އަލްފާޟިލް ޢަބްދުﷲ ވަލީދު މޫސާ
ޢަބްދުﷲ ވަލީދު މޫސާ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 އެޕްރީލު 1974 ގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަގުތީ ޕިޔޯނެއްގެ މަގާމުންނެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގުމުއްދަތުގެ ތެރޭގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ޕިޔޯނުގެ މަގާމާއި، ކަސްޓަމްސްގެ ގާޑުގެ މަގާމާއި، އިންޖިނިއަރ/ މާލިމީގެ މަގާމާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އިސް އިންޖިނިއަރ/ މާލިމީގެ މަގާމު ހިމެނެއެވެ.
ޢަބްދުﷲ ވަލީދު މޫސާ، ކަސްޓަމްސްގެ ޓްރާންސްޕޯޓް އެންޑް މެއިންޓެނަންސް ސެކްޝަންގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ލޯންޗު ފަހަރު ދޮވެ ސާފުކުރެއްވުމާއި، ދިޔަހިއްކުމާއި، ފެހިކެހުމުގެ މަސައްކަތް ފަޅުވެރިން ލައްވައި ކުރުވުމާއި، ޢަމަލީ ގޮތުން އެ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. އަދި، ކުރާ ދަތުރުތަކުގެ ރެކޯޑު ބެލެހެއްޓެވުމާއި، ދަތުރުތަކަށް ދަތިނުވާނެގޮތަށް ލޯންޗު ފަހަރަށް ބޭނުންވާ އެންމެހައި ތަކެތި ހޯއްދެވުމާއި، މަރާމާތުކުރުމުގެ ކަންކަން ރާއްވަވައި ހިންގެވުންވެސް ހިމެނެއެވެ. މީގެ އިތުރުން، ދަތުރުތަކާ ބެހޭގޮތުން އިތުރަށް ފުރިހަމަކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ކުރައްވަމުން ގެންދެވިއެވެ. އަދި، ހުއްދަތައް އައުކުރެއްވުމާއި، ގަވާއިދުން އަހަރީ ފީ ދެއްކުންފަދަ ކަންކަން ފުރިހަމަކުރަމުން ގެންދާކަން ކަށަވަރުކުރެއްވުމާއި، ލޯންޗު ފަހަރުގައި ހުންނަންޖެހޭ އެކިއެކި ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓެވުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. ހަމައެހެންމެ، ފަޅުވެރިންނާއި އޮފިސަރުންގެ ޑިއުޓީ، މަސައްކަތްތަކަށް އެންމެ ފަހިވާގޮތަށް ބައްލަވައިގެން ރާއްވަވައި، އޮފިސަރުން ސުޕަވައިޒް ކުރައްވައިފައި ވެއެވެ.
ޢަބްދުﷲ ވަލީދު މޫސާ، ކަސްޓަމްސްގެ ލޮޖިސްޓިކް ސެކްޝަންގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، އެ ސެކްޝަނުގެ ބެލުމުގެ ދަށުގައިވާ އުޅަނދު ފަހަރު، ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ގަވާއިދުތަކާ އެއްގޮތަށް ދުއްވުމާއި، އުޅަނދު ފަހަރު ސާފުކުރުމުގެ މަސައްކަތް، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިއަށްދޭތޯއާއި، ސަލާމަތީ އާލާތްތަކާއި، ހުއްދަތައް ހަމައަށް ހުރިތޯ ޔަގީން ކުރައްވަމުން ގެންދެވިއެވެ. މީގެ އިތުރުން، މޫސުމީ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް ދުރާލައި ރާއްވަވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފައިވޭތޯވެސް ކަށަވަރު ކުރައްވަމުން ގެންދެވިއެވެ. އުޅަނދުފަހަރަށް ކުރިމަތިވާ އެކިއެކި މައްސަލަތަކާއި، ރޭވިފައިވާ ދަތުރުތަކުގެ މައުލޫމާތުތައް، ޑިއުޓީއާ ހަވާލުވާ އޮފިސަރުންނަށް އެންގެވުމާއެކު، ޝިފްޓް ހޭންޑްއޯވަރ ފޮތުގައި ލިޔުއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި ސެކްޝަންގެ ވެހިކަލްތަކާއި އުޅަނދުފަހަރުގެ ދަތުރު ލޮގް ޝީޓްތަކާއި، ޔައުމިއްޔާއާއި، ހާޒިރީ ޝީޓްތައް ފަދަ ލިޔެކިޔުންތައް އަދާހަމަކުރައްވަމުން ގެންދެވިއެވެ.
ކަސްޓަމްސްއިން ބާއްވަވައިފައިވާ ޚާއްޞަ ޙަފުލާތަކުގެ އިތުރުން، ތަފާތު ތަމްރީނު ޕުރޮގުރާމުތަކުގައިވެސް ޢަބްދުﷲ ވަލީދު މޫސާ ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެތެރޭގައި، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްގެ ފަރާތުން ހިންގެވި ޕަރސަނަލް ސަވައިވަލް ޓެކްނީކްސް ތަމްރީނު ޕުރޮގުރާމާއި، ފަޔަރ ޕްރިވެންޝަން އެންޑް ފަޔަރ ފައިޓިންގ އަދި ޕަރސަނަލް ސޭފްޓީ އެންޑް ސޯޝަލް ރެސްޕޮންސިބިލިޓީސް ތަމްރީނު ޕުރޮގުރާމު ހިމެނެއެވެ.
ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ އިތުރުން، ޢަބްދުﷲ ވަލީދު މޫސާ ވަނީ އޮފީހުގެ އިޖުތިމާޢީ ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، އޮފީހުން ތައްޔާރުކުރި ޑްރާމާއެއް ކަމުގައިވާ "ކޭތަ" ޑްރާމާގައި ބައިވެރިވެވަޑައިގެން، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، ޢަބްދުﷲ ވަލީދު މޫސާއަކީ، ކަސްޓަމްސްއިން ތައްޔާރުކުރި މުނިފޫހިފިލުވުމުގެ ބައެއް ޕުރޮގުރާމުތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، ގިނަ ބައެއްގެ މަގުބޫލުކަން ހޯއްދަވައިފައި ބޭފުޅެކެވެ.
ޢަބްދުﷲ ވަލީދު މޫސާ، ދައުލަތަށް 42 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 1 އެޕްރީލު 2017 ގައެވެ. އޭރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމުގައެވެ.