އަލްފާޟިލާ މަރްޔަމް އަޙްމަދު
މަރްޔަމް އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 3 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ނަރސްގެ މަގާމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ނަރުސްކަމުގެ ތަފާތު މަގާމުތައް މަރްޔަމް އަޙްމަދު ވަނީ ފުރުއްވައިފައެވެ. މިގޮތުން 2 ނަންބަރު ނަރސްގެ މަގާމާއި، 1 ނަންބަރު ނަރސްގެ މަގާމާއި، އެސިސްޓެންޓް ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު މަސައްކަތް ކުރައްވަމުން ގެންދެވީ، އެންރޯލްޑް ނަރސްގެ މަގާމުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރ ޔުނިޓުގައެވެ.
މަރްޔަމް އަޙްމަދު، ޞިއްޙީ ދާއިރާގައި ނަރުހެއްގެ ހައިސިއްޔަތުން ހޮސްޕިޓަލުގައި ތަފާތު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމުގައި ހީވާގިކަމާއެކު ހަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ. އޭގެތެރޭގައި، ބަލިމީހުންގެ އީ.ސީ.ޖީ. ނަންގަވައިދެއްވުމާއި، ބޭސްއަޅާ ކޮޓަރިއާއި ވޯޑުތަކުގައި ތިބޭ ބަލިމީހުންގެ ކަންކަން ބެލެހެއްޓެވުމާއި، އެފަރާތްތަކަށް ނަރސިން ކެއަރ ފޯރުކޮށްދެއްވުމާއި، ޑޮކްޓަރުގެ ލަފާފުޅުގެ މަތިން ބަލިމީހުންނަށާއި ބަލިމީހުންގެ އެހީތެރިންނަށް ބައްޔާބެހޭ ގޮތުން އިރުޝާދު ދެއްވުމާއި، ބަލިމީހުންގެ ރެކޯޑާއި ރިޕޯޓު ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި، ވޯޑު ރައުންޑުތަކުގައި ޑޮކްޓަރުގެ އަރިހުގައި ބައިވެރިވެޑައިގެން، ޑޮކްޓަރުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލުކުރެއްވުމާއި، މަސައްކަތްކުރާ ސަރަހައްދުގެ ސާފުތާހިރުކަން ކަށަވަރު ކުރެއްވުމަށްޓަކައި އެކަމަށް ކަނޑައަޅައިފައިވާ މުވައްޒަފުންނަށް އިރުޝާދުދެއްވައި އެކަން ބެލެހެއްޓެވުމާއި، އިތުރު ފަރުވާއަށް ހަޔަރ ސެންޓަރުތަކަށް ފޮނުވާ ބަލިމީހުންގެ އެސްކޯޓް ނަރސްގެ ގޮތުގައި ބަލިމީހުންނާ އެކުގައި ދަތުރުކުރެއްވުމުގެ އިތުރުން، ރަށުން ބޭރުގައި ބޭއްވޭ އައުޓްރީޗް ޕުރޮގުރާމުތަކުގައި ޑޮކްޓަރުންގެ އަރިހުގައި ވަޑައިގެން ބަލިމީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުން ހިމެނެއެވެ.
މަރްޔަމް އަޙްމަދު، ނަރސިންގ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރައްވައިފައިވަނީ، އޮޕަރޭޝަން ތިއޭޓަރުގައި ޚިދުމަތް ކުރެއްވުމުގައެވެ. އެގޮތުން ނަރސިންގ ޚިދުމަތުގެ ތިރީހަކަށް އަހަރު އޮޕަރޭޝަން ތިއޭޓަރުގައި އެކިއެކި ޚިދުމަތްތައް ދެއްވުމުގައި ފަރުވާތެރިކަމާއެކުގައި ދެމިހުންނެވިއެވެ.
މަރްޔަމް އަޙްމަދަކީ، ކަމަށް ކަމޭހިއްތަވައިގެން، އިޚުލާޞްތެރިކަމާއި މުރާލިކަމާއެކުގައި ޚިދުމަތް ކުރެއްވި ނަމޫނާ ނަރުހެކެވެ. ހަވާލު ކުރެއްވި ކޮންމެ މަސްއޫލިއްޔަތެއްވެސް ޒިންމާދާރުކަމާއި ތެދުވެރިކަމާއެކުގައި ވަރަށް ފުރިހަމައަށް އަދާކުރެއްވި، ގަޑިނުޖެހި ބަރާބަރަށް ވަޒީފާއަށް ނުކުންނެވި، ހާޒިރީއަށް ފަރުވާތެރި މުވައްޒަފެކެވެ. މަރްޔަމް އަޙްމަދު، ބަލިމީހުންނަށް ނުހަނު ގާތުން އެހީތެރިކަމާއި އަޅައިލުން ފޯރުކޮށްދެއްވައިފައިވަނީ، ހިނިތުންވުމާއި ލޯތްބާއެކުގައެވެ.
ސާބިތުކަމާއެކު ދިގު މުއްދަތަކަށް ވަޒީފާގައި ދެމިހުންނަވައިފައިވާތީ، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން، ޚިދުމަތުގައި 30 އަހަރު ފުރިހަމަ ކުރައްވައިފައިވާ ނަރުހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ދެއްވާ އެވޯޑުވެސް 2022 ވަނަ އަހަރު، މަރްޔަމް އަޙްމަދު ވަނީ ހާސިލުކުރައްވައިފައެވެ.
މަރްޔަމް އަޙްމަދު 42 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހު، ވަޒީފާއިން ރިޓަޔަރ ކުރައްވައިފައި ވަނީ، 31 ޖަނަވަރީ 2026 ގައެވެ.