ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް

         ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކަމްޕެނީއަކީ، ފާހަގަކުރެވޭފަދަ ގޮތަކަށް، ޝިޕިންގގެ ޚިދްމަތް ރާއްޖޭގައި ފޯރުވައިދެމުންގެންދާ ކުންފުންޏެކެވެ.

       ވިލާ ޝިޕިންގުން އާގުބޯޓުފަހަރު ދުއްވަންފެށީ، 1982 ވަނަ އަހަރުއެވެ. މިކުންފުނިން ފުރަތަމަ ދުއްވަންފެށީ، 375 ޓަނުގެ އާގުބޯޓެކެވެ. އޭގެފަހުން، މިވޭތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި މުދާއުފުލާ 10 ބޯޓާއި، 9 ތެޔޮޓޭންކަރާއި، ގޭސް ޓޭންކަރާއި، މަސްގަނެ ފިނިކުރާ 25 ބޯޓާއި، ރާއްޖެއިން ބޭރަށް މަސްއުފުލާ 3 ބޯޓާއި، ދެ ޓަގުބޯޓާއި، ލޭންޑިންގ ކްރާފްޓެއް، މި ކުންފުނީގެ ފްލީޓަށް އިތުރުކޮށްފައިވެއެވެ. 

      މި ކުންފުނީގެ އުޅަނދުފަހަރުގެ ތެރެއިން ކާގޯ އުފުލޭ ބޯޓުފަހަރުގެ ކެޕޭސިޓީއަކީ، 9000 ޓަނެވެ. ތެޔޮ ޓޭންކަރުގެ ކެޕޭސިޓީއަކީ، 3750 ޓަނެވެ. މަސްފިނިކުރާ ބޯޓުފަހަރުގެ ކެޕޭސިޓީއަކީ، 6100 ޓަނެވެ. މަސްގަންނަ ބޯޓުފަހަރުގެ ކެޕޭސިޓީއަކީ 5000 ޓަނެވެ.

      މި ކުންފުނީގެ ފްލީޓުގައިވާ ގޭސް ޓޭންކަރު ހިމެނިފައިވަނީ، ދުނިޔޭގައި ފުރަތަމަފަހަރަށް ގޭސް ޓޭންކަރެއްގައި ފުޅިއަށް ގޭސްއެޅުމުގެ ނިޒާމު ހަރުކޮށް، އެ މަސައްކަތްކުރާ އުޅަނދު ކަމުގައެވެ. ވިލާ ޝިޕިންގގެ ބޯޓުފަހަރުގަޔާއި އެހެނިހެން ޚިދްމަތްތަކުގައި، 350 އަށްވުރެގިނަ ދިވެހިން ވަޒީފާ އަދާކުރަމުން ގެންދެއެވެ.

       މި ކުންފުނީގެ ހިއްސާދާރުންނަކީ، މ. މާފަންނުވިލާ އަލްފާޟިލް ޤާސިމް އިބްރާހީމާއި، މ. މާފަންނުވިލާ އަލްފާޟިލާ ރާބިޢާ ޙުސައިނާއި، މ. މާފަންނުވިލާ އަލްފާޟިލާ ފާޠިމަތު ތަސްލީމާއެވެ.