އަލްފާޟިލާ އާމިނަތު ޢަލީ
އާމިނަތު ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 3 ނޮވެންބަރު 1982 ގައި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 2 ނަންބަރު ނަރުހެއްގެ މަގާމުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ސެންޓްރަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރސްގެ މަގާމާއި، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރސްގެ މަގާމާއި، ޖޫނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، އެސިސްޓެންޓް ނަރސްގެ މަގާމާއި، އެސިސްޓެންޓް ނަރސް މިޑްވައިފްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމު ހިމެނެއެވެ. ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އާމިނަތު ޢަލީ މިހާރު ހުންނެވީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްގެ މަގާމުގައެވެ.
އާމިނަތު ޢަލީ، ވަޒީފާއާ ފުރަތަމަ ގުޅިވަޑައިގެން މަގާމުގެ ހައިސިއްޔަތުން، ހޮސްޕިޓަލްގެ ތަފާތު ވޯޑުތަކުގައި ޚިދުމަތްކުރައްވައިފައިވެއެވެ. އެގޮތުން، ޖެނެރަލް ވޯޑާއި، ޕީޑިއެޓްރިކް ވޯޑާއި، އެން.އައި.ސީ.ޔޫ. ވޯޑާއި، ބޭބީ ނަރސަރީ ވޯޑާއި، ސަރޖިކަލް ވޯޑާއި، ގައިނީ ވޯޑާއި، ޑްރެސިންގ ރޫމާއި، ސަރޖިކަލް ރޫމުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އަތޮޅުތެރޭގައި ހިންގާ ވެކްސިންގ ކޭމްޕްތަކާއި، ބަލިހާލު ބޮޑުވުމުން އިތުރު ފަރުވާއަށް މާލެއަށް ގެންދަންޖެހޭ ބަލިމީހުން ގޮވައިގެން މާލެއަށް ގިނަ ދަތުރުތަކެއް ކުރައްވައިފައި ވެއެވެ. އާމިނަތު ޢަލީ އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައި ވަނީ، ގައިނީ ޑިޕާޓްމަންޓްގައެވެ. އެ ޑިޕާޓްމަންޓްގައި 31 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވައިފައި ވެއެވެ.
އާމިނަތު ޢަލީ ވަނީ، އެލައިޑް ހެލްތު ސަރވިސަސް ޓްރެއިނިންގ ސެންޓަރުން 1 ނަންބަރު ނަރސް ޓްރޭނިންގ އާއި 2 ނަންބަރު ނަރސް ޓްރެއިނިންގ ފުރިހަމަކުރައްވައި، އަދި އިންސްޓިޓިއުޓް އޮފް ހެލްތު ސައެންސަސް އިން، އޮގްޒިލަރީ ނަރސް މިޑްވައިފް ކޯސް ފުރިހަމަ ކުރައްވައިފައެވެ. އަދި ޞިއްޙީ ދާއިރާގެ ތަފާތު މަސައްކަތު ބައްދަލުވުންތަކާއި، ކޭމްޕްތަކާއި، ޓްރެއިނިންގ ޕުރޮގުރާމުތަކުގައި ބައިވެރިވެވަޑައިގެން ތަޖުރިބާ ހޯއްދަވައިފައި ވެއެވެ.
އާމިނަތު ޢަލީ ފާހަގަކުރެވެނީ، ކަމަށް ކަމޭހިއްތަވައިގެން، އިޚުލާޞްތެރިކަމާއި، މުރާލިކަމާއެކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ނަރުހެއްގެ ގޮތުގައެވެ. އަދި، ހަވާލުކުރެއްވި ކޮންމެ މަސްއޫލިޔަތެއް، ޒިންމާދާރުކަމާއެކުގައި އަދާކުރައްވަމުން ގެންދަވާ މުވައްޒަފެއްގެ ގޮތުގައެވެ. މީގެއިތުރުން، އާމިނަތު ޢަލީއަކީ، ދާއިރާއާ އަލަށް ގުޅިވަޑައިގަންނަވާ ނަރުހުންނަށް މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްދެއްވައި އަދި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.
އާމިނަތު ޢަލީއަކީ، ހާޒިރީއަށް ވަރަށް ފަރުވާތެރި މުވައްޒަފެއްކަމުން، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ އެޓެންޑެންސް އެވޯޑް އެތައް އަހަރަކު ހާސިލުކުރައްވައިފައިވާކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.