އަލްފާޟިލާ މަރްޔަމްމަނިކެ
މ. ސަމަރުބުލޫގެ

މަރްޔަމްމަނިކެ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 18 އޮކްޓޫބަރު 1979 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިނގިރޭސި ކާތިބާއެއްގެ މަގާމުގައެވެ. ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ޖަމާލުއްދީން ސްކޫލުގެ ސްކޫލް ކައުންސެލަރގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އަމީނިއްޔާ ސްކޫލުގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ޖަމާލުއްދީން ސްކޫލުގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ޓީޗަރ/ކައުންސެލަރގެ މަގާމާއި، ގްރެޖުއޭޓް ޓީޗަރުގެ މަގާމާއި، ކައުންސެލަރގެ މަގާމު އަދާކުރެއްވިއެވެ.

މަރްޔަމްމަނިކެ، ޕްރައިމަރީ ޓީޗަރެއްގެގޮތުން ފުރަތަމަ ޚިދުމަތް ކުރެއްވީ، އަމީނިއްޔާ ސްކޫލުގައެވެ. އޭގެފަހުން ޖަމާލުއްދީން ސްކޫލަށް ބަދަލުވެވަޑައިގެން، އެންމެ ގިނަދުވަހު ޚިދުމަތް ކުރެއްވީ ޖަމާލުއްދީން ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. އެ ސްކޫލުގެ ގްރޭޑް 1ން 5 އަށް ކިޔަވައި ދެއްވުމުގައެވެ. އޭގެތެރެއިން ގްރޭޑް 5 އަށް އެންމެ ގިނަދުވަހު ކިޔަވައިދެއްވީ، އިނގިރޭސި މީޑިއަމްގެ މާއްދާތަކެވެ. އޭރު ކިޔަވައިދެއްވީ، އެކި ދަރިވަރުންގެ މިޒާޖަށާއި، ހުނަރަށާއި، އެކި ދަރިވަރުންގެ ވިސްނުމަށް ބައްލަވައިގެންނެވެ. ތަފާތު ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރައްވައިގެން ތަޢުލީމު ދެއްވުމުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، މަރްޔަމްމަނިކެގެ ހިތްޕުޅުގައި އެކަމަށް އޮތް ލޯތްބާއި، ޝައުޤުވެރިކަމުގެ ބޮޑުކަމުންނެވެ. އަދި އެންމެބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަތީ، ދަރިވަރުންނަށްލިބޭ ކުރިއެރުމާއި ހެޔޮ ބަދަލު ފެނިވަޑައިގަތުމުން ކަމުގައި މަރްޔަމްމަނިކެ ފާހަގަކުރައްވައެވެ.

2001ވަނަ އަހަރު ފުރަތަމަ ޕެންޝަން ލިބިވަޑައިގެންނެވުމަށްފަހު، ޚިދުމަތުން ވަކިވެވަޑައިގެން، ގައިޑެންސް އަދި ކައުންސެލިންގގެ ރޮނގުން ތަޢުލީމު ހާސިލުކުރައްވައި، 2003ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން ގެންދެވީ، ޖަމާލުއްދީން ސްކޫލުގެ ކައުންސެލަރެއްގެ މަގާމުގައެވެ. އެ މުއްދަތުގެ ތެރޭގައި ސްކޫލުގެ މެނޭޖްމަންޓުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިއެވެ. ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރެއިން 36 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވީ، ޖަމާލުއްދީން ސްކޫލުގައެވެ. އެ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުންނާ ގުޅުންހުރި ހުރިހާކަމެއްގައި މަރްޔަމްމަނިކެ ވަރަށް ފުރިހަމައަށް އެއްބާރުލެއްވުން ދެއްވަމުން ގެންދެވިކަން ފާހަގަކޮށްލަން ޖެހެއެވެ. މަރްޔަމްމަނިކެ އިސްވެ ހުންނަވައިގެން ސްކޫލުގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދެވި ކަންތައްތަކުގެ ތެރޭގައި، ކުދިންނަށާއި ބެލެނިވެރިންނަށް، ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕުރޮގުރާމުތައް ރާއްވަވައި، ސެޝަންތައް ނަންގަވައި ދެއްވަމުން ގެންދެވުން ހިމެނެއެވެ. މީގެ އިތުރުން، ސްކޫލުގައި ހިންގާ ހުރިހާ ޕުރޮގުރާމުތަކެއްގައިވެސް މަރްޔަމްމަނިކެ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މަރްޔަމްމަނިކެ ވަނީ، ދާއިރާއާ ގުޅުންހުރި ތަމްރީނުތަކާއި، މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ތަމްރީނާއި ތަޖުރިބާ ހޯއްދަވައިފައެވެ. މަރިޔަމްމަނިކެ ފާހަގަކުރެވެނީ، ވަޒީފާ އަދާކުރެއްވުމުގައި ފަރުވާތެރިކަމާއެކުގައި މަސައްކަތް ކުރެއްވި އަދި މަސައްކަތަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، އަދި ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި، ހަމަޖެހިފައި އޮންނަ އުސޫލެއްގެ ތެރެއިން ވިސްނުންތެރިކަމާއި، ކެތްތެރިކަމާއެކުގައި، މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިވެސް މެއެވެ.

މަރްޔަމްމަނިކެ ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 17 ޖަނަވަރީ 2024 ގައެވެ.