އަލްފާޟިލް ޢަބްދުއްރަޙްމާން މުޙައްމަދު
މ. ކާނިމާގެ

ޢަބްދުއްރަޙްމާން މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 16 ފެބުރުވަރީ 1967 ގައި، ސިލޯނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މަސައްކަތު މީހެއްގެ ވަޒީފާއިންނެވެ. އެއީ، އުމުރުން 20 އަހަރުގައެވެ. އޭގެފަހުން، އެކިއެކި މަގާމުތަކުގައި ހުންނަވައިގެން 42 އަހަރުގެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޢަބްދުއްރަޙްމާން މުޙައްމަދުގެ ޚިދުމަތުގެ ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި ވަޒީފާތަކުގެ މަސްއޫލިއްޔަތުގެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޔޫ.އެން.ގައި ހުންނަ ދާއިމީ ވަކީލުގެ އޮފީހުގެ އެތެރޭގެ މަސައްކަތްތަކާއި، 1970ގެ އަހަރުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސާއި، ވަޒީރުލް އަޢުޡަމްގެ ރަސްމީ ގެކޮޅާއި، އަދި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުން ހިންގަވަމުން ގެންދެވި ބްލޫހެވަންގެ ކަންތައްތައް ބެލެހެއްޓެވުން ހިމެނެއެވެ. މީގެއިތުރުން، 1970އާއި 1980ގެ އަހަރުތަކުގެ ތެރޭގައި، ކޮންމެ ދެ އަހަރަކުން ބަދަލުވާ އުސޫލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައްޔާއި، ޔޫ.އެން.ގައި ހުންނަ ރާއްޖޭގެ ޕަރމަނަންޓް މިޝަންގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޢަބްދުއްރަޙްމާން މުޙައްމަދު ވަނީ، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ދިވެހިރާއްޖޭގެ އެމްބަސީ ފުރަތަމަ ގާއިމުކުރިއިރު އެތާނގައިވެސް ޚިދުމަތް ކުރައްވައިފައެވެ. ރާއްޖެއިން ބޭރުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަމީ، ކަންކަމަށް ލޯހުޅުވި، މަގުފަހިވެގެންދިޔަ ތަޖުރިބާއެއްކަމަށް ޢަބްދުއްރަޙްމާން މުޙައްމަދު ދެކެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ވަގުތީގޮތުން މުލީއާގެއަށް ބަދަލުވުމާއެކު ޢަބްދުއްރަޙްމާން މުޙައްމަދުގެ ވަޒީފާ، މުލީއާގެއަށް ބަދަލުކުރެއްވުމުން މުލީއާގޭގައްޔާއި، ފަހުން ރިޔާސީ ގަނޑުވަރުގައިވަނީ ޚިދުމަތް ކުރައްވައިފައެވެ.

ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ރަސްމީ ގެކޮޅުގައްޔާއި، ރިޔާސީ ގަނޑުވަރުގައި ޢަބްދުއްރަޙްމާން މުޙައްމަދު އެންމެ ގިނަދުވަހު ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ވަޒީރުލްއަޢުޡަމާއި، ރައީސުލްޖުމްހޫރިއްޔާގެ ފަރީއްކޮޅު ބެލެހެއްޓެވުމުގެ މަސައްކަތް ކަމުގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

ޢަބްދުއްރަޙްމާން މުޙައްމަދުގެ ޚިދުމަތުގެ ދިގު މުއްދަތުގައި ފާހަގަކުރެވެނީ، ކަމަށް ކަމޭހިއްތަވައިގެން، ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި، އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެއްވި ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.

2009 ފެބުރުވަރީ 15ގައި ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ޢަބްދުއްރަޙްމާން މުޙައްމަދު ހުންނެވީ، ރިޔާސީ ގަނޑުވަރުގެ ޖެނެރަލް ސަރވިސަސް ސުޕަވައިޒަރުގެ މަގާމުގައެވެ.