އަލްފާޟިލާ މަރްޔަމް މާޖިދާ ޢަލީ
ބީޗްފުލެޓް، ސ. މަރަދޫ

މަރްޔަމް މާޖިދާ ޢަލީ، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 2 އޮކްޓޫބަރު 1982 ގައި، މިނިސްޓްރީ އޮފް ހެލްތުގެ 2 ނަންބަރު ކާތިބާއެއްގެ މަގާމުންނެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރސްގެ މަގާމާއި، ސެންޓްރަލް ހޮސްޕިޓަލްގެ 1 ނަންބަރު ނަރސްގެ މަގާމާއި، ޖޫނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، އެސިސްޓެންޓް ނަރސްގެ މަގާމާއި، އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ނަރސްގެ މަގާމާއި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެސިސްޓެންޓް ނަރސްގެ މަގާމާއި، ސީނިއަރ އެސިސްޓެންޓް ނަރސްގެ މަގާމާއި، ޕްރެކްޓިކަލް ނަރސްގެ މަގާމު ހިމެނެއެވެ. މަރްޔަމް މާޖިދާ ޢަލީ މިހާރު ހުންނެވީ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގެ އެންރޯލްޑް ނަރސްގެ މަގާމުގައެވެ.

މަރްޔަމް މާޖިދާ ޢަލީ، މިނިސްޓްރީ އޮފް ހެލްތުގައި މައިގަނޑު ގޮތެއްގައި ކުރެއްވީ، އިދާރީ މަސައްކަތްތަކެވެ. އައްޑުއަތޮޅު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން އިންތިޒާމުކޮށްގެން ފުވައްމުލަކުގައި ހިންގި ވެކްސިން ޕުރޮގުރާމުގައި ޚިދުމަތް ކުރެއްވުމުގެ އިތުރުން، ޑޮކްޓަރުންގެ ޓީމުތަކާއެކުގައި، އައްޑުއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން ބަލިމީހުން ބެލުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

މަރްޔަމް މާޖިދާ ޢަލީ، ހޮސްޕިޓަލްތަކުގައި ޚިދުމަތް ކުރެއްވި މުއްދަތުގެ ތެރޭގައި ތަފާތު އެކިއެކި ވޯޑު ތަކުގައްޔާއި، އޯ.ޕީ.ޑީ. އަދި އިމަރޖެންސީ ރޫމްގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ކުރައްވައިފައިވާ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ހިންގުނު އައި ކޭމްޕް ތަކުގައި ބައިވެރިވެވަޑައިގެން، އެ ކޭމްޕް ތަކުގައި ކުރެވުނު ލޮލުގެ އޮޕަރޭޝަންތަކުގައިވެސް ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މަރްޔަމް މާޖިދާ ޢަލީ ކުރައްވަމުން ގެންދަވާ ޚިދުމަތާ ގުޅިގެން ތަޢުލީމީ ޤާބިލުކަން އިތުރު ކުރެއްވުމަށްޓަކައި ބޭނުންވާ ތަޢުލީމާއި ތަޖުރިބާ އިތުރަށް ފުރިހަމަކުރެއްވުމުގެ ގޮތުން އިންޑިޔާގެ މަދޫރާއީގެ އަރުވިންދު އައި ހޮސްޕިޓަލުން 2010ވަނަ އަހަރު ވަނީ "އޯޓީ" ޓެކްނިކް ތަމްރީނު ފުރިހަމަ ކުރައްވައިފައެވެ. އަދި، މި ތަމްރީނު ފުރިހަމަ ކުރައްވައި ރާއްޖެ ވަޑައިގެން، އައި.ޖީ.އެމް.އެޗް.ގައްޔާއި، ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރެވުނު ލޮލުގެ އޮޕަރޭޝަންތަކުގައި ބައިވެރިވެވަޑައިގެން ދިގު މުއްދަތެއްގައި އެހީތެރިވެ ދެއްވައިފައި ވެއެވެ.

މަރްޔަމް މާޖިދާ ޢަލީގެ އަގުހުރި ޚިދުމަތާ ގުޅިގެން ލިބިވަޑައިގެންފައިވާ ހަނދާނީ ލިޔުންތަކާއި، އެވޯޑުތަކުގެ ތެރޭގައި، ޞިއްޙީ ދާއިރާއަށް 25 އަހަރު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންނަށް ދެއްވި ހަނދާނީ ލިޔުމާއި، 30 އަހަރު އަދި 35 އަހަރު ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންނަށް ދެއްވި އެވޯޑާއި، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާތީ، ޞިއްޙީ ދާއިރާއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެއްވި ޚާއްޞަ އެވޯޑު ހިމެނެއެވެ.

މަރްޔަމް މާޖިދާ ޢަލީއަކީ، ދިވެހި ދައުލަތުގެ ޚިދުމަތުގައި 42 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ނަމޫނާ ހީވާގި ކަނބަލެކެވެ.