އަލްފާޟިލާ ޢާފިޔާ މޫސާ
ގ. ދަނބުކޮކާ

ޢާފިޔާ މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 5 ޑިސެންބަރު 1982ގައި، ކ. އަތޮޅުއޮފީހުގެ 2 ނަންބަރު ކާތިބުގެ މަގާމުގައެވެ. ދައުލަތުގެ ޚިދުމަތުގައި 42 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، މިހާތަނަށް އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ނޯދަން ރީޖަނަލް އޮފީހުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓުގެ ސީނިއަރ ސެކްރެޓެރީ ކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ސީނިއަރ ސެކްރެޓެރީ ކަމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ކަމާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު ހިމެނެއެވެ.

ސަރުކާރުގެ އެކިއެކި އިދާރާތަކުގައި ޢާފިޔާ މޫސާ ޚިދުމަތް ކުރައްވައިފައިވާއިރު، އަތޮޅުތަކާއި ރަށްރަށުގެ އެކައުންޓްތަކާއި ފައިސާއާއި، ގޮއިފާލައްބައާގުޅޭ ކަންތައްތައް ބެލެހެއްޓެވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އުތުރުގެ އަތޮޅުތަކުގެ އަތޮޅުއޮފީސްތަކާއި، ރަށްރަށުގެ ރަށުއޮފީސްތަކުގެ މުވައްޒަފުންނަށް ވަޒީފާ ދެއްވުމުންނާއި، ވަޒީފާއިން ވަކިކުރެއްވުމުންނާއި، މަގާމު ބަދަލުވުމުން، އެކަންކަން އަތޮޅުއޮފީސްތަކަށާއި، ރަށުއޮފީސްތަކަށް އެންގެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އެ އޮފީސްއޮފީހުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސެވުމުގެ މަސައްކަތާއި، އެ މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރު ކުރެއްވުމާއި، ވަޒީފާގެ ޗިޓު ހެއްދެވުންފަދަ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ޢާފިޔާ މޫސާ، މިހާރު ޚިދުމަތް ކުރައްވަމުން ގެންދަވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މޮސްކް މެނޭޖްމަންޓް ސެކްޝަނުގައެވެ. މިގޮތުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގައި ހުކުރު ކުރައްވާ ބޭފުޅުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތާއި، ވެރިންގެ ލަފާފުޅުގެ މަތިން ގްރޭޓަރ މާލޭ ސަރަޙައްދުގެ މިސްކިތް ތަކުގައި ހުކުރު ނަމާދާއި، ޢީދު ނަމާދު ކުރައްވާ ޚަޠީބުން ހަމަޖެއްސެވުމާއި، ތާވަލު ތައްޔާރު ކުރެއްވުމާއި، ޚުޠުބާ ހަވާލުކޮށްދެއްވުން ހިމެނެއެވެ. އަދި މާލޭގައި ހުކުރުކުރާ މިސްކިތްތަކުގެ ހުކުރު ނަމާދު ވަގުތު ނިމެންދެން، އެކަމުގައި ދިމާވެދާނެ ކަންކަމަށް ތައްޔާރުވެވަޑައިގެން ޢާފިޔާ އޮންކޯލުގައި އިންނަވަން ޖެހެއެވެ. އަދި، ތ. އަތޮޅުން ފެށިގެން އައްޑުއަތޮޅާ ދެމެދުގެ ރަށްރަށުގެ މިސްކިތްތައް މަރާމާތު ކުރުމާގުޅޭ މަސައްކަތްތަކާއި، އެ މިސްކިތްތަކުގެ އިމާމުންނާ ގުޅޭ މަސައްކަތްތައްވެސް ޢާފިޔާ މޫސާ ކުރައްވަމުން ގެންދަވައެވެ.

ޢާފިޔާ މޫސާއަކީ ހާޒިރީއަށް ފަރުވާތެރި، ޒިންމާދާރުކަމާ އެކުގައި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ މުވައްޒަފެކެވެ. އަދި ވަޒީފާ އަދާކުރުމުގައި ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ، މަސައްކަތް ކުރައްވާ މުއައްސަސާގެ މަގުސަދު ތަކާއި، ލަނޑުދަނޑިތައް ހާސިލު ކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދެއްވަމުން ގެންދަވާ މުވައްޒަފެއް މެއެވެ. ޢާފިޔާ މޫސާ މިހާރު ހުންނެވީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ މޮސްކް މެނޭޖްމަންޓް އޮފިސަރުގެ މަގާމުގައެވެ.

ޢާފިޔާ މޫސާއަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންފައިވަނީ 22 އޮކްޓޫބަރު 2003 ގައެވެ. ޢާފިޔާ މޫސާ ވަނީ 2019ވަނަ އަހަރު އެވިޑް ކޮލެޖުން، ޑިޕްލޮމާ އިން އޮފީސް މެނޭޖްމަންޓް ހާސިލު ކުރައްވައިފައެވެ. އަދި 2025ވަނަ އަހަރު އެންމެ ރަނގަޅު މުވައްޒަފުގެ އެވޯޑުވެސް ޢާފިޔާ މޫސާއަށް ލިބިވަޑައިގެންފައި ވެއެވެ.