އަލްފާޟިލާ ޢާރިފާ މުޙައްމަދު
ޢާރިފާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުން ރަސްމީގޮތުން ފެށިގެންދިޔައީ 19 ފެބުރުވަރީ 1983ގައި، ޕެންޝަން އެންޑް ސޯޝަލް ވެލްފެއަރ ޑިވިޜަންގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމު ދެއްވި ހިސާބުންނެވެ. އޭގެފަހުން، ޅ. އަތޮޅުއޮފީހުގެ ވަގުތީ ކާތިބާ ކަމުގެ މަގާމާއި، 2 ނަންބަރު ކާތިބާ ކަމުގެ މަގާމާއި، ސީނިއަރ ކްލަރކް ކަމުގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމާއި، ސެކްރެޓެރީ ކަމުގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމާއި، ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމުގެ މަގާމާއި، އެސިސްޓެންޓް އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ކައުންސިލް އޮފިސަރު ކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އެސޯސިއޭޓް ކައުންސިލް އޮފިސަރު ކަމުގެ މަގާމުގައެވެ.
ޢާރިފާ މުޙައްމަދު ވަނީ، ސެންޓްރަލް ހޮސްޕިޓަލާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 2 ނަންބަރު ނަރސްގެ މަގާމުގައި ހުންނަވައިގެންވެސް ޚިދުމަތް ކުރައްވައިފައެވެ.
ޚިދުމަތުގެ މި ދިގު މުއްދަތުގެ ތެރޭގައި ޢާރިފާ މުޙައްމަދު، މައިގަނޑު ގޮތެއްގައި ކުރައްވައިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ޅ. އަތޮޅުގެ ރަށްރަށުން ގޯތި ދިނުމާ ބެހޭގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރެއްވުމާއި، ގޯތިގޯތީގެ ރަޖިސްޓަރީއާއި، އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހައްދަވައިދެއްވުމާއި، ސަރުކާރުގެ އެކި ފަރާތްތަކަށް ދޫކުރެވޭ ބިންބިމާއި، އަމިއްލަ ފަރާތްތަކަށް ދޫކުރެވޭ ބިންބިމާ ބެހޭ ކަންތައްތައް ބެލެހެއްޓެވުމާއި، ގޯތިގޯތީގެ އިމުގެ މައްސަލައާއި، ދަނޑުބިމާ ބެހޭ ކަންތައްތައް ބެލެހެއްޓެވުމާއި، އަތޮޅުގެ އެކި ސަރަހައްދު ތަކުގައި ގާއިމުކޮށްފައިވާ ދުރަށް އަލިފޮނުވައިދޭ ބައްތިތަކާއި، މަގުމަތި އަދި ނެރު ބައްތިތަކާއި، އޮއިވާލި ކަނދުފައްޗާއި، ރައްޔިތުންގެ ބޭނުމަށް ބޯފެން ރައްކާކުރާ ތާނގީތައް ބެލެހެއްޓެވުމާއި، ޅ. އަތޮޅުގެ ފަޅުރަށްތަކާ ބެހޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ.
މީގެއިތުރުން، އިޤުތިޞާދަށް އަންނަ ބަދަލުތައް ދެނެގަތުމުގެގޮތުން އަތޮޅު ފެންވަރުގައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، އަތޮޅުގެ ރައްޔިތުންނަށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރުމުގެ މަގުފަހިކޮށްދެއްވުމާއި، ސަރުކާރުން ލުއި ލޯނު ލިބޭނެމަގު ތަނަވަސްކޮށްދެއްވުމާއި، އަތޮޅު ކައުންސިލުން ކިޔާ ނީލަމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ބިޑް ޑޮކިއުމެންޓްތައް ތައްޔާރުކުރެއްވުމާއި، ބިޑް އިވެލުއޭޝަން ކޮމިޓީގެ އެހީގައި ބިޑުތައް އިވެލުއޭޓް ކުރެއްވުމާއި، ކައުންސިލް ބެލުމުގެ ދަށުގައި ހުންނަ އުޅަނދުފަހަރުގެ ޚިދުމަތްތައް ތަރައްޤީކޮށް އާމްދަނީ އިތުރުކުރެވޭނޭ ގޮތްތައް ރާއްވަވައި ބެލެހެއްޓެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، ތަރައްޤީގެ ޕްލޭނަށް ބޭނުންވާ ފަންޑު ހޯދުމަށް ހަދަންޖެހޭ ޕްރޮޖެކްޓް ޕްރޮޕޯޒަލް ތައްޔާރު ކުރެއްވުމާއި، ތަރައްޤީގެ ޕުރޮގުރާމުތަކާއި، އިޤްތިޞާދީ ތަރައްޤީއާގުޅޭ މަސައްކަތްތަކާއި، ކައުންސިލަށް އާމްދަނީ އިތުރު ކުރެވޭނޭ ގޮތްތައް ހޯދައި އާމްދަނީ އިތުރުކުރުމަށް ތަފާތު މަޝްރޫޢުތައް ރާވައި ހިންގެވުމާއި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީގެ ޕަރފޯމަންސް އިންޑެކްސްއާ ގުޅުންހުރި މަސައްކަތްތައްވެސް، ޢާރިފާ މުޙައްމަދު ކުރައްވައިފައި ވެއެވެ.
ޢާރިފާ މުޙައްމަދަކީ، މަސައްކަތްތައް ކުރިޔަށް ގެންދެވުމުގައި ތަޖުރިބާއާއި ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، ސުލޫކު ރަނގަޅު، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކުގައި، ކަމަށް ކަމޭހިއްތަވައިގެން، އޮފީހުގެ މަސައްކަތްތަކުގައި ރެއާއި ދުވާލު ގިނަ ވަގުތު ތަކުގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ. ހަމައެއާއެކު، ޢާރިފާ މުޙައްމަދަކީ، ވަޒީފާގެ ދިގު ޙަޔާތުގައި ލިބިވަޑައިގެންފައިވާ ޢިލްމާއި ހުނަރު، އެކުގައި މަސައްކަތް ކުރެއްވި ގިނަ މުވައްޒަފުންނަށް ފޯރުކޮށްދެއްވައިފައިވާ، ވަޒީފާ އަދާކުރެއްވި ކޮންމެ މުއައްސަސާއެއްގެ މުވައްޒަފުންނަށާއި، އެކުގައި މަސައްކަތް ކުރެއްވި މުވައްޒަފުންނަށް ނަމޫނާ ދައްކަވައިދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.
ޢާރިފާ މުޙައްމަދު، 22 ޖަނަވަރީ 2026 ގައި ރިޓަޔަރ ކުރެއްވިއިރު ވަނީ، 42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ޚިދުމަތް ކުރައްވައިފައެވެ.