އަލްފާޟިލް މުޙައްމަދު ނިޡާމް
އައްސޭރި، ގއ. ގެމަނަފުށި

މުޙައްމަދު ނިޡާމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 27 އެޕްރީލު 1982 ގައެވެ. ކަސްޓަމްސްގެ 2 ނަންބަރު ކާތިބު ކަމުގެ މަގާމުން ފެށިގެން ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ގއ. ގެމަނަފުށީ ކުޑަކަތީބު ކަމުގެ މަގާމާއި، ކަތީބު ކަމުގެ މަގާމާއި، ބޮޑުކަތީބު ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލުގެ އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކަމުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ.

މުޙައްމަދު ނިޡާމް އަދާކުރެއްވި މަގާމުތަކުގެ މަސްއޫލިއްޔަތުގެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، މުވައްޒަފުން ސުޕަވައިޒްކޮށް ބެލެހެއްޓެވުމާއި، ފުރިހަމަ އިންތިޒާމެއްގެ ދަށުން އިދާރީ މަސައްކަތްތައް ރާއްވަވައި ހިންގެވުމާއި، ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ އެކިއެކި މަސައްކަތްތައް، އިންތިޒާމުކޮށް ކުރުވުމުގައި، ރަށްކުރިއަރުވާ ކޮމިޓީގެ މަޝްވަރާއާ އެކުގައި ރާއްވަވައި، ހިންގަވައި ބެލެހެއްޓެވުން ހިމެނެއެވެ.

މުޙައްމަދު ނިޡާމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ފެންވަރު މަތިކުރުމުގެ ފުރުސަތުތައް ހޯއްދަވައިދެއްވައި، މުވައްޒަފުންގެ މެދުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމަށް އެކިއެކި ހަރަކާތްތައް ރާއްވަވައި ހިންގަވައިފައިވެއެވެ. އަދި ހަމައެހެންމެ، މުޙައްމަދު ނިޡާމްގެ ޙިކުމަތު ޢަމަލީއާއި، ހުނަރުވެރިކަމާއި އޯގާތެރި ހިތްހެޔޮ މިޒާޖުގެ ސަބަބުން، މަސައްކަތުގެ މާހައުލުގައި އިޚުލާޞްތެރިކަމާއި، ނަޒާހަތްތެރިކަން އެކުލެވި، މުވައްޒަފުންގެ އެއްބައިވަންތަކަން އައު ހަރުފަތަކަށް ގެންގޮސްދެއްވައިފައި ވެއެވެ.

ރަށްކުރިއަރުވާ ކޮމިޓީގެ ރައީސްކަމުގައްޔާއި، މެންބަރެއްގެ ގޮތުގައި މުޙައްމަދު ނިޡާމް ހުންނަވައިގެން ރައްޔިތުންގެ ބައިވެރިވުމާއެކުގައި ރަށުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކުރެވުނު އެކިއެކި މަސައްކަތްތައް އިންތިޒާމު ކުރައްވައި ހިންގަވައިފައި ވެއެވެ. އަދި އަތޮޅު ކުރިއަރުވާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެންވެސް އަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ރައްޔިތުން ކުރާ މަސައްކަތްތައް ކުރިއަށްގެންދާގޮތް އެ ރަށްރަށުގައި ހުންނަވައިގެންވެސް ބަލަހައްޓަވައިފައި ވެއެވެ.

މުޙައްމަދު ނިޡާމް ވަނީ، 13 އަހަރަށްވުރެ ގިނަދުވަސްވަންދެން، ގެމަނަފުށީ ސްކޫލުގެ ނާޒިރެއްގެ ގޮތުގައި ހުންނަވައިގެން، މުދައްރިސުންގެ އެހީތެރިކަމާއެކުގައި، ރަށުގައި ތަޢުލީމީ ޖީލެއް ބިނާކުރެއްވުމުގެ މަސައްކަތްތައްވެސް ކުރައްވައިފައެވެ. އަދި ހަމައެހެންމެ، ރައްޔިތުން ހިއްސާވާ ސްކޫލެއްގެ ގޮތުގައި ސްކޫލް އޮތްއިރު، ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ރައްޔިތުންނާއެކުގައި ލާމަސީލު މަސައްކަތްތަކެއް ކުރުވުމުގެ މޭސްތިރިއެއްގެ ގޮތުގައިވެސް ހުންނެވީ މުޙައްމަދު ނިޡާމެވެ. އެކިއެކި ކަންކަމުގައި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އެހީތެރިކަން ހޯއްދެވުމާއި، ރައްޔިތުން ބައިވެރިކުރެއްވުމާއި، އިދާރީ ކަންކަން އިންތިޒާމު ކުރެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

މުޙައްމަދު ނިޡާމްގެ ޚިދުމަތްތަކުގެ ތެރޭގައި، ޝަރުޢީ މައުޛޫނުކަމާއި، އިމާމުވެ ހުކުރު ނަމާދު ކުރައްވާ ކަމާއި، ޖަމާޢަތްތެރިކަން ކުރެއްވުން ހިމެނެއެވެ. އިދާރީ ދެ މުވައްޒަފުންނާ އެކުގައި އޮފީސް ހިންގަވައި، ލިޔެކިޔުންތައް އަތުން ލިޔުއްވައި، މުވައްޒަފުންނަށް އެހީތެރިވެދެއްވައި، ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވެވަޑައިގެންފައިވެސް ވެއެވެ.

އުމުރުފުޅުން 65 އަހަރު ފުރުމާ ގުޅިގެން 9 އެޕްރީލު 2025ގައި މުޙައްމަދު ނިޡާމް ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު 41 އަހަރަށްވުރެ ގިނަދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި ރަށުގެ ރައްޔިތުންގެ އިތުބާރާއި ލޯބި ހޯއްދަވައިފައިވާކަމީ، މުޙައްމަދު ނިޡާމްގެ ހިތްޕުޅުގައި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމަށް އުފެދިފައިވާ ޝައުޤުވެރިކަމުގެ ސާބިތު ހެއްކެކެވެ.