އަލްފާޟިލް އިބްރާހީމް ޢަލީ
ގ.އެތުމާވިލާ

 

މިދާއިރާއަށް ވެދެވަޑައިގަތުމުގެ ޝައުޤުވެރިކަން އިބްރާހީމް ޢަލީގެ ހިތްޕުޅުގައި އުފެދުނީ، ޢުމުރުން 13 އަހަރުގައި، ވަރަށް ގާތް އަވަށްޓެރިއަކު ފެހުމުގެ މަސައްކަތް ކުރަމުން ގެންދިޔައިރު، އެމަސައްކަތް ވަރަށް ގާތުން ފެނިވަޑައިގެން، އެއީ ކުރެއްވިދާނެ މަސައްކަތެއްކަން ޤަބޫލުފުޅު ކުރެއްވިގެންނެވެ. ބުރުގާއާއި، ހެދުންފަދަ ތަކެތީގެ ބާކީ ފޮތިކޮޅުތައް ބޭނުންކުރައްވައިގެން، ތަފާތު ފަރުމާތަކަށް އެއްޗެހި ކަފާ ހައްދަވަން ފެށްޓެވި ހިސާބުންނެވެ.
 
ފެހުމުގެ މަސައްކަތް މަޑުމަޑުން ތަރައްޤީ ކުރައްވަމުން ގެންދަވާ ފެޝަން ޑިޒައިނިންގއާއި، ޑެކަރޭޓިވް އާޓްސްގެ ރޮނގުން ޕްރޮފެޝަނަލް މަސައްކަތްތަކެއް އިބްރާހީމް ޢަލީ ފެށްޓެވީ، 1996 ވަނަ އަހަރުއެވެ. މިއަދާ ހަމައަށް ތަފާތު އެތައް ޝޯތަކެއްގައި އިބްރާހީމް ޢަލީ ބައިވެރިވެވަޑައިގެން، އިބްރާހީމް ޢަލީގެ ފެއްސެވުމުގެ ހުނަރާއި، ފެޝަން ޑިޒައިނިންގއާއި، އާޓްގެ ހުނަރު ދައްކަވައިދެއްވާފައިވެއެވެ. މިގޮތުން 1997 ވަނައަހަރު ބޭއްވުނު [ފަރުމާ] ޝޯއާއި، 2001 ވަނަ އަހަރު ބޭއްވުނު [ނާޒިޔާސް ޑިޒައިން ވެއަރސް] އަދި 2007 ވަނަ އަހަރު "ނައިސް އިން އައިސް" އިން އިންތިޒާމުކުރި [ކޭކްސް އެންޑް ބްރައިޑަލް ވެއަރ] ޝޯގައި އިބްރާހީމް ޢަލީގެ ފަރުމާކުރުންތައް ދައްކަވާލައްވާފައިވެއެވެ. ހަމަ އެ އަހަރު ބޭއްވުނު [ރަންވޭ ފެޝަން] ޝޯގެ ބެސްޓް ޑްރެސްއަކަށް ހޮވުނީވެސް އިބްރާހީމް ޢަލީ ފަރުމާ ކުރެއްވި ހެދުމެވެ. މީގެއިތުރުން 2008 ވަނައަހަރު ބޭއްވުނު [ރަންވޭ] ޝޯގެ ބެސްޓް ޑްރެސްއަކަށްވެސް ހޮވުނީ، އުލާއި ސަމުސަލާއި އަދި ލަކުޑި ބޭނުންކުރައްވައިގެން، އިބްރާހީމް ޢަލީ ފަރުމާ ކުރެއްވި ހެދުމެވެ.
 
މިހާތަނަށް އިބްރާހީމް ޢަލީ ވަނީ، ތަފާތު ގިނަ މުނާސަބަތުތަކަށް ހެދުންތައް ފަރުމާކޮށްދެއްވާފައެވެ. މިގޮތުން، ކައިވެނި ޕާޓީތަކަށާއި، އުފަންދުވަހުގެ ޕާޓީތަކަށާއި، ފިލްމީ ދާއިރާގެ ފަންނާނުންގެ ލަވަތަކަށާއި، މިނޫންވެސް އެކިއެކި މުނާސަބަތުތަކަށް ހެދުން ފަރުމާކޮށްދެއްވާފައިވެއެވެ. މިހާތަނަށް ހަތަރުހާހަށްވުރެ ގިނަ ހެދުން   ފައްސަވާފައިވެއެވެ. އަދި ކައިވެނިތަކަށް އެކަނިވެސް ނުވަސަތޭކައަށްވުރެ ގިނަ ހެދުން ފައްސަވާފައިވެއެވެ.
 
އިބްރާހީމް ޢަލީ ވަނީ މިރޮނގުން އެތައްބަޔަކު ތަމްރީނުވެސް ކުރައްވާފައެވެ. މިކަން ގިނަބަޔަކަށް ދަސްކޮށްދެއްވުމަށް، ވަގުތުވެވަޑައިގެންނެވި މިންވަރަކުން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިގޮތުން، އދ.މަހިބަދޫގަޔާއި، އދ.މާމިގިލީގަޔާއި، ލ.މާމެންދޫގައި ތަފާތު ކޯސްތައް ހިންގަވައި، އެތައް ބަޔަކު ތަމްރީނު ކުރައްވާފައިވެއެވެ. މީގެއިތުރުން، ތަފާތު އެއްޗެހި ބޭނުންކޮށްގެން، ދަބަސްފަދަ ތަކެތި ހަދަން ދަސްކޮށްދެއްވުމާއި، މާ ހެދުމާއި، ބިއްލޫރީގަޔާއި، ކެންވަސްގައި ކުރެހުމާއި، އުކާލެވޭ ތަކެތީގެ ތެރެއިން ޕްލާސްޓިކް ފުޅިފަދަ ތަކެތި ބޭނުންކުރައްވައިގެން، ތަފާތު ތަކެތި ތައްޔާރު ކުރުމުގެ ތަމްރީނު ކޯސްތައްވެސް ހިލޭ ސާބަހަށް ހިންގަވައިދެއްވާފައިވެއެވެ. ކައިވެނީގެ ޙަފްލާތަކުގައި ބޭނުންކުރާ [ބޮކޭ] އަމިއްލަ ފަރުމާގެ މައްޗަށް ތައްޔާރު ކުރައްވައި، މިހާތަނަށް 900 އަށްވުރެ ގިނަ ބޮކޭ ހައްދަވާފައިވެއެވެ. އިބްރާހީމް ޢަލީ މިރޮނގުން ކުރައްވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ޕާޓީތަކުގެ ޑެކަރޭޝަން މަސައްކަތްތަކެވެ. މިއީ މިހާރު ވަރަށްފުޅާ ދާއިރާއެއްގައި   ކުރައްވާ މަސައްކަތެކެވެ.
 
އުކާލެވޭ ތަކެތީގެ ތެރެއިން ދެވަނަފަހަރަށް ބޭނުންކުރެވިދާނެކަމަށް މީގެކުރިން ހީކުރެވިފައި ނުވާފަދަ ތަކެތި ބޭނުންކުރައްވައިގެންވެސް ހެދުން ފަރުމާކުރައްވާފައިވެއެވެ. އެގޮތުން، ޗޮކްލެޓް ކަރުދާސް ބޭނުންކުރައްވައިގެން އިބްރާހީމް ޢަލީ ފަރުމާކުރެއްވި ހެދުން، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ. މި ހެދުން ފަރުމާ ކުރެއްވީ، 2003 ވަނަ އަހަރު ބޭއްވެވި ސްކޫލް ކުދިންގެ ލަވަ މުބާރާތަށެވެ.
 
އިބްރާހީމް ޢަލީގެ އުންމީދަކީ މިރޮނގުން އިތުރަށް ކުރިއަށް ވަޑައިގެން، ރާއްޖޭގެ އެތައް ބަޔަކަށް މި ހުނަރުވެރިކަން ދަސްކޮށްދެއްވައި، ރާއްޖޭގެ އަތޮޅުތަކަށް މިކަން އިތުރަށް ފުޅާކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމެވެ.