދި ފުނަދޫގައި މަސައްކަތްކުރެއްވި ދުވަސްވަރު އެރަށު ސްކޫލުގައި ކިޔަވައިދެއްވުމުގެ އިތުރުން، އެކި ކުދިންނަށް ކިޔަވައިދެއްވުމަށް އެގޭގެއަށް ވަޑައިގެން އެއްވެސް އުޖޫރައެއް ނުނަންގަވައި ކިޔަވައިދެއްވިއެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް، މާއުނގޫދޫގެ އިޖުތިމާޢީ ތަރައްޤީއަށްޓަކައި ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން، 1983ވަނަ އަހަރު މާއުނގޫދުއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްނަންގަވައިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި ރަށުއޮފީހާއި، އަތޮޅުއޮފީހާއި، އަތޮޅު ކޮމިޓީއަށް އެކި ދުވަސްވަރު އެކި މުއްދަތުތަކަށް ކާތިބެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވައި އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، ރަށް ކުރިއަރުވާ ކޮމިޓީއާއި، އަތޮޅު ކުރިއަރުވާ ކޮމިޓީގައިވެސް މުޙައްމަދު އާދަމް ވަނީ ޚިދުމަތްކުރައްވައިފައެވެ. އަދި، ރަށުގެ އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށްޓަކައި ކުރިއަށް ގެންދެވުނު ކުޅިވަރާއި، މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގައިވެސް މުޙައްމަދު އާދަމް، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން، ސަގާފީ ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް ވަނީ، ކިޔަވައިދިނުމުގެ ދާއިރާއާގުޅޭ ސަނަދުތަކާއި، ވެރިކަމުގެ ދާއިރާއާގުޅޭ ވަރަށް ގިނަ ސަނަދުތައްވެސް ހާސިލުކުރައްވައިފައެވެ.

މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު މުޙައްމަދު އާދަމް ފާހަގަކުރެވެނީ، ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ނަމޫނާ ޝަޚުޞިއްޔަތެއްގެ ގޮތުގައެވެ. އަދި ދައުލަތަށާއި ސަރުކާރަށް ނުހަނު ވަފާތެރި، ޒިންމާދާރުކަމާ އެކުގައި ޚިދުމަތް ކުރެއްވި، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް މުރާލިކަމާއެކުގައި ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.