އަލްފާޟިލާ މަރްޔަމް ރާނީ
މަރްޔަމް ރާނީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 10 އޮކްޓޫބަރު 1983ގައި، ލ. ކަޅައިދޫ އޮފީހުގެ ކާތިބާގެ މަގާމުގައެވެ. އޭގެ ފަހުން، ލ. ކަޅައިދޫ އޮފީހުގެ ސީނިއަރ ކްލަރކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި، ލ. ގަމު ތުނޑީ އަވަށު އޮފީހުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް އެކައުންޓްސް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
ކަޅައިދޫ އޮފީހުގައި ފުރަތަމަ މަސައްކަތް ކުރެއްވި ދުވަސްވަރަކީ، މުވައްޒަފުން މަދު ދުވަސްވަރަކަށް ވުމުން، ޢާންމު ގޮތެއްގައި އޮފީހުގައި ކުރަންޖެހޭ އިދާރީ އަދި ފައިސާއާބެހޭ މަސައްކަތްތައް، މަރްޔަމް ރާނީ ކުރައްވައިފައި ވެއެވެ.
26 ޑިސެންބަރު 2004ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ކާރިސާއާ ގުޅިގެން ހައްދުންމަތީ ގަމަށް ދިރިއުޅުން ބަދަލުވެވަޑައިގަތުމާއެކު، އޭގެފަހުން މަރްޔަމް ރާނީ ވަޒީފާ އަދާކުރެއްވީ، ގަމުގެ ސިނާއީ އޮފީހުގައެވެ. ސިނާއީ އޮފީހުގައި އިދާރީ މުވައްޒަފުން މަދުވުމާ ގުޅިގެން އެ އޮފީހުގައިވެސް އިދާރީ މަސައްކަތްތަކާއި ފައިސާއާބެހޭ މަސައްކަތްތައް ކުރެއްވިއެވެ.
2010ވަނަ އަހަރު ހައްދުންމަތީ ގަމު ތުނޑީ އަވަށު އޮފީހަށް ބަދަލުވެވަޑައިގަތުމަށްފަހު، މަރްޔަމް ރާނީ ކުރައްވަމުން ގެންދެވީ، ފައިސާއާބެހޭ މަސައްކަތްތަކެވެ. ގަމަކީ ގިނަ ބިންތަކަކާއި، އިމާރާތްތަކެއް ކުއްޔަށް ދޫކޮށްފައިވާ ރަށަކަށްވުމުން، ކުއްޔަށްދޭ އިމާރާތްތަކާއި، ބިންތަކުގެ އެއްބަސްވުންތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ފައިސާ ބަލައިގަތުމާއި، މިކަމާ ގުޅިގެން ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހައި މަސައްކަތްތައްވެސް ކުރައްވަމުން ގެންދަވައެވެ. މިއީ، ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ މަސައްކަތްތަކަކަށް ވުމުން، ރަސްމީ ގަޑީގެ އިތުރުންވެސް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރައްވަން ޖެހިވަޑައިގަންނަވައެވެ.
މަރްޔަމް ރާނީ ފާހަގަކުރެވިފައިވަނީ، މަސައްކަތަށް އިސްކަން ދެއްވައިގެންނާއި، ކަމަށް ކަމޭހިއްތަވައިގެން މަސައްކަތް ކުރައްވާ މުވައްޒަފެއްގެ ގޮތުގައެވެ. މަރްޔަމް ރާނީ، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 42 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ލ. އަތޮޅުގެ ގިނަ ރަށްރަށުގެ ވެރިންނާއެކުގައި މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މަރްޔަމް ރާނީ، މިހާރު ހުންނެވީ، ލ. ގަމު ކައުންސިލްގެ އިދާރާގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ.